22 ޑިސެމްބަރ 2021 - 22:10

މިދިޔަ ބުރާސްފަތި ދުވަހު ފިލިޕިންސް އަށް އެރި ބާރުގަދަ ތޫފާން، "ރައި" ގެ ސަބަބުން ހާލުގައި ޖެހުނު ދިވެހި ދަރިވަރުން ވަގުތީ ހިޔާވައްސަކަށް ބަދަލުކުރުމަށް ދިވެހި ސަރުކާރުން ފައިސާގެ އެހީ ދޭން މިއަދު ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ދަރިވަރުން ދިރިއުޅެމުން ދިޔަ ސަރަޙައްދަށް އަސާސީ ހިދުމަތްތައް ދިނުމަށް ފިލިޕީންސްގެ ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމަކު އެކަމަށް މަހެއްހާ ދުވަސް ހޭދަވެދާނެ ކަމަށް އެ ގައުމުގެ އެމްބަސީން ބުނެފައި ވާތީ، ދިވެހި ސަރުކާރުން މާލީ އެހީ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ކަމަށެވެ.
މި އެހީ ދިނުމަށް ނިންމަވާފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި އެހީ ދޭނީ އެންސްޕާ އާއި ޒަކާތު ފަންޑު މެދުވެރިކޮށެވެ.
ފިލިޕީންސްގެ ބައެއް ސަރަހައްދުތަކަށް އެރި ބާރުގަދަ ތޫފާން "ރައި" ގެ ސަބަބުން، އެ ގައުމުގެ ސޭބޫ ސިޓީގައި ޕައިލެޓް ޓްރެއިނިން ހަދަމުން އަންނަ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުން ދިޔަ ޑޯމިޓަރީ އަށް ބޮޑެތި ގެއްލުންތަކެއްވެ، ފެނާއި ކަރަންޓު ކެނޑި، މުވާސަލާތީ އަދި އެހެނިހެން އަސާސީ ހިދުމަތްތަކަށް ބުރުއަރައި، އެ ދަރިވަރުން ވަނީ ހާލުގައި ޖެހިފަ އެވެ.
ގަޑިއަކު 121 މޭލު ބާރުމިނުގައި ވައިޖެހުނު މި ތޫފާނުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 200 އިން މައްޗަށް އަރައިފަ އެވެ. އެކި އިމާރާތްތައް ބިމާ ހަމަވި މި ތޫފާނުގައި ސީބޫ ސިޓީ އަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ.
ފާއިތުވި ފަސް ދުވަހު، އެ ދަރިވަރުން ތިބި ސަރަހައްދަށް ކަރަންޓު ނުލިބޭތީ ފޯނުތައް ޗާޖުކުރުން ކަހަލަ ކަންކަމަށް ވަނީ ދަތިވެފަ އެވެ. އެ ކުދިންގެ ހާލަތާ މެދު ބެލެނިވެރިން ކަންބޮޑުވެފައި ތިއްބާ ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ބައެއް ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލު ވެސް ކޮށްފަ އެވެ. އެއީ ބެލެނިވެރިންގެ އެދުމަށް ބޭއްވި ބައްދަލުވުމެކެވެ.
އެތަނުގައި ކިޔަވާ ބައެއް ދަރިވަރުން "މިހާރު" އަށް ބުނި ގޮތުގައި، އެ ކުދިން އުޅެމުން އަންނަނީ ވަރަށް ހާލުގަ އެވެ. ރަނގަޅަށް ކާން ލިބެނީ ވެސް އެންމެ އިރެއްގައި ކަމަށާއި ދެން މުޅި ދުވަހު ތިބެނީ ލުއިކާނާ ކައިގެން ކަމަށް ބުންޏެވެ. އެކަމަކު ބޯފެނުގެ ދަތިކަން މިވަގުތު ނެތް ނަމަވެސް، ފެންވެރުން ފަދަ ކަންކަމަށް ދާން ޖެހެނީ ކައިރި ހިސާބުތަކުގައި ހުންނަ ވަޅުތަކުގެ ކައިރިއަށެވެ.
ދަރިވަރުން އުޅޭ ސަރަހައްދަަށް ފޯނު ރޭންޖް ނުލިބޭތީ އާއިލާގެ މީހުންނާ ވާހަކަ ދައްކަން ވެސް ޖެހެނީ ދުރު ހިސާބުތަކަށް ދާށެވެ. މިއީ އެ ހިސާބުގައި މި ވަގުތު އެންމެންގެ ވެސް ހާލަތެވެ.
ފިލިޕިންސަށް މި އަހަރު އެރި އެންމެ ބާރުގަދަ ތޫފާނު ކަމަށްވާ "ރައި" ގައި 490,000 މީހަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.