އީގަލްސްގެ އަންހެން ޓީމު އެކުލަވާލަން ފުޓްބޯޅަ ކޭމްޕެއް
އީގަލްސްގެ އަންހެން ޓީމު އެކުލަވާލަން ފުޓްބޯޅަ ކޭމްޕެއް

ކްލަބް އީގަލްސް އިން އަންހެން ފުޓްބޯޅަ ޓީމެއް އެކުލަވައިލުމުގެ ގޮތުން، އަންހެން ފުޓްބޯޅަ ކޭމްޕެއް ބޭއްވުމަށް އިއުލާން ކޮށްފި އެވެ.

އީގަލްސްގެ ޗެއާޕާސަން، ފާތިމަތު ސައުދު (ތާތު) ވިދާޅުވީ، ނުވަ ދުވަހަށް ކުރިއަށް ގެންދާ ކޭމްޕުގައި، ކޯޗުކޮށްދެނީ ވެސް އަންހެން ކޯޗުން ކަމަށެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ފުޓުބޯޅަ ކޭމްޕް އީގަލްސްއިން ހިންގަނީ، ކުރީގެ ކުޅުންތެރިޔާ މަރްޔަމް މުހައްމަދު (މާޔަން) އިސްވެ ހިންގާ ވިމެން ފުޓްބޯލް ކްލަބާ ގުޅިގެންނެވެ. އެ ކްލަބްގެ އެކަޑެމީއެއް އަންހެން ކުދިންނަށް ހާއްސަކޮށް މިހާރު ވެސް ހުޅުމާލޭގައި ހިންގަ އެވެ. އީގަލްސްގެ ކޭމްޕްގައި ކޯޗްކޮށް ދޭނީ، މާޔާންގެ އިތުރުން ވިމެން ފުޓްބޯލް ކްލަބްގެ ކޯޗު އާމިރާ އަލީ އެވެ.

އީގަލްސްގެ ކުރީގެ ޗެއާމަން، ސަރަނގު އާދަމް މަނިކުގެ ދަރިކަނބަލުން، ތާތު ވިދާޅުވި ގޮތުގައި، ފިރިހެން ފުޓުބޯޅައާ އެއްވަރަށް އަންހެން ފުޓްބޯޅަ އަށް ވެސް އިސްކަންދޭ ކްލަބަކަށް އީގަލްސް ވާން އޭނާ ބޭނުންވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އީގަލްސްގެ ފިރިހެން ޓީމެކޭ އެއްގޮތަށް އަންހެން ޓީމު ވެސް ބިނާކުރާނީ އާ ޒުވާން ކުޅުންތެރިން ރެކްރޫޓް ކުރާ ގޮތަށް ކަމަށެވެ.

އީގަލްސްގެ ކޭމްޕްގައި ބައިވެރި ވެވޭނީ، އުމުރުން 4 އަހަރުން ފެށިގެން 12 އަހަރާ ދެމެދުގެ ކުދިންނަށެވެ. ކޭމްޕްގައި ބައިވެރި ވުމަށް 7908335 އަށް ގުޅުމަށް އީގަލްސްއިން އެދެ އެވެ. މި ކޭމްޕްގައި ބައިވެރި ވެވޭނީ 500ރ. ގެ ފީއަކާ އެކު އެވެ.