16 ޑިސެމްބަރ 2016 - 06:57

ކުލައިގެ މާހިރުން ހިމެނޭ ޕެންޓޯން އިން ކޮންމެ އަހަރަކަށް އާ ކުލައެއް ތައާރަފުކުރެ އެވެ. ކުރެހުން، ޑިޒައިން އަދި އެ ނޫން ވެސް ތަފާތު ދާއިރާތަކުގައި ބޭނުންކުރާ އަދި އެ ޒަމާނަކަށް އެންމެ އެކަށީގެންވާ ކުލައެއް ޕެންޓޯން އިން ކަނޑައަޅަ އެވެ. އެގޮތުން 2016 އަށް ޕެންޓޯން އިން ނެރުނީ ދެ ވައްތަރެއްގެ މަޑު ކުލައެކެވެ. އަދި މިހާރު ވަނީ 2017 އަށް ވަރަށް ތަފާތު ކުލައެއް ޕެންޓޯން އިން އިއުލާން ކޮށްފަ އެވެ.
އަންނަ އަހަރުގެ ކުލައަކީ ފެއްސެވެ. އެއީ ޕެންޓޯން 0343-15 އެވެ. ޕެންޓޯން ކަލާ އިންސްޓިޓުޓްގެ އެގްޒެކެޓިވް ޑިރެކްޓަރު ވިދާޅުވީ މިއީ ތިމާވެއްޓަށް އިތުރު ލޯތްބެއް ޖެއްސުމުގެ ނިޔަތުގައި ހޮވި ކުލައެއް ކަމަށެވެ. އަދި މި ކުލައިން ޖޯޝާއި އުއްމީދުގެ އިހުސާސުތައް ވެސް ދޭހަކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަހުގެ ފެހި ފަތްތައް ރަމްޒުކޮށްދޭ މި ކުލައިގެ ސަބަބުން ތިމާވެށި ރައްކާތެރިކުރަން އިތުރު މަސައްކަތް ކުރާނެ ކަމަށް ޕެންޓޯން އިން އުއްމީދު ކުރެ އެވެ. އެގޮތުން ފެހި ގަސް ގޭ ތެރޭގައި ބަހައްޓަން އިސްކަންދީ، އިމާރާތްތަކުގައި ގަސް އިންދަން އިތުރު މަސައްކަތްތަކެއް ކުރަން ޕެންޓޯން އިން އެދުނެވެ.
ޕެންޓޯންގެ ފެހި ކުލަ، އަހަރެމެން ލާއުޅޭ ހެދުމާއި ގެންގުޅޭ އެހެން އެއްޗެހީގައި ވެސް ބޭނުންކުރެވޭނެ އެވެ. ޕެރިސް، މިލާން އަދި ނިޔު ޔޯކް ފެޝަން ޝޯތަކުގައި އެކި ވައްތަރުގެ ފެހި ކުލައިގެ ހެދުންތަކުގެ ޑިޒައިން ވަނީ ދައްކާލައިފަ އެވެ. ބެލެންސިއާގާ، ގުޗީ އަދި މައިކަލް ކޯސް ފަދަ ނަން މަޝްހޫރު ބްރޭންޑުތަކުގެ ކަލެކްޝަންތަކުގައި ފެހި ކުލަ ހިތްގައިމު ގޮތަކަށް ބޭނުންކޮށްފައިވެ އެވެ.
އަންނަ އާ އަހަރު ފެޝަން ޑިޒައިންގެ އިތުރުން އެހެން ދާއިރާތަކުގައި ވެސް ފެހި ކުލަ އެކި ގޮތްގޮތަށް ބޭނުންކޮށްފައި ހުންނަ ތަން ފެންނާނެކަމަށް ގިނަ ތަޖުރިބާކާރުން ބުނެ އެވެ.