ކިޑްނެޕްކޮށް ފޭރޭ ނެޓްވޯކްގެ ދެ މީހެއްގެ ބަންދު އިތުރުކޮށްފި
ކިޑްނެޕްކޮށް ފޭރޭ ނެޓްވޯކްގެ ދެ މީހެއްގެ ބަންދު އިތުރުކޮށްފި

މީހުންނަށް އޮޅުވާލައިގެން ގެސްޓްހައުސްތަކަށް ގެންގޮސް ކިޑްނެޕްކޮށް، ބަރަހަނާކުރުމަށް ފަހު ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާ ކަމަށް ފުލުހުން ތުހުމަތުކުރާ ނެޓްވޯކްގެ ދެ މީހެއްގެ ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފި އެވެ.

އެ ފަދަ މައްސަލަތަކަކާ ގުޅިގެން އިތުރު ބަޔަކު ފުލުހުންގެ ބަންދުގައި އެބަތިއްބެވެ. އެކަމަކު، ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކުރީ ހދ. ނޭކުރެންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އަދި ގއ. ކަނޑުހުޅުދޫ، ފެހިގެ، އަހުމަދު ސަނީން، 21، ގެ ބަންދުގެ މުއްދަތެވެ.

ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި ޖެހުމާއި ބްލެކްމެއިލްކުރުމާއި ބިރުދެއްކުން އަދި ފޭރުމުގެ ތުހުމަތުކުރާ އެ ދެ މީހުންގެ ބަންދަށް ވެސް ކޯޓުން 15 ދުވަސް ދީފަ އެވެ.

ވިޝާންގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރި ނަމަވެސް އޭނާއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓާއި ހެކިންގެ ބަޔާން، އަނިޔާ ލިބުނު މީހާގެ ފޮޓޯ އަދި ސީސީޓީވީ ސްކްރީން ފޮޓޯ ހުށަހަޅާފައިވެ އެވެ.

ބަންދު އަމުރުގައި ބުނީ ވިޝާންގެ ފޯނު ފުލުހުން ނެގީ އެހެން މީހެއްގެ އަތުން ކަމަށެވެ. އޭނާ އަކީ އާއިލާގައި އާމްދަނީ ލިބޭ ހަމައެކަނި މީހާކަމަށާއި އަދި މި ވަގުތު ޑްރަގް އެޑިކްޝަނުން ސަލާމަތްވާން ކޮމިއުނިޓީ ފަރުވާ ހޯދުމާއި ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް ދޫކޮށްލަން ވިޝާން އެދުނެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ވިޝާންގެ ބަންދާ މެދު ގޮތެއް ނިންމޭނީ ޕީޖީ އޮފީހާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

އެ މައްސަލައާ ގުޅުންހުރި އިތުރު ހާދިސާތަކެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލަތަކަކީ ދުރާލާ ރާވައިގެން އަނިޔާވެރިކަމާއެކު ހިންގާފައިވާ އަމަލުތަކެއް ކަމާއި އެ އަމަލުގައި 18 އަހަރުން ދަށުން ކުޑަކުދިން ބައިވެރިކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

ފުލުހުންގެ ތަހުގީގަށް ސަނީން ބުނެފައިވަނީ އެ ތުހުމަތުތަކަކީ އޭނާއަށް އެނގޭ ކަމެއް ނޫން ކަމަށެވެ. އެކަމަކު ގެސްޓުހައުސް ކުއްޔަށް ހިފާފައިވަނީ ސަނީންގެ ނަމުގައި ކަމަށާއި ކޮޓަރިއަށް އޭނާ ފައިސާ ދައްކާފައިވާ ކަމަށާއި އަދި އިތުރަށް ރުފިޔާ ފައިސާ ދައްކަން ޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސަނީނު ބުނީ އޭނާ އަކީ އާއްމުކޮށް ގެސްޓްހައުސް އަށް ގޮސްއުޅޭ މީހެއް ކަމަށެވެ. އޭނާ އުޅެނީ ރިސޯޓެއްގެ ވަޒީފާއަކަށް ކުރިމަތިލައިގެން ކަމަށާއި ބަންދުގައި ހުންނަން ޖެހުމުގެ ސަބަބުން އެ ވަޒީފާގެ ކަންކަން ވެސް ނޭނގޭނެތީ އަދި ކުށުގެ ރިކޯޑެއް ނެތުމުން ބަންދަށް ލުއެއް ދިނުމަށް އޭނާ އެދުނެވެ.

މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި، އިންސްޕެކްޓަރް އޮޕް ޕޮލިސް މުހައްމަދު ލަތީފު ވިދާޅުވީ އެ ނެޓްވޯކްގެ މީހުން ކުށްކުރުމަށް އެންމެ ގިނައިން ބޭނުންކޮށްފައި ވަނީ ވިލިމާލޭގައި ހުންނަ "މެލައިމާ" ގެސްޓް ހައުސް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ނެޓްވޯކުން އެ މީހުން ބޭނުންވާ ތަންތަނަށް މީހުން ގެންދަނީ ސްނެޕްޗެޓް މެދުވެރިކޮށް، ވާހަކަ ދައްކައި ބައްދަލުކުރަން އެދޭ ކަމަށް ބުނެ އޮޅުވާލައިގެންނެވެ. އެގޮތަށް ގެންދާ މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ނެގުމަށް ފަހު، އެކި ފަހަރުމަތިން، ފައިސާ ހޯދަނީ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް ލީކްކޮށްލާނެ ކަމަށް ބުނެ ބިރުދައްކައިގެންނެވެ.