ނިއުކާސަލް އާ އެއްވަރުވެ، ޔުނައިޓެޑާ އެކު ރަންގްނިކްގެ ހަނީމޫން ނިމުމަކަށް
ނިއުކާސަލް އާ އެއްވަރުވެ، ޔުނައިޓެޑާ އެކު ރަންގްނިކްގެ ހަނީމޫން ނިމުމަކަށް

މެންޗެސްޓާ (ޑިސެމްބަރު 28) - ކޮވިޑް-19 އާ ގުޅިގެން ދެ މެޗު ފަސްކުރުމަށް ފަހު، މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ނިއުކާސަލް ޔުނައިޓެޑާ އެއްވަރު ވެއްޖެ އެވެ.

ނިއުކާސަލް އާ އެއްވަރުވެ، ޔުނައިޓެޑާ އެކު ރަންގްނިކްގެ ހަނީމޫން ނިމުމަކަށް
ނިއުކާސަލް އާ އެއްވަރުވެ، ޔުނައިޓެޑާ އެކު ރަންގްނިކްގެ ހަނީމޫން ނިމުމަކަށް

ނިއުކާސަލްގެ ދަނޑުގައި ރޭ ޔުނައިޓެޑުން ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. ޔުނައިޓެޑްގެ ކޯޗުކަމާ މިމަހު ކުރީކޮޅު ހަވާލުވި ޖަރުމަންގެ ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ވަނީ މީގެ ކުރިން ލީގުގައި ދެ މެޗު ކުޅެފަ އެވެ. އެ ދެ މެޗުން ވެސް ޔުނައިޓެޑް މޮޅުވެފައިވާއިރު، އޭގެ ފަހުން ޓީމު ތެރޭ ކޮވިޑް ފެތުރެން ފެށުމާ އެކު ޔުނައިޓެޑުން ބްރެންޓްފޯޑާއި ބްރައިޓަންއާ ދެކޮޅަށް ލީގުގައި ކުޅެން ތާވަލު ކޮށްފައި އޮތް މެޗުތައް ވަނީ ފަސް ކޮށްފަ އެވެ.

ނިއުކާސަލް އާ އެއްވަރުވެ، ޔުނައިޓެޑާ އެކު ރަންގްނިކްގެ ހަނީމޫން ނިމުމަކަށް
ނިއުކާސަލް އާ އެއްވަރުވެ، ޔުނައިޓެޑާ އެކު ރަންގްނިކްގެ ހަނީމޫން ނިމުމަކަށް

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ނިއުކާސަލް އިންނެވެ. މެޗުގެ ހަތް ވަނަ މިނިޓުގައި ޔުނައިޓެޑުގެ ރަފައެލް ވަރާން އަތުން ނިއުކާސަލްގެ ޝޯން ލޯންގްސްޓާފް ބޯޅަ ހޯދައި އެލަން ސެއިންޓް-މެކްސިމައިން އަށް ބޯޅަ ދިނެވެ. އޭނާ ވަނީ ޑިއޯގޯ ޑަލޯ އާއި ހެރީ މެގުއާ ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ، ކީޕަރު ޑޭވިޑް ޑެހެއާ ހުރި ފިޔަވަޅު މަތީ ބަހައްޓައި ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ ފަހުން ވެސް ސެއިންޓް-މެކްސިމައިންގެ ޕާހަކުން ކެލަމް ވިލްސަން އިތުރު ގޯލެއް ނިއުކާސަލް އަށް ޖަހައިދިނެވެ. ނަމަވެސް ލައިންސްމަން ވަނީ އޭރު އޮފްސައިޑް ދިދަ ނަގައިފަ އެވެ.

ދެވަނަ ހާފު ފެށިގެން ނިއުކާސަލްގެ ސެއިންޓް-މެކްސިމައިން އަށް ވަނީ ލީޑު ފުޅާކުރަން އިތުރު ފުރުސަތެއް ލިބި ނާކާމިޔާބުވެފަ އެވެ. ސިކްސް ޔާޑު ބޮކްސް ތެރޭ ހުރެ އޭނާ ފޮނުވާލި ބޯޅަ މަތަކުރީ ޔުނައިޓެޑްގެ ކީޕަރު ޑެހެއާ އެވެ.

ޔުނައިޓެޑަށް އެއްވަރު ކޮށްދިނީ މެޗުގެ 71 ވަނަ މިނިޓުގައި އެޑިންސަން ކަވާނީ އެވެ. ޑަލޯ ހުރަސް ކޮށްލި ބޯޅައެއް ކަވާނީ ކުރިޔަށް ފޮނުވާލުމުން ނިއުކާސަލްގެ ޑިފެންޑަރުން ބްލޮކް ކުރި ވަގުތު ރީބައުންސްވެފައި އައި ބޯޅަ ކަވާނީ ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ. މެޗުގައި ކަވާނީ ކުޅެން އެރީ ދެވަނަ ހާފުގައި، އެ ޓީމުގެ ޖޭޑަން ސަންޗޯގެ ބަދަލުގަ އެވެ.

ޔުނައިޓެޑުން އެއްވަރު ކުރި ފަހުން ވެސް ނިއުކާސަލް އިން ވަނީ އަލުން ލީޑު ހޯދަން ޔުނައިޓެޑުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނިއުކާސަލްގެ ޖޭކޮބް މާފީ ފޮނުވާލި ބޯޅައެއް ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައުމުން، މިގޭލް އަލްމިރޯން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ދިފާއުކުރީ ކީޕަރު ޑެހެއާ އެވެ.

މި ނަތީޖާއާ އެކު ދެ މެޗު މަދުން ކުޅެ، ޔުނައިޓެޑް އޮތީ ހަތަރުވަނައިގައި އޮތް އާސެނަލް އަށް ވުރެ ހަތް ޕޮއިންޓް މަދުން، 28 ޕޮއިންޓާ އެކު ޓޭބަލްގެ ހަތްވަނައިގަ އެވެ.

ޔުނައިޓޭޑްގެ ކޯޗު ރަންގްނިކް ބުނީ، މެޗުގައި ޔުނައިޓެޑުގެ ފަރާތުން ފެނުނު ކުޅުމާ މެދު އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ކަމަށާއި ހަމައެކަނި ހިތްހަމަ ޖެހުމަކީ މެޗު އެއްވަރު ކޮށްލެވުން ކަމަށެވެ.

މެޗުގައި ނިއުކާސަލްގެ ސެއިންޓް-މެކްސިމައިން އާއި ކެލަމް ވިލްސަން އަށް އަނިޔާވެފައި ވާއިރު، ވިލްސަންގެ އަނިޔާ ސީރިއަސް ކަމަށް އެ ޓީމުގެ ކޯޗު އެޑީ ހޯވް ވަނީ ބުނެފަ އެވެ. އަނިޔާ އާއި ކޮވިޑްގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ކުޅުމާ ދުރުގައި ތިބެން ޖެހުމުން، ބުރާސްފަތި ދުވަހުގެ ރޭ އެ ޓީމު އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗަށް ޓީމު ހަމަނުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް ހޯވް ބުންޏެވެ.

ޕްރިމިއާ ލީގުގައި ބްރައިޓަން ވަނީ ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. ޔުނައިޓެޑާ އެއްވަރަށް މެޗު ކުޅެގެން 23 ޕޮއިންޓާ އެކު ބްރައިޓަން އޮތީ ތާވަލުގެ ނުވަ ވަނައިގަ އެވެ.