23 ޑިސެމްބަރ 2021 - 06:29

މީގެ ދެ އަހަރު ކުރިން ފިލްމު "މަލާލް" އިން ބޮލީވުޑަށް ނުކުތް ޒުވާން އެކްޓަރު މީޒާން ޖެފްރީ ތިން ވަނަ ފިލްމަކަށް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ މަޝްހޫރު އެކްޓަރު ޖާވިދު ޖެފްރީގެ ދަރިފުޅު މި ފަހަރު ސޮއިކުރީ ޑައިރެކްޓަރު ސަންޖޭ ގުޕްތާ ޕްރޮޑިއުސްކޮށް، ޑައިރެކްޓްކުރާ ސްޕޯޓްސް ޑްރާމާއަކަށް ކަމަށެވެ. އޭނަގެ ފިލްމު ކުންފުނި ވައިޓްސް ފެދާ ފިލްމްސް އިން ހަދަން ނިންމާފައިވާ ފިލްމަށް އަދި ވަކި ނަމެއް ދީފައެއް ނުވެ އެެވެ.
އެކަަމަކު މީގެ ކާސްޓްގައި މީޒާންއާ އެކު މޯނީ އާއި ހާޝްވަރުދަން ރާނޭ ވެސް ހިމެނޭ ކަމަށް މީޑިއާތަކުން ބުންޏެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމުގައި މީޒާ އާއި ހާޝް ކުޅެނީ ފުޓްބޯޅަ ކުޅުންތެރިންގެ ރޯލެވެ.
މީޒާން 2019 ގައި ބޮލީވުޑަށް ނުކުތް "މަލާލް" އަކީ ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރި ފިލްމެކެވެ. އުންމީދީ އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މީޒާން، 26، ގެ ދެވަނަ ފިލްމަކީ ޖޫން މަހު ރިލީޒްކުރި ޝިލްޕާ ޝެޓީގެ "ހަންގާމާ 2" އެވެ.
ގުޕްތާގެ އާ ފިލްމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މާޗްގައި ރިލީޒްކުރި ޖޯން އަބްރަހަމާއި އިމްރާން ހާޝިމީގެ ގޭންގްސްޓާ ފިލްމު "މުމްބާއީ ސާގާ" އެވެ.