ވަގުތީ އިމާރާތުގައި އަރަބިއްޔާގެ ދަރިވަރުންނަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެހޭނެ: ރައީސް އޮފީސް
ވަގުތީ އިމާރާތުގައި އަރަބިއްޔާގެ ދަރިވަރުންނަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެހޭނެ: ރައީސް އޮފީސް

އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ވަގުތީ ގޮތުން މިހާރު ހަމަޖައްސާދީފައިވާ އިމާރާތުގައި ދަރިވަރުންނަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތާ ގުޅޭ ހުރިހާ ކަންބޮޑުވުންތައް ހިއްސާކުރުމަށް އެ ސްކޫލްގެ ޕޭރެންޓް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ) އިން ރައީސްއާ އިއްޔެ ވަނީ ބައްދަލުކޮށްފަ އެވެ. ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި އަރަބިއްޔާގެ ޕީޓީއޭ އިން ހުށަހެޅި ކަންކަން ހައްލުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލްގެ އިމާރާތުގައި ވަރަށް ބޮޑު ރެނދުލައި، ހަލާކުވަމުން ދާތީ އެ ދަރިވަރުން ވަގުތީ ގޮތުން އެމްޓީސީސީގެ ސޯމިލް އިމާރާތަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ. އެއާ އެކު، އެ ސްކޫލްގެ އާ އިމާރާތް އަޅަން ބާޖަމާލުއްދީންގެ ބިން ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.

ސޯމިލް އިމާރާތަށް އަރަބިއްޔާގެ ދަރިވަރުން ބަދަލުކުރާއިރު، އެތަނުގައި ކުލާސްރޫމް ފަދަ ތަންތަން ހަދައިދިނުމާއި ސްކޫލް ހިންގޭނެ ވަރަށް އިމާރާތުގެ ކަންކަން ސަރުކާރުން އިންތިޒާމުކޮށްދޭ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތާ ގުޅޭ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ލިބިފައިވާ ކަމަށާއި އަރަބި ތައުލީމަށް ހާއްސަ އިސްކަމެއް ދޭކަން މިހާރު ހާމަވެއްޖެ ކަމަށް އެ ސްކޫލްގެ ޕޭރެންޓް ޓީޗާސް އެސޯސިއޭޝަން (ޕީޓީއޭ) އިން ވެސް މިއަދު ވަނީ "މިހާރު" އަށް ބުނެފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފުރަތަމަ ނިންމީ، އަންނަ މަހުގެ 16 ގައި ފަށާ ދެ ވަނަ ޓާމަށް ވަގުތީ ގޮތުން އެ ސްކޫލްގެ ކުދިން އިއްޒުއްދީން ސްކޫލަށް ބަދަލުކުރާށެވެ. އެކަމަކު، ދެ މީޑިއަމަށް ކިޔަވައިދޭ ސްކޫލަކަށް ވުމާއި އިއްޒުއްދީން ސްކޫލްގެ ޖާގަ ކުޑަވުމުން އަރަބިއްޔާގެ ބެލެނިވެރިން ދިޔައީ އިއްޒުއްދީނަށް ދަރިވަރުން ނުފޮނުވާނެ ކަމަށް ބުނަމުންނެވެ.

އެކަމާ ހިތްހަމަނުޖެހިގެން ސްކޫލް ދޮށުގައި ބެލެނިވެރިން މުޒާހަރާ ވެސް ކުރި އެވެ.