24 ޑިސެމްބަރ 2021 - 17:34

ލަންޑަން (ޑިސެމްބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގެ ބޯޑާއި ޓީމުތަކުގެ މެނޭޖަރުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކުމަކީ "ފާރަކާ ވާހަކަދެއްކުން" ފަދަ ކަމެއް ކަމުގައި ސިފަކޮށް، ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ނުރުހުން ފާޅުކޮށްފި އެވެ.

ލީގުގެ އޮފިޝަލުންނާ އެކު ޓީމުތަކުގެ ވެރިން އިއްޔެ ބައްދަލުވުމެއް ބޭއްވީ، ކްލަބްތަކުގެ އަމިއްލަ ބައްދަލުވުމެއްގައި، ކޮވިޑް-19 އާ ގުޅިގެން މި ހަފުތާގެ ކުރީކޮޅު ލީގުގެ ޝެޑިއުލް ބަދަލުނުކުރަން ނިންމުމާ ގުޅިގެންނެވެ. ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅެން އޮތް މެޗުތަކުގެ ތެރެއިން ކޮވިޑު ރޯގާއާ ގުޅިގެން ގިނަ މެޗްތަކެއް ފަސް ކުރި އިރު ބައެއް ކޯޗުން ވަނީ ޓީމުގެ ކުޅުންތެރިންގެ ސިއްހަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޖެހިޖެހިގެން ތިން ހަފްތާގެ މެޗްތައް ފަސްކުރަން ޖެހުނު ކޮންޓޭގެ ޓޮޓެންހަމުން ލީގު ކަޕުގެ ސެމީ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް އަންނަ މަހު ކުޅޭ މެޗުތައް އެއް ލެގަށް ބަދަލު ކުރަން ޖެހޭ ކަމަށް މީޓިންގައި ކޮންޓޭ ވަނީ ބުނެފަ އެވެ.
ލީގު ކަޕުގެ ސެމީ ފައިނަލް މެޗުތައް ފިޔަވައި، ހުރިހާ މެޗެއް ވެސް އުސޫލެއްގެ ގޮތުން ކުރިޔަށް ގެންދަނީ އެއް ލެގުގެ އުސޫލުންނެވެ. ސެމީ ފައިނަލުގެ މެޗްތައް ކުޅެނީ ދެ ލެގަށެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ކޮވިޑުގެ ސަބަބުން ލީގު ކަޕް ސެމީ ފައިނަލް ވެސް ކުޅުނީ އެއް ލެގަށެވެ. ޓޮޓެންހަމް ވަނީ މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ބްރެންޓްފޯޑް ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ލީގުގެ އޮފިޝަލުން ކްލަބްތަކުގެ މެނޭޖަރުންނާއި ކެޕްޓަނުންނާ އެކު ވެސް އިތުރު ބައްދަލުވުމެއް ބޭއްވި ނަމަވެސް ކޮންޓޭ ބުނީ ބޯޑުން ވަނީ މީޓިންގެ މާކުރިން ނިންމުންތައް ނިންމާފައި ކަމަށެވެ.
"އަހަރެން ތެދަށް ބުނާ ނަމަ މީޓިންގައި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިން. ބައެއް ކޯޗުން މިކަމުގައި އޮތް ހައްލުތަކާ ބެހޭގޮތުން މަޝްވަރާ ދިން ނަމަވެސް އަހަންނަށް ހީވަނީ ކުރިން ވެސް ކަންކަން ނިމިފައި ހެން އޮތީ. އިއްޔެ ވާހަކަ ދެއްކުނީ ފާރަކާ،" ލީގުގައި އާދިއްތަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓޭ ބުންޏެވެ.
"މި ސަބަބާ ހުރެ އަހަރެން ބޭނުމެއް ނޫން އެއާ ބެހޭ ވާހަކައެއް ދައްކަން."
ކޮންޓޭގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރާލްފް ރަންގްނިކް ވެސް ވަނީ ޔޫރަޕުގެ އެހެން ލީގުތަކެކޭ އެއްގޮތަށް މެޗެއްގައި ފަސް ބަދަލު ކުރެވޭ ގޮތަށް ގަވާއިދު ބަދަލު ކުރަން ޖެހޭ ކަމަށް މީޓިންގައި ބުނެފަ އެވެ. ނަމަވެސް މިދިޔަ ހަފްތާގައި ނެގި ވޯޓުގައި ވެސް ޓީމުތަކުން ތާއީދު ކުރީ ތިން ބަދަލު ކުރާ ގޮތަށެވެ.
މީގެ އިތުރުން އިނގިރޭސި ސީޒަން ދިގުލައިގެންގޮސް ފަހުކޮޅުގައި ގާތްގާތުގައި ގިނަ މެޗްތަކެއް ކުޅެން ޖެހޭތީވެ ކުޅުންތެރިންނަށް ލުޔެއް ދޭން ލީގް ކަޕް ހުއްޓާލަން ވެސް ރަންގްނިކް ވަނީ ލަފާ ދީފަ އެވެ.
"ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން އިނގިރޭސި ލީގުގައި އެކަނި ސީޒަނެއްގައި ދެ ކަޕް މުބާރާތް ކުޅެނީ. ފްރާންސްގައި ވެސް ވަނީ އެމީހުންގެ ދެވަނަ ކަޕް މުބާރާތް ދާދި ފަހުން ހުއްޓާލައިފައި،" ރަންގްނިކް ބުންޏެވެ.
"މިއީ އަހަރެމެންނަށް ވާހަކަ ދައްކައިގެން މަޝްވަރާ ކުރެވިދާނެ ކަމެއް. ލީގް ކަޕް ބާއްވާފައި އޮތީ ތިން ވަނަ އަދި ހަތަރު ވަނަ ޑިވިޝަންގެ ކްލަބްތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް، އެކަމަކު ވަރަށް ގިނަ ގޭމްތައް ހިމެނޭ ބާރު ބޮޑު ކަލަންޑަރެއްގައި މި މުބާރާތް ކުރިޔަށް ގެންދިޔުމާ މެދު މަޝްވަރާ ކުރެވެން ޖެހޭ."