މާޒިޔާ ގްރޫޕް ސްޓޭޖަށް، ވެލެންސިއާ އަށް އުނދަގޫ މަގެއް
މާޒިޔާ ގްރޫޕް ސްޓޭޖަށް، ވެލެންސިއާ އަށް އުނދަގޫ މަގެއް

އޭއެފްސީ ކަޕަށް ގެނައި ބޮޑު ބަދަލާ އެކު، އިންޑިއާ އާއި ބަންގްލަދޭޝްގެ ޓީމުތަކާ އެއް ގްރޫޕަކަށް ރާއްޖޭގެ މާޒިޔާ ލައްވާލައި ކްލަބް ވެލެންސިއާ ޕްރިލިމިނަރީ ބުރުގައި ވާދަކުރަން ޖެހިއްޖެ އެވެ. ޕްރިލިމިނަރީ ބުރާއި ޕްލޭއޮފް ބުރުން ވެލެންސިއާ އަށް ކުރި ލިބިއްޖެ ނަމަ އެ ޓީމު ވެސް ލައްވާލާނީ އެ ގްރޫޕަށެވެ.

އޭއެފްސީން ގެނައި ބަދަލާ އެކު މުބާރާތް ކުރިއަށްދާނީ ވެސްޓް ޒޯން ނުވަތަ މެދުއިރުމަތީގެ ގައުމުތައް ހިމެނޭ ޒޯނާއި އޭޝިއާގެ އެހެން ގައުމުތައް ހިމެނޭ އީސްޓް ޒޯން ވަކިންނެވެ.

ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ހިމެނެނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެކު އީސްޓް ޒޯނުގެ ގްރޫޕް އީ ގަ އެވެ. މި ގްރޫޕަށް ދެން އަންނާނީ ރާއްޖޭގެ ވެލެންސިއާ އާއި އިންޑިއާގެ މޯހަން ބަގާން އާއި ސްރީ ލަންކާގެ ކޮލަމްބޯ އެފްސީ އާއި ބޫޓާނުގެ ތިމްޕޫ ސިޓީގެ ތެރެއިން ޓީމެކެވެ. އެ ހަތަރު ޓީމު ވެސް ހިމެނެނީ ޕްރިލިމިނަރީ ބުރުގަ އެވެ.

ޕްރިމިލިނަރީ ބުރުގައި ވެލެންސިއާ ވާދަކުރަން ޖެހެނީ ތިމްޕޫއާ އެވެ. މި މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފުގައި ބައްދަލުކުރާނީ މޯހަން ބަގާން އާއި ކޮލަމްބޯ ކުޅެ މޮޅުވާ ޓީމަކާ އެވެ. ޕްރިލިމިނަރީ ބުރު އޮންނާނީ ޖެނުއަރީ 31 އަދި ފެބްރުއަރީ 7 އެވެ. ޕްލޭއޮފް އޮންނާނީ ފެބްރުއަރީ 21 އަދި 28 ގަ އެވެ.

ޕްލޭއޮފަށް ފަހު ގްރޫޕަށް އަންނަ ޓީމާ އެކު ޖުމްލަ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ގްރޫޕް ސްޓޭޖް ކުޅުމަށް ހަމަޖެހިފައިވާއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް އިންޓަ ޒޯނަލް ޕްލޭ އޮފް ސެމީ ފައިނަލަށް ހޮވޭނެ އެވެ. ޕްލޭއޮފް ކުޅުމަށް ފަހު ކުރި ލިބިއްޖެ ނަމަ ދެން ހޮވޭނީ ޒޯން ސެމީ ފައިނަލަށެވެ. ސެމީން ކުރި ލިބޭ ޓީމު ފައިނަލަށް ހޮވި އަދި ޗެމްޕިއަންކަން ހޯދާ ޓީމު ވެގެންދާނީ އީސްޓް ޒޯނުގެ ޗެމްޕިއަން ޓީމަށެވެ. ހަމަ މި އުސޫލުން ކުޅެ ވެސްޓް ޒޯނުން ޗެމްޕިއަންކަން ލިބޭނެ އެވެ.

މާޒިޔާ ވަނީ 2015 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބެންގަލޫރާ ވާދަކޮށެވެ. އިންޑިއާގައި ކުޅުނު މެޗު އަދި މާލޭގައި ކުޅުނު މެޗުން ވެސް 2-1 އިން މޮޅުވީ ބެންގަލޫރެވެ.

ޕްލޭއޮފުގައި ވެލެންސިއާ އާއި މޯހަން ބަގާން ބައްދަލުކުރަން ޖެހުމުގެ ފުރުސަތު ބޮޑުއިރު ވެލެންސިއާ ވަނީ 1995 ވަނަ އަހަރުގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ފުރަތަމަ ބުރުން މޯހަން ބަގާން ކަޓުވާލައިފަ އެވެ. އެ ފަހަރު ކަލްކަތާގައި ކުޅުނު ފުރަތަމަ ލެގު 2-1 އިން މޯހަން ބަގާން ކާމިޔާބުކުރި އިރު ހީނާ އަހުމަދު ސަލީމުގެ ކޯޗުކަމުގެ ދަށުގައި ކުޅެ ވެލެންސިއާ ވަނީ މާލޭގައި މޯހަން ބަގާން 1-0 އިން ބަލިކޮށްފަ އެވެ.