26 ޑިސެމްބަރ 2021 - 05:56

ޑަކުޓަރުންނަށް ގޮތް ހުސްވެއްޖެއެވެ. ދޭނެ އިތުރު ބޭހެއް ނެތެވެ. ދިން އެއްވެސް ބޭހަކުން އަޒްރާއަށް ފައިދާއެއް ނުކުރިއެވެ. ބޮލުގަރިހުން ލުޔެއް ނުވިއެވެ. އުމުރުން ފަންސަވީސް އަހަރުގައި އަޒްރާއަށް އެނދުހުރަސްބަލި ޖެހިއްޖެއެވެ. ކާހިތެއް ނުވެއެވެ. އެނދުން ތެދުވާ ހިތެއް ނުވެއެވެ. އެނދުގައި އޮވެވޭކަށް ނެތްމެއެވެ. އެކަނިވެރިމަޔެކެވެ. ތިން އަހަރުގެ ދަރިޔަކު އެބަހުއްޓެވެ. ދަރިފުޅު އެހާ ހަލަންޏެވެ. އެނދަށް އަރައިފައި ފުންމައިލަފާނެއެވެ. ސޯފާއިން ކުޑަމޭޒަށް ފުންމައިލަފާނެއެވެ. އެ ކުއްޖާފުޅަކީ އަޒްރާގެ ހިތެވެ. އޭނަ ގައިގައި އެޅޭ ކޫރުމަކީ އަޒްރާގެ ހިތުގައި އެޅޭ ކޫރުމެކެވެ. އެހެނަސް، ސައުވީސް ގަޑިއިރު ރިހިލަރިހިލާ ހުންނަ ބޮލުގެ ސަބަބުން، އަޒްރާގެ ރޭދުވާ ދިގުވެއްޖެއެވެ. ރުޅި ގަދަވެއްޖެއެވެ. ނިދެނީ ބޮލުގަރިހެނިކޮށެވެ. ހޭލެވެނީ ވެސް ރިހެނިކޮށެވެ. އޭގެ އިތުރަށް، މޭނުބައިކުރަން ފެށުމުން ރިހޭ ފައި މައްޗަށް ފޮއި ވެސް ވެއްޓުނީއެވެ.
އަޒްރާއަކީ މާލޭ ކުއްޖެކެވެ. ހަތް އަންހެންކުދިންގެ ބޮޑު އާއިލާއެެއްގެ މެންބަރެކެވެ. އަޒްރާގެ މައިންބަފައިން ދުނިޔޭގައި އެބަ ތިއްބެވެ. ޒަވާޖީހަޔާތަށް ބަލާ އިރު އަޒްރާ ކައިވެނިކުރީ، ކުޑަ އިރުއް ސުރެ ލޯބިވި މީހާޔާއެވެ. ހީކުރެވުނެވެ. އަޒްރާއަށް އޭނަ ވަރަށް ރަނގަޅަށް ދަސްވެއްޖެއެވެ. ނޫނެކެވެ. އަންބަކަށް ވުމުން އަޒްރާއަށް ފެނުނީ މުޅީން އެހެން މީހެކެވެ. އޭނަގެ މުރާލިކަން ކަންނެތްކަމަށް ބަދަލުވިއެވެ. ތެދުވެރިކަން ކެހިވެރިކަމަށް ބަދަލުވިއެވެ. އޯގާތެރިކަން ދަހިވެތިކަމަށް ބަދަލުވިއެވެ. ދަރިއަކު ލިބި ދަރިފުޅަށް އަހަރު ނުވަނީސް އެ ކައިވެނީގައި ނިމުމުގެ ސިއްކަޖެހިއްޖެއެވެ. އެކަމަކު އަޒްރާގެ އާއިލާގެ ފަރާތުން އަޒްރާއަށް ލިބުނީ އާދަޔާހިލާފު އެހީތެރިކަމެކެވެ.
ހަޔާތުގެ ފުރަތަމަ ބާބު ކާމިޔާބުނުވުމުން، އެ ބާބު ނިންމައިލުމަށް ފަހު ދެވަނަ ބާބެއް އަޒްރާ ލިޔަން ފެށިއެވެ. ނައުޝާދަކީ އަޒްރާގެ ހަޔާތަށް އައި ދެވަނަ މީހާއެވެ. ކުރީގެ ފިރިމީހާއަށް ވުރެ ނައުޝާދު ހެޔޮވާނެހެން އަޒްރާއަށް ހީވެއެވެ. އުންމީދަކީ ވެސް އެއީއެވެ. ނައުޝާދު ބޭނުމީ ވީހާ ވެސް އަވަހަކަށް ކައިވެނިކުރާށެވެ. އެ ކަމަށް ހުރަސްއަޅަނީ އަޒްރާއަށް ކުރިމަތިވެގެން އުޅޭ، ގޮތް ނޭނގޭ ބައްޔެވެ. ޓެސްޓަކުން ނުފެންނަ، ބޭހަކުން ފަރުވާ ނުލިބޭ ބައްޔެވެ. އަޒްރާގެ އާއިލާގެ އެހީގައި ލަންކާއަށާއި، އިންޑިޔާއަށް ވެސް އަޒްރާ ދިޔައެވެ. އެކި ޒާތުގެ ޓެސްޓުތައް ހަދައި ބޭސްކުރިއެވެ. ރާއްޖެއިން ބޭރުގައި ހުންނަ ދުވަސްކޮޅު ރިހުން މެދުކެނޑޭ ވެސް މެއެވެ. އެކަމަކު މާލެއަށް އަންނަތާ، ގިނަވެގެން ދެ ހަފުތާއެއް ތެރޭގައި އަނެއްކާ ވެސް ބޮލުގަރިހެން ފަށައެވެ.
މައްސަލައިގެ ކޮޅެއްމެދެއް ނުފެނިގެން އުޅެނިކޮށް، ބަލީގެ ގިޔަރު ދުވެލި ބަދަލުކޮށްލިއެވެ. އަޒްރާއަށް ބިރުވެރި ހުވަފެން ފެންނަން ފެށިއެވެ. ހޭލައި ހުއްޓައި ސިއްސައިގެންދާން ފެށިއެވެ. އެކަނި ހުންނަ ވަގުތު، ގާތުގައި "އެއްޗެއް" އުޅޭހެން ހީވާން ފެށިއެވެ. މޫނަށް ނޭވާއެޅޭހެން ހީވާން ފެށިއެވެ. މީހަކު ހުރަސްކުރުމުން ހަށިގަނޑަށް ކުރެވޭ އިހުސާސް ކުރެވެން ފެށިއެވެ. އަޒްރާ ބުނާ ގޮތުގައި އޭނައަށް ކަޅު ހިޔަންޏެއް ވެސް ފެންނަހެން ހީވެއެވެ.
އަޒްރާ އެ ވާހަކަތައް ކިޔައިދޭކަށް ބޭނުމެއް ނޫނެވެ. އެ ކަހަލަ ކަންކަން ގަބޫލުނުކުރުމާއި، މީހުންގެ މަލާމާތް ލިބިދާނެކަމަށް ލަދުންނެވެ. އެކަމަކު ނައުޝާދާ އެކުގައި ޓީވީބަލަން އިނދެފައި، ކުއްލިއަކަށް އަޒްރާ ސިއްސައިގެންދިޔުމުން ދެން ދައްކާނެ ބަހަނާއެއް އަޒްރާއަކަށް ނުވިސްނުނެވެ. ސިއްސައިގެންދިޔަ ސަބަބު ބުނެދޭން އަޒްރާއަށް މަޖުބޫރުވި ގޮތަކީ އެއީއެވެ.
"އަހަންނަށް ފެނޭ އަޒްރާ މީހަކާ މީޓުކޮށްލަން،" ނައުޝާދު އެދުނެވެ. "ވާހަކަދައްކައިލުމަކުން ގޯހެއް ނެތެއްނު!"
"ތިހެންވެ އަހަރެން މި ވާހަކަ ނުދައްކަން މި ހުންނަނީ ވެސް،" ހިތްހަމަނުޖެހިފައި އަޒްރާ ބުންޏެވެ. "ދެން ފޭކުމީހުން އައިސް ފޭކު ކަންތައް ކުރާނީ. އެއްޗެހި ބޯންދީ، ތަވީދު އަޅުވާ، ކޮޓަރީގަ އެއްޗެހި ހިއްޕާ.. އެކަކު ބުނާނެ ޖިންނިއެކޭ، އަނެކަކު ބުނާނެ ހަންޑިއެކޭ.. ހުސް ފޭކު."
ޖިންނިސައިތާނުންގެ ހަގީގަތް އަޒްރާއަށް ގަބޫލުނުކުރެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. އެކަމަކު އަޒްރާ އެ ވާހަކައެއް ނުދައްކައެވެ. ދެއްކޭ ވަރަށް ހަނދާނެއް ވެސް ނެތެވެ. ހަޔާތުގެ ޑައެރީގައި ލިޔެފައިވާ ކަޅު ސަފުހާ އަލުން ބެލުމުގެ އެއްވެސް ޝައުގުވެރިކަމެއް އަޒްރާގެ ނެތެވެ. އެތައް ސަބަބަކަށް ޓަކައެވެ. އަޒްރާ ވިސްނަނީ މިހެންނެވެ. ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އާއިލީ ބޮޑު ސިއްރެއް އޮންނާނެއެވެ. އެއީ އަޒްރާގެ ސިއްރެވެ. އެ ވާހަކައެއް ދެއްކުމުން އިތުރަށް ފަލީހަތްވުން ނޫންކަމެއް ނުވާނެ ބޮޑުސިއްރެވެ.
އަޒްރާއަށް ވިސްނައިދޭކަށް ނައުޝާދު މަސައްކަތެއް ނުކުރެއެވެ. މިޒާޖު ރަނގަޅަށް އެނގޭތީއެވެ. އެހެނަސް، އެހީވާން ނައުޝާދު ބޭނުމެވެ. އަޒްރާއަށް ލުޔެއް ހޯދައިދޭން ކުރެވިދާނެ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. ވީމާ، ނައުޝާދު އެކަނި ވިޔަސް އެ މަސައްކަތުގެ ފުރަތަމަ މަރުހަލާޔާ ކުރިމަތިލިއެވެ. މަތީންގެ ނަންބަރު ހޯދައިގެން އޭނަޔާ ގުޅިއެވެ. މަތީނަކީ ރާގީއެކެވެ. ރުގުޔާކުރާ މީހެކެވެ. ނައުޝާދުގެ ރައްޓެއްސެއްގެ ރައްޓެއްސެކެވެ. ނައުޝާދު ދުވަހަކު ވެސް މަތީނެއް ނުދެކެއެވެ. ދެ މީހުން ދިމައެއް ވެސް ނުވެއެވެ.
ފޯނުން ގަޑި ހަމަޖެއްސުމަށް ފަހު، ފުރަތަމަ ބައްދަލުވުމަށް ނައުޝާދު ދިޔައެވެ. މަތީން ހުރީ ނައުޝާދު އުންމީދުކުރި ގޮތަކަށް ނޫނެވެ. އެއަށް ވުރެ މާ ޒަމާނީކޮށެވެ. މަތީނަކީ އުމުރުން ތިރީސް ހަތް އަހަރުގެ މީހެކެވެ. އޭނަ ލައިގެން ހުރީ، ކުލަ ވެއްޓިފައިވާ ނޫކުލައިގެ ޑެނިމް ޖިންސަކާއި، އާދައިގެ ޓީޝާޓެކެވެ. ބޯކޮށައިފައި ހުރީ ވަރަށް ތުނިކޮށެވެ. ހަމަ އެހާމެ ތުނި ތުނބުޅިމަތިމަހެއް ވެސް ހުއްޓެވެ. ދެ މީހުން ސަލާންކޮށްލުމަށް ފަހު ވާހަކަ ކުރިޔަށް ގެންދިޔައެވެ.
"އަހަރެން ހީކުރި ގޮތަކަށް ނޫން ތިހިރީ،" އެކުވެރި ޖައްވެއް އުފެއްދުމަށް ޓަކައި ނައުޝާދު ބުންޏެވެ. "ރުގުޔާކުރާ މީހުން ތިހެން ތިބޭތަ؟"
"ކިހިނެއް ތިބެން ޖެހޭނީ؟" ހިނިތުންވެލައިފައި މަތީން ބުންޏެވެ. "ބޮޑު ތުނބުޅިއަކާ ޖުއްބާއެއް ލާފަ؟ ތީ ވަރަށް ގިނަ މީހުން ބުނާ އެއްޗެއް. އަހަރެންގެ ބޭރުފުށުން މި ފެންނަ ތަފާތުކަން، އަހަރެންގެ މަސައްކަތުން ވެސް ފެންނާނެ. އަހަރެން މި ކަން ކުރަނީ އެހެން މީހުން ކުރާ ގޮތަކަށް ނޫން."
ނައުޝާދުގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. މަތީން ބުނި އެއްޗެއް ނައުޝާދަކަށް ނުވިސްނުނެވެ.
"ނުވިސްނުނު ދޯ؟ އަދި ވިސްނޭނެ،" މަތީން ބުންޏެވެ. "ހިނގާ ފަށަމާ! މިއަދަކު ނެތް މާ ގިނަ އިރު އިނދެވޭކަށް ވެސް."
ނައުޝާދު ކަރުކެހިލިއެވެ. ގޮނޑީގައި ހަމަޖެހިލިއެވެ. ފޯނު ނަގައިފައި ފޮޓޯއެއް ދައްކައިލިއެވެ.
"މީ އަޒްރާ! އަހަރެންގެ ބިޓު!" ކަންބޮޑުވެފައިވާ ރާގެއްގައި ނައުޝާދު ބުންޏެވެ. "މީނައަށް ދިމާވެގެން އުޅޭ ކަމެއް ހައްލުކުރަން މި ޖެހެނީ. މެރީކުރެވެން ވެސް މި އަންނަނީ، މި ކަމެއް ރަނގަޅުވެގެން. އެކަމަކު، އޭނައެއް މި ތާކަށް ނުގެނެވޭނެ. އޭނަ ވެސް އޭނަގެ އާއިލާގެ މީހުންނެއް ވެސް ރުގުޔާ ގަބޫލެއް ނުކުރޭ! ޖިންނިމޮޔަވުމާ، ސިހުރާ، ފަންޑިތަ ވެސް ގަބޫލެއް ނުކުރޭ! މަތީން ފެންފުޅިއެއް ކަހަލަ އެއްޗެއް ދީފިއްޔާ، އަޒްރާއަށް ވަގަށް އޭނައަށް ބޯންދެވިދާނެ. ކޮބާ އަގަކީ؟"
މަތީން ބޯކަހައިލިއެވެ. ކޮންމެ ކަމެއް ކުރަން ވެސް އުސޫލުތަކެއް ހުރެއެވެ. އޭގެ ތަފުސީލަށް ދާކަށް މަތީނަކަށް ވަގުތެއް ނެތެވެ.
"ބައެއް މީހުން ކައިރީގަ ތިހެން ބުނީމަ އެ މީހުން ބޮޑު އަގެއް ކިޔާފަ ފެންފުޅިއެއް ދޭ،" ޖަވާބު ވީހާ ވެސް ކުރުކުރަން މަތީން މަސައްކަތްކުރިއެވެ. "އަހަންނެއް ނުދެން. އަހަންނަކީ ބަލިމީހާ ނުފެނި ބޭސްސިޓީ ދޭ ޑަކުޓަރެއް ނޫން."
"ތި ޖެހުނީ ބޮޑުކަމަކާ!" ފިކުރު ބޮޑުވެފައި ނައުޝާދު ބުންޏެވެ. "ފުރަތަމަ ބުނެބަލަ! ރުގުޔާކޮށްގެން ނަފުސާނީ ކަންކަން ރަނގަޅުކުރެވޭތަ؟"
"ރުގުޔާކޮށްގެން ރަނގަޅުވާނީ ނަފުސާނީ ކަންކަން އެކަނި،" މަތީން ޖަވާބުދިނެވެ. "ޖިސްމާނީ ކަންކަމެއް ރަނގަޅެއް ނުކުރެވޭނެ. މީހެއްގެ ތަނެއް ހަލާކުވެފަ ހުއްޓައި ރުގުޔާކޮށްލާ އިރަށް އެ ތަނެއް ފަސޭހައެއް ނުވާނެ."
މަތީން ގަބޫލުކުރާ ގޮތުގައި، ޖިންނިމޮޔަވާ މީހުންގެ ދުނިޔޭގައި، ހުރިހައި އެއްޗެއް ވެސް އުޅޭނީ ސިކުނޑިތެރޭގައެވެ. އޭނައަށް ފެންނަ އެއްޗެހި އެހެން މީހުންނަކަށް ނުފެންނާނެއެވެ. އިވޭ އަޑުތައް އެހެން މީހުންނަކަށް ނީވޭނެއެވެ. އިންސާނާ ގުޅިފައި ހުންނާނީ ރޫހާނީ ދުނިޔެއަކާއެވެ. ރުގުޔާ ފެށުމުގެ ކުރިން، ބަލިމީހާއަށް ކުރިމަތިވެފައި ހުރީ ނަފުސާނީކަމެއް ތޯ ނުވަތަ ޖިސްމާނީކަމެއް ތޯ ކަށަވަރުކުރަން ޖެހެއެވެ. ނަފުސާނީ މައްސަލަޔާ ގުޅިފައި ހުރީ ކޮން ކަހަލަ ރޫހާނީ ބާރަކާ ތޯ ވެސް ބަލަންޖެހެއެވެ. ބަލިމީހާ ގާތުގައި އެތައް ސުވާލެއް އަހަންޖެހެއެވެ. އެ ހުރިހައި ވާހަކައެއް ކުރުކޮށް މަތީން ކިޔައިދިނެވެ.
ފުރަތަމަ ބައްދަލުވުން ނިންމައިލި އިރު ނައުޝާދަށް ކުރެވުނީ މަސްހުނި އިހުސާސެކެވެ. އަޒްރާ ރަނގަޅު ކުރެވޭނެއެވެ. އެކަމަކު އަޒްރާގެ އެހީތެރިކަން މަތީނަށް ލިބޭނެ ހެއްޔެވެ؟ މަތީންގެ ތަޖުރިބާ އެބަ ހުއްޓެވެ. އެކަމަކު އަޒްރާ ނުރުހިއްޖެއްޔާ މަތީން އެހީވާނެބާއެވެ؟
އަޒްރާގެ ހިޔާލު ބަދަލުކުރުމަށް ޓަކައި އޭނައަށް ނަސޭހަތްދޭން ނައުޝާދު ނިންމިއެވެ. ރިޝްވަތުގެ ގޮތުގައި ބޭނުންކުރުމަށް ރީތި މާބޮނޑިއަކާއި ޗޮކުލެޓެއް ގަތެވެ. ރެޔަކީ ވިއްސާރަ ރެޔެކެވެ. ގަޑިން އަށެއްޖެހިތާ މާ ގިނަ އިރެއް ނުވެއެވެ. އަޒްރާގެ ކޮޓަރީގެ ދޮރުމައްޗަށް އެރި އިރު ދޮރު ހުރީ ހުޅުވައިފައެވެ. ސަޖިދައިގައި އޮންނަ އިރު އޮންނަ ކަހަލަ ގޮތަކަށް އަޒްރާ އޮތެވެ. ބޮލުގައި ދެއަތް އަޅައިގެންނެވެ. ނައުޝާދު ދޮރުގައި ޓަކިޖަހައިލިއެވެ. އަޒްރާ ބަލައިލިއެވެ.
"އަނެއްކާ ވެސް އައީ؟" ރިހުމަކަށް ކެތްކުރަމުން ބުނާ ކަހަލަ ގޮތަކަށް އަޒްރާ ބުންޏެވެ.
"އޭނ؟" އެތެރެއަށް ވަންނަމުން ނައުޝާދު ބުންޏެވެ. "އަނެއްކާއޭ؟"
ކުޑަ އުނދަގުލަކާއެކު އަޒްރާ އިށީނދެލިއެވެ. އެކަމަކު ނައުޝާދުގެ ސުވާލަކަށް ޖަވާބެއް ނުދިނެވެ. ބަލަހައްޓައިގެން އިނީއެވެ. ހަގީގަތުގައި، އޭގެ ކުޑަ އިރުކޮޅެއް ކުރިން ނައުޝާދު އައިސް އެނދުގައި އިށީންހެން އަޒްރާއަށް ހީވިއެވެ. ނައުޝާދުގެ ސެންޓު ވަސް ވެސް ދުވިއެވެ. އެކަމަކު އަޒްރާ ބަނޑުންއޮވެ ވާހަކަދެއްކުމުން ވެސް ނައުޝާދު އެއްޗެއް ނުބުނެއެވެ. ވީމާ، މާބޮނޑި ހިފައިގެން ހުރީ އަސްލު މީހެއްކަމެއް އަޒްރާއަކަށް ޔަގީނެއް ނޫނެވެ. ނައުޝާދު ލުއި ހިނިތުންވުމަކާ އެކު މާބޮނޑި ދިއްކޮށްލުމުން، މާބޮނޑިއަށް ކަޅިއަޅަމުން އަޒްރާ މާބޮނޑީގައި ހިފިއެވެ. ހަމަ ހިފުމާއެކު މާބޮނޑި އެއްލައިލައިފައި އެނދުމަތީގައި ތެޅިފޮޅެން ފެށިއެވެ. ގައި ފޮޅަން ފެށިއެވެ. ހީވަނީ މާބޮނޑިން ނުކުތް އެއްޗެހިތަކެއް އަޒްރާ ގައިގެ އެތަންމިތަނަށް އެރިހެންނެވެ.
ނުނިމޭ