17 ޑިސެމްބަރ 2016 - 06:16

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އަލަބާމާގައި ފުލުހުންގެ ބަޔަކު ގޮސް ފިރިހެނަކު ކުޑަކަކޫ ޖެއްސުމަށް ފަހު އޭނާގެ ލޯބިވެރިޔާ އަށް ކައިވެނި ހުށަހަޅައިފި އެވެ. އެކަމަކު މިއީ ފިރިހެން މީހާގެ އެދުމަށް އަދި ލޯބިވެރިޔާ އަށް ވެސް ނޭނގި ފުލުހުން އޭނާ އަށް ވެދިން އެހީއެކެވެ.
އަލަބާމާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޑައިވޮން މެކްޕާސަން އޭނާގެ ލޯބިވެރިޔާ ޝަވްނާ ބްލްކްމޮން އަށް ރަނގަޅަށް އޮޅުވާލި އެވެ. އެގޮތުން އޭނާއަކީ ފުލުހުންނަށް ފިލައިގެން އުޅޭ މީހެއް ކަމާއި އޭނާގެ އަތުގައި ބަޑިއެއް އޮތް ކަމަށް ވެސް ބުނެ އެވެ.
އެވަގުތު މެކްޕާސަން އާއި ޝަވްނާ ތިބެނީ ޕެޓްރޯލް ސްޓޭޝަނެއްގެ ކައިރީގަ އެވެ. އަދި އެމީހުންގެ އެކުވެރިންގެ ބަޔަކު ވެސް އެތަނުގައި ތިއްބެވެ.
ކުއްލިއަކަށް ފުލުހުންގެ ކާރެއް އެތަނަށް މަޑުކޮށް، ދެ އޮފިސަރަކު ނުކުމެ، މެކްޕާސަންއާ ދިމާއަށް ބަޑި ދިއްކުރެ އެވެ. ފުލުހުން ދުރަށް ދާން ޝަވްނާ އެދޭ އިރު، މެކްޕާސަން ދެ ކަކޫ ޖައްސައިގެން، ފުލުހުންނަށް ކިޔަމަންވެގެން އިނދެ އެވެ. އެކަމަކު އެވަގުތު އޭނާ ނަގަނީ އަނގޮޓި އެވެ. އެހާ ހިސާބުން އެއީ ލޯބިވެރިޔާގެ ރޭވުމެއްކަން ޝަވްނާ އަށް އެނގެ އެވެ. އަދި އޭނާ އަށް އުފަލުން ރޮވެ އެވެ.
ފުލުހުން ބުނާ ގޮތުގައި އެ ހުރިހާ ކަމެއް ކުރީ މުޅި ހިސާބުގަނޑުގެ ރައްކާތެރިކަން ޔަގީންކޮށްފަ އެވެ. އަދި އެވަގުތު ޑިއުޓީގައި ތިބި ހުރިހާ ފުލުހުންނަށް އެ ރޭވުމުގެ އަސްލު ކިޔައިދީ، އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ ސަރަހައްދުގެ ފުލުހުންގެ ތަރުޖަމާން ބުނީ ދެ އޮފިސަރުން ހިފައިގެން ތިބީ ވަޒަން ނެތް ސްޓަން ގަންތަކެއް ކަމަށެވެ.