23 ޑިސެމްބަރ 2021 - 12:28

މިލާން (ޑިސެމްބަރު 23) - އިޓާލިއަން ސެރީ އާގައި ނަޕޯލީން އަމިއްލަ ދަނޑުގައި ސްޕެޒިއާއާ ވާދަކޮށް ބަލިވުމުގެ ފައިދާ ނަގައި، އޭސީ މިލާނުން ޓޭބަލްގެ ދެވަނައަށް ޖެހިލައި، އެއްވަނައިގައި އޮތް އިންޓަ މިލާންއާ ހަތަރު ޕޮއިންޓަށް ގާތަށް ޖެހިލައިފި އެވެ.

ތާވަލުގެ 17 ވަނައިގައި އޮތް ސްޕެޒިއާ އަތުން ނަޕޯލީ ރޭ ބަލިވީ، ފުރަތަމަ ހާފުގައި ނަޕޯލީގެ ޑިފެންޑަރު ހުއާން ޖީސަސް އަތުން ބައިކޮޅަށް ވަން ގޯލަކުން 1-0 އިންނެވެ. މި ގޯލަކީ ހިލޭޖެހުމަކުން ސްޕެޒިއާގެ ކުޅުންތެރިއެއް ހުރަސް ކޮށްލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ހުއާން ޖީސަސްގެ ބޮލުން ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
ސްޕެޒިއާ އިން މެޗުގައި ފޮނުވާލި އެއްވެސް ހަމަލާއެއް ގޯލަށް އަމާޒުކުރެވިފައެއް ނުވެ އެވެ. ސްޕެޒިއާގެ ރިޒާވް ކީޕަރު އިވާން ޕްރޮވެންޑެލް މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ނަޕޯލީން ފޮނުވާލި ހަމަލާތައް ދިފާއު ކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
އޭސީ މިލާނުން ފައިދާ ނަގައި ތާވަލުގެ ދެވަނައަށް ޖެހިލީ ރަށުން ބޭރުގައި ރޭ އެމްޕޯލީއާ ދެކޮޅަށް ކުޅުނު މެޗު 4-2 އިން ކާމިޔާބުކޮށްގެންނެވެ. މިލާނުން ފުރަތަމަ ލީޑު ނެގީ 12 ވަނަ މިނިޓުގައި ފްރޭންކް ކެސިއޭ ޖެހި ލަނޑުންނެވެ. އޭގެ ފަސް މިނިޓު ފަހުން އެމްޕޯލީގެ ޒުވާން މިޑްފީލްޑަރު ނެދިމް ބަޖްރާމީ ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް ކެސިއޭ ވަނީ ދެވަނަ ލަނޑެއް ޖަހައި މިލާނަށް އަލުން ލީޑު ނަގައިދީފަ އެވެ.
މިލާނަށް މެޗުގައި ތިން ޕޮއިންޓް ޔަގީން ކޮށްދިނީ ފަހު ހާފުގައި އަލެސަންދްރޯ ފްލޮރެންޒީ އާއި ތިއޯ ހެނާންޑޭޒް ޖަހައިދިން ލަނޑުތަކުންނެވެ. އެމްޕޯލީގެ ދެވަނަ ލަނޑު، މެޗު ނިމެން ހަ މިނިޓަށްވެފައި ވަނިކޮށް ޖަހައިދިނީ ޕެނަލްޓީއަކުން އަންޑްރޭ ޕިނަމޮންޓީ އެވެ.
އެއްވަނައިގައި އޮތް އިންޓަ މިލާން ރޭ ވަނީ އަމިއްލަ ދަނޑުގައި ޓޮރީނޯއާ ވާދަކޮށް 1-0 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 30 ވަނަ މިނިޓުގައި ޖަހައިދިނީ ނެދަލެންޑްސް ފުލްބެކް ޑެންޒެލް ޑަމްފްރީސް އެވެ.
މި ނަތީޖާއާ އެކު އޭސީ މިލާނުން ދެވަނައަށް ޖެހިލީ 42 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި އޮތް އިންޓަ މިލާނަށް 46 ޕޮއިންޓް ލިބިފައިވާއިރު، 39 ޕޮއިންޓާ އެކު ނަޕޯލީ ވަނީ ތާވަލުގެ ތިންވަނަ އަށް ވެއްޓިފަ އެވެ. ތާވަލުގެ އެއްވަނައިގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ނަޕޯލީ ގުގައި މި މަހު ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ. މިހާރު ފޯމު ދަށްވެފައިވާ ޓީމު މޮޅުވީ އެންމެ މެޗަކުންނެވެ.
މި ސީޒަނުގައި އިޓާލިއަން ލީގުގެ ގަދަ ތިނެއްގައި އިންޓަ އާއި އޭސީ މިލާން އަދި ނަޕޯލީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ނަޕޯލީއަށް ވުރެ އެއް ޕޮއިންޓް މަދުން، ތާވަލުގެ ހަތަރު ވަނައިގައި އޮތީ އެޓަލާންޓާ އެވެ.
ރޭގެ މެޗުތަކަށް ފަހު އިޓާލިއަން ސެރީ އާގެ މެޗުތައް އާ އަހަރަށް ވަނީ މެދުކަނޑާލައިފަ އެވެ. ދެން މެޗުތައް ފަށާނީ ދެ ހަފްތާ ފަހުން، ޖެނުއަރީ 6 ވަނަ ދުވަހު އެވެ.