ޕުޓިން އަށް ރަޝިއާގެ މިހާރުގެ އާބާދީ މާ ކުޑަ
ޕުޓިން އަށް ރަޝިއާގެ މިހާރުގެ އާބާދީ މާ ކުޑަ

ބިމުގެ ގޮތުން ބަލާއިރު ރަޝިއާއަކީ ބޮޑު ގައުމެއް ނެތް ނަމަވެސް އެ ގައުމުގައި މިހާރު އެކަށީގެންވާ އާބާދީއެއް ނެތް ކަމަށާއި އެކަމާ ދޭތެރޭ ފުންކޮށް ވިސްނަން ޖެހޭ ކަމަށް ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު މީޑިއާތަކާ ބައްދަލު ކުރައްވައި އޭނާ ވިދާޅުވީ ރަޝިއާގެ މިހާރު އާބާދީ ކަމަށްވާ 146 މިލިއަނަކީ އެކަށީގެންވާ އަދަދެއް ނޫން ކަމަށާއި އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މައްސަލަތައް ވެސް ދިމާވެދާނެ ކަމަށެވެ.

"ހަމަ ޔަގީނުން ވެސް މިހާ ބިން ބޮޑު ގައުމަކާ ބަލާފައި 146 މިލިއަންގެ މީހުންގެ އާބާދީ އަކީ ފުދޭ މިންވަރެއް ނޫން. މީގެ ސަބަބުން އެންމެ ބޮޑު ލޮޅުމެއް ކުރިމަތިވާނީ ގައުމުގެ އިގުތިސާދަށް. މިހާރު ވެސް ބޭނުންވާ ވަރަކަށް އިންސާނީ ވަސީލަތްތަކެއް ނެތް." ޕުޓިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ އާބާދީ އިތުރުކުރަން މަސައްކަތްތަކެއް ކުރަން ޖެހިފައިވެ އެވެ. އެގޮތުން 2024 އާއި 2030 އާ ދެމެދު ގައުމުގެ އާބާދީ އިތުރު ކުރުމާ ދޭތެރޭ ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިހާރު އަހަރެމެންގެ މަސައްކަތުގެ އާބާދީ އަކީ އަށްޑިހަ އެއް މިލިއަން. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މާ ބޮޑަށް އިންސާނީ ވަސީލަތްތަކުގެ ދަތިކަން ދިމާވާނެ. އެހެންވުމާ އެކު އެބަޖެހޭ އާބާދީ އިތުރުކުރެވޭނެ ޕްލޭންތަކާ ދިމާއަށް ދާން." ޕުޓިން ވިދާޅުވި އެވެ.

އެގޮތުން ތައުލީމާއި ސިއްހަތާއި ޑިޖިޓައިލައިޒޭޝަން ފަދަ ދާއިރާތަކުގެ މުސްތަގުބަލު ވެސް ގުޅިފައި އޮތީ އިތުރުކުރެވޭ އާބާދީއާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމާ އެކު، ޕްލޭންތަކެއްގެ ދަށުން ރޭވިގެން ޕްރޮގްރާމްތަކެއް ހިންގަން ޖެހޭ ކަމަށް ޕުޓިން ވިދާޅުވި އެވެ.

"އާބާދީ މިހާރު އޮތް ނިސްބަތަކީ އަހަރެމެން ފަރުވާ ކުޑަކޮށްލައިގެން ތިބެވޭ ވަރުގެ ކަމެއް ނޫން." ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ގައުމުގެ ގޮތުގައި ފާހަގަކޮށްލެވޭ ރަޝިއާގެ ރައީސް ވިދާޅުވި އެވެ.

ރަޝިއާގެ ސަރުކާރުން މި އަހަރުގެ ޖެނުއަރީގައި އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި 15 އަހަރުގެ ތެރޭގައި އުފަންވާ ރޭޓް ވަރަށް ބޮޑަށް ދަށް ވެފައިވެ އެވެ. އެ ނިސްބަތް ދަށްވަމުން އައިސް 2019 ގައި އުފަންވާ ރޭޓް 8 ޕަސެންޓްގައި އޮތުމަށް ފަހު، މިދިޔަ އަހަރު އެ ނިސްބަތް ވަނީ ތިން ޕަސެންޓަށް ދަށްވެފަ އެވެ.

ރަޝިއާގެ އާބާދީ އިތުރުނުވާ މުހިއްމު ސަބަބުތަކުގެ ތެރޭގައި އުފަންވާ ރޭޓް ދަށްވުމާ އެކު އެ ގައުމަށް ހިޖުރަކުރާ މީހުންގެ އަދަދު ދަށްވުން ވެސް ހިމެނެ އެވެ. ރަޝިއާގައި މިހާރު އެވްރެޖް ލައިފް އެކްޕެކްޓަންސީ އަކީ 70.1 އަހަރެވެ.

ރަޝިއާއަކީ ދުނިޔޭގެ އެންމެ ބިން ބޮޑު ގައުމެކެވެ.