ހުޅުމާލޭގައި ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭގައި ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފި

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން މިއަދު ހުޅުމާލޭގައި ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރަން ޖެހުނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށެވެ.

މި މުޒާހަރާގެ ތެރެއިން ފުލުހުން މީހުން ހައްޔަރުކޮށްގެން ގެންދާ ފޮޓޯތައް ސޯޝަލް މީޑީއާގައި އާންމުވެފައިވެ އެވެ. މި ފޮޓޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގައި ބޭނުންކުރި ސައިކަލެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމުގައި ހުންނެވުމަށް ފަހު ސުޕްރީމް ކޯޓުން ހުކުމް ބާތިލްކުރުމާ އެކު ޔާމީނާ އެކު އިދިކޮޅުން ވަނީ "އިންޑިއާ އައުޓް" ކެމްޕޭން ވަރުގަދަކޮށްފަ އެވެ. މި މުޒާހަރާތައް ރަށްރަށުގައި ވެސް ކުރިއަށް ގެންދާއިރު މިއަދު ވަނީ އައްޑޫ ފޭދޫގައި ވެސް މުޒާހަރާކޮށްފަ އެވެ. ސުލްހަވެރިކޮށް ދިޔަ އެ މުޒާހަރާ ފުލުހުން ހުއްޓުވާފައެއް ނުވެ އެވެ.

"އިންޑިއާ އައުޓް" ކެމްޕެއިންގެ ބައެއް އެއްވުންތައް ރަށްރަށުގައި ކުރިއަށް ގެންގޮސްފައި ވަނީ ޔާމީން އިސްވެ ހުންނަވަ އެވެ.

އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ހިންގާ މި ހަރަކާތްތަކާ ދެކޮޅަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. އެ ބޭފުޅުން ވިދާޅުވަނީ މިކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.