މާޅޮހު ކައުންސިލުން ޖަމިއްޔާގެ ބިން ކުޑަކުރި މައްސަލަ ބޮޑުވެއްޖެ
މާޅޮހު ކައުންސިލުން ޖަމިއްޔާގެ ބިން ކުޑަކުރި މައްސަލަ ބޮޑުވެއްޖެ

އއ. މާޅޮހުގައި ހިންގަމުން އަންނަ ހަމައެކަނި މަދަނީ ޖަމިއްޔާ، "ފަލާހު ވެހި" ހުންނަ ބިމުގެ ރަޖިސްޓްރީ ކައުންސިލުން ބާތިލްކޮށް ބިމުގެ ސައިޒަށް ބަދަލު ގެނައި މައްސަލަ ބޮޑުވެއްޖެ އެވެ.

އެ ޖަމިއްޔާގެ ރައީސް އަހުމަދު އަންވަރު، "މިހާރު" އަށް ވިދާޅުވި ފަލާހު ވެއްސަކީ 2003 ވަަނަ އަހަރުން ފެށިގެން އެ ބިމުގައި ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށާއި 2010 ވަނަ އަހަރުގެ ތެރޭގައި ތަނުގެ ރަޖިސްޓްރީ ވެސް ޖަމިއްޔާއަށް އާކޮށްދީފައިވާ ކަމަށެވެ.

ރަށުގެ ތަރައްގީއަށް މަސައްކަތްކުރާ އެ ޖަމިއްޔާގެ ރައީސް ތުހުމަތުކުރެއްވި ގޮތުގައި ކައުންސިލުން ބިމުގެ ރަޖިސްޓްރީ ބާތިލުކުރީ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރުންނާ އޮތް ޒާތީ ކަމެއްގެ ސަބަބުންނެވެ.

"އިޖުތިމާއީ މަރުކަޒު އެޅުމަށާއި އިޖުތިމާއީ އެކި ކަންކަމުގައި ބޭނުންކުރަން އެ ބިމުގެ ބައެއް ނަގަން ވެސް ކަނޑައެޅީ. އެކަމަކު ވަރަށް ބޮޑަށް ޒާތީކޮށް މި ނިންމުން ނިންމާފައި މި އޮތީ. ރަށުން ބިން ހުސްވެގެނެއް ނޫން މިއުޅެނީ،" އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަން ކުރަންޏާ ބާ އިންޖީނުގެ ހުރި ބިމާއި ކުރީގެ ރަށު އޮފީސް ހުރި ބިން ވެސް ހުހަށް އެބަ އޮތް ކަމަށެވެ.

"ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރަންޏާ އެތަންތަނުގައި ކުރަންވީ."

އަންވަރު ވިދާޅުވީ ބިން ކުޑަކުރީ ފަލާހު ވެހި ހުރި ބިމުގައި ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޕްރޮޖެކްޓެއް ވެސް ކުރިއަށް ގެންދަނިކޮށް ކަމަށެވެ.

ޖަމިއްޔާގެ ބިމުގެ ރަޖިސްޓްރީ ބާތިލުކޮށް ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ރަޖިސްޓްރީއަށް ބަދަލު ގެނައުމަށާއި ގޯތި ކުޑަކުރުމާ ގުޅޭ ގަރާރެއް ކައުންސިލުގެ އާންމު ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީއަށް ހުށަހަޅައި، މައްސަލަ ދިރާސާކުރުމަށް ފަހު، ބަންޑާރަ ނައިބްގެ ލަފާގެ މަތިން ކައުންސިލުން ނިންމާފައިވާ ނިންމުންތައް ވެސް ވަނީ އާންމުކޮށްފަ އެވެ.

ކައުންސިލުން ބުނި ގޮތުގައި ތަނުގެ ރަޖިސްޓްރީއަށް ބަދަލު ގެނައީ ކޮށީގައި އޮތް ފުޅާމިން ބޭއްވުމަށް ފަހު އިރަށް 40 ފޫޓު ކަނޑައަޅައި އެެއީ ފަލާހު ވެހި ގޯތީގެ ބިން ކަމަށް ހަމަޖެއްސުމަށް ފަހު އެވެ. އޭގެ ބާކީ އޮތް ބިމަކީ އިޖުތިމާއީ މަރުކަޒު އެޅުމަށާއި އެކި ކަންކަން ކުރުމަށް ރައްޔިތުންގެ ބިމެއްގެ ގޮތުގައި ހަމަޖައްސަން ވަނީ ނިންމައިފަ އެވެ. އަދި ވަކިކުރި ބަޔަށް، ކައުންސިލްގެ ހުއްދަ ނެތި ވަނުން ވަނީ މަނާކޮށްފަ އެވެ.

ފަލާހު ވެހި އިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަލުން ހަދައި ކުރިން އެތަނަށް ހަދާފައިވާ ރަޖިސްޓްރީ ބާތިލްކޮށް ފަސް ދުވަހުގެ ތެރޭގައި ފޮނުވަން ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ. އަދި މި ނިންމުން ނިންމާތާ 60 ދުވަހުގެ ތެރޭގައި އާ ބިމުގެ އިންފާރުން އެއް ފޫޓު ރޭނުމަށް ވެސް އަންގާފައިވެ އެވެ.

އެގޮތަށް ގޯތީގެ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދައިފި ނަމަ އެތަނުގައި ޖަމިއްޔާއިން ކޮށްފައިވާ އިމާރާތަށް ބަދަލު ދިނުމުގެ މައްސަލާގައި ކައުންސިލުން ގޮތެއް ނިންމުމަށް ފަހު އެބައި ވެސް ރައްޔިތުންގެ ބިމެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށް މާޅޮހު ކައުންސިލުގެ އެންގުމުގައިވެ އެވެ.

ކައުންސިލުގެ ނިންމުން ކުށްވެރިކޮށް ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ ފަލާހު ވެއްސަކީ އެ ޖަމިއްޔާގެ ފުރިހަމަ އިހްތިސާސް ހިނގާ ތަނެއް ކަމަށާއި އެ ބިމުގެ ބޮޑު ބައެއް ނެގުމަށް ނިންމި ނިންމުން ގަބޫލުނުކުރާނެ ކަމަށެެވެ.

ޖަމިއްޔާ އިން ބުނީ މިކަމަކީ ލާމަރުކަޒީ ނިޒާމަކަށް ރާއްޖެ ފަށާފައިވާ ދަތުރުގައި ކައުންސިލްތަކާއި ދައުލަތާއި ސަރުކާރުގެ ނިޒާމްތަކަށް ރައްޔިތުންކުރާ އިތުބާރު ގެއްލި ހައްގުތައް ރައްކާތެރި ނުކުރެވިދާނެ ފަދަ އަމަލެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ކައުންސިލްތަކަށް އިތުރު ބާރުތައް ދިނުމާ ގުޅިގެން ކައުންސިލުތަކަށް ބޭނުންވާ ހޭލުންތެރިކުރުމާއި ގާބިލުކަން އިތުރުކުރުމަށާއި ކައުންސިލުން ކުރާ ކަންކަން މޮނިޓާކޮށް ބެލޭނެ ނިޒާމުތައް ވަރުގަދަ ކުރުމަށް ޖަމިއްޔާއިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.