މިހާރު މި މަސައްކަތްކުރަނީ ދެ ވަނަ އަމާޒަަށް ވާސިލްވާން: މިނިސްޓަރު ނާޒިމް
މިހާރު މި މަސައްކަތްކުރަނީ ދެ ވަނަ އަމާޒަަށް ވާސިލްވާން: މިނިސްޓަރު ނާޒިމް

ސިއްހީ ދާއިރާއަށް ކަނޑައެޅި ފުރަތަމަ އަމާޒު ހާސިލް ވެއްޖެ ކަމަށާއި މިހާރު މަސައްކަތް ފަށާފައި ވަނީ ދެ ވަނަ އަމާޒަށް ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ފެށި "ހެލްތު ކެއާ ކޮލިޓީ ފްރޭމްވޯކް ވޯކްޝޮޕް" ހޮޓެލް ޖެންގައި ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ އަމާޒަކަށް ވީ މީހުން އުޅޭ ހުރިހާ ރަށެއްގައި މަދުވެގެން އެއް ޑޮކްޓަރު ބެހެއްޓުމާއި ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުން ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެއީ ސިއްހީ ދާއިރާއިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެކަން ހާސިލްވުމުން މިހާރު މަސައްކަތް ކުރަނީ ދެ ވަނަ އަމާޒު ކަމަށްވާ ސިއްހީ ދާއިރާއިން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި "ހުސްނުވާ އާސަންދަ"އިގެ ސަބަބުން އޭގެ ފައިދާ ގިނަ ބަޔަކަށް އަންނަނީ ކުރަމުންނެވެ.

"އެއީ ސިއްހީ ދާއިރާއިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް. އެކަމުން ވެސް ސިއްހީ ދާއިރާއަށް ރައީސް ޔާމީން ދެއްވަމުން އަންނަ ސަމާލުކަން ހާމަވެގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމުގައި ގޮންޖެހުންތަކެއް ވެސް އެބަހުރި ކަމަށެވެ. އެއީ ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތާއި ވަސީލަތްތައް މަދުވުން ކަމަށް ވިދާޅުވި އެވެ.

ޑަބްލިޔުއެޗުއޯގެ ތަޖުރިބާކާރުން ކިޔަވައިދޭ ދެ ދުވަހުގެ ވޯކްޝޮޕްގެ މަގުސަދަކީ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރު ބެލުމާއި ކަނޑައަޅާ މިންގަނޑުތަކާ ހަމައަށް ވާސިލްވާން ކުރަން ޖެހޭ ކަންކަން ބަލާނެ މޮނިޓަރުން ތަމްރީނުކުރުމެވެ. ވޯކްޝޮޕްގައި 80 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ.