މީޑިއާތައް ބޮއިކޮޓްކުރުން ކުށްވެރިކުރަން: އެމްއެމްސީގެ ރައީސް
މީޑިއާތައް ބޮއިކޮޓްކުރުން ކުށްވެރިކުރަން: އެމްއެމްސީގެ ރައީސް

ޕްރެޒިޑެންޓްސް ކަޕްގައި މާދަމާ އާއި ހޮނިހިރުދުވަހު ކުޅެން ޖެހޭ މެޗްތަކުގެ ޕްރީމެޗް ޕްރެސް ބްރީފިންތައް، "މިހާރު ނޫސް ބައިވެރިވާތީ" ކަމަށް ބުނެ ހަތް ކްލަބަކުން ބޮއިކޮޓްކުރިކުރުން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ސަހްބާން ފަހުމީ މިރޭ ކުށްވެރިކުރައްވައިފި އެވެ.

ކްލަބްތަކުން "މިހާރު" ބޮއިކޮޓްކުރި ޚަބަރު ރިޓްވީޓްކުރައްވަމުން ސަހްބާން ވިދާޅުވީ އެއްވެސް ފަރާތަކުން ކުރާ އެފަދަ ކަންތައް ބަލައިނުގަނެވޭނެ ކަމަށެވެ. މިޑިއާއެއްގައި ރިޕޯޓްކުރާ ލިއުމެއްގައި މައްސަލައެއް އޮތް ނަމަ ނުވަތަ ހަގީގަތާ ހިލާފު ޚަބަރު ފަތުރާ ނަމަ އެކަން ހައްލުކުރަން ޖެހޭނީ ގާނޫނީ ނިޒާމުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީޑިއާ ބޮއިކޮޓްކުރުން ކުށްވެރި ކުރަން" ޝަހުބާން ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޑިވިޝަންގެ އަށް ކްލަބްގެ ތެރެއިން ހަތް ކްލަބަކުން ވަނީ، "މިހާރު" ނޫސް ބައިވެރިވާތީ ކަމަށް ބުނެ ޕްރެޒިޑެންޓް ކަޕްގެ ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓްކޮށްފަ އެވެ. އެހެންވެ، މިއަދުގެ ޕްރެސް ކޮންފަރެންސަށް ގޮސް މީޑީއާއާ ވާހަކަ ދެއްކީ ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އިން އެކަންޏެވެ. އެ ޓީމުގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) މީޑިއާ އިން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދިނެވެ.

ކްލަބްތަކުން އެގޮތަށް ކަންތައް ކުރި މައްސަލަ ބަލާނެ ކަމަށް އެފްއޭއެމުން މިއަދު ބުންޏެވެ. އާއްމުންގެ ގިނަ ބަޔަކުވެސް އެ މައްސަލައިގައި ކްލަބްތަކަށް މިއަދު ވަރަށް ބޮޑަށް ފާޑުކި އެވެ.