23 ޑިސެމްބަރ 2021 - 11:09

ކިންގްސް ބާސްކެޓްބޯލް ކްލަބްގެ ސީނިއާ ޓީމުގެ ކުރީގެ ކޯޗު، ފިލިޕީންސްގެ ޖޭ ސަލަޒާ، އެ ކްލަބުން އަލަށް އުފެއްދި އެކަޑެމީގެ ކޯޗުގެ މަގާމަށް ހަމަޖައްސައިފި އެވެ.
ކިންގްސްގެ އެކަޑެމީ، "ނެކްސްޓް ޖެނަރޭޝަން" ގައި، ޖޭ ވަނީ މިހާރު މަސައްކަތް ފަށައިފަ އެވެ. އޭނާ ވަނީ 2017 ގައި ކިންގްސްގެ ސީނިއާ ޓީމަށް ކޯޗުކޮށްދީފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކިންގްސްއިން ވަނީ، އެ އަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި އެ އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕާއި ގައުމީ މުބާރާތުގެ ފައިނަލަށް ކިންގްސް ގެންގޮސްދިނެވެ.
ކިންގްސްގެ ކޯޗުކަމުން ވަކިވުމަށް ފަހު، ޖޭ ވަނީ ފިލިޕީންސްގެ ސެން ސެބެސްޓިއަން ކޮލެޖުގެ ޓީމަށް ކޯޗުކޮށްދީ ކާމިޔާބު ހޯދައިދީފަ އެވެ.
ކިންގްސް އެކަޑެމީގެ އިތުރުން، ކިންގްސްގެ ޖޫނިއާ ޓީމު، ރޯޔަލް ބީސީގައި އޭނާ މަސައްކަތް ކުރާނެ އެވެ.
އަންނަ އަހަރުގެ ބާސްކެޓްބޯލް ސީޒަނަށް ކިންގްސް ތައްޔާރު ކުރުމުގައި، ހެޑު ކޯޗު ފިލިޕީންސްގެ އެރިކް ސަމްސަންއާ އެކު ސީނިއާ ޓީމަށް އެހީވުމުގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް ޖޭ މަސައްކަތް ކުރާނެ އެވެ. ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ކިންގްސްގެ ކުރީގެ ކެޕްޓަން މުހައްމަދު ޒިލާލް ވެސް މަސައްކަތް ކުރެ އެވެ.
ޑިވެލޮޕްމަންޓުގެ ބޮޑު މަސައްކަތްތަކަކާ އެކު ޖޭ އަލުން ރާއްޖެ އައިރު، އޭނާ އަށް އޮތީ ގިނަ ޒިންމާތަކެއް ހަވާލުކޮށްފަ އެވެ. އެކަޑެމީގެ ހެޑު ކޯޗުގެ އިތުރުން ކިންގްސްގެ ޔޫތު ޓީމު އާޗާސް ބީސީ އަށް ވެސް ޖޭ ކޯޗުކޮށްދޭނެ އެވެ.