ދިވެއްސަކު މަތިންދާބޯޓެއްގެ އިމަޖަންސީ ދޮރު ހުޅުވަން އުޅެފި
ދިވެއްސަކު މަތިންދާބޯޓެއްގެ އިމަޖަންސީ ދޮރު ހުޅުވަން އުޅެފި

އިންޑިއާ އިން ރާއްޖެ އަށް ދަތުރުކުރި "އިންޑިގޯ" ގެ މަތިންދާބޯޓެއްގައި މިއަދު އައި ދިވެއްސަކު އޭގެ އިމަޖަންސީ ދޮރު ހުޅުވަން މަސައްކަތްކޮށްފި އެވެ.

އިންޑިގޯ ފްލައިޓް 6E1795 ވައިގެ ތެރޭގައި އޮއްވައި ދިވެހި ފިރިހެނަކު އެ ބޯޓުގެ އިމަޖަންސީ ދޮރަށް ކުޅެން ފެށުމުން ބޯޓުން އެލާމް ވެސް އެޅި އެވެ.

އެލާމާ އެކު ބޯޓު ތެޅެން ފެށި ކަމަށާއި އެލާމް އެޅުމާ އެކު ދޮރު ރަނގަޅަށް ލެއްޕީ ކެބިން ކްރޫންތަކެއް ގޮސްގެން ކަމަށް އެކަމޭ ބެހޭ މައުލޫމާތު އެނގޭ މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ. އެ ޕޯސްޓްގައި ވީޑިއޯއެއް ވެސް ހިމަނާފައިވެ އެވެ.

ވީޑިއޯގައި އިވެނީ އިމަޖެންސީ ދޮރު ހުޅުވަން އުޅުން ވަރަށް ނުރައްކާ ކަމާއި އެއީ އަދަބު ލިބޭ ކުށެއް ކަމަށް ވެސް ހަނދާންކޮށްދީ، ބޯޓުގެ ކެޕްޓަން އެނައުންސްމަންޓެއް އިއްވައި އިންޒާރު ދޭ އަޑެވެ.

ދޮރު ހުޅުވަން މަސައްކަތްކުރި މީހާއާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އެނގިފައެއް ނުވެ އެވެ.

އެކަމަކު އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ވެއްޓޭ ފަދަ އަމަލެއް އޭނާގެ ފަރާތުން ފެނުމުން އޭނާއާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ އެކަމުގެ ނުރުހުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.