23 ޑިސެމްބަރ 2021 - 06:25

އިންޑިއާގެ މަޝްހޫރު ދެ ޓީވީ ނެޓްވޯކް ކަމަށްވާ ސޮނީ ޕިކްޗާޒް އިންޑިއާ (އެސްޕީއެންއައި) އާއި ޒީ އެންޓަޓައިންމަންޓް އެންޓަޕްރައިސަސް ލިމިޓެޑް (ޒީއީއީއެލް) އެކީގައި މަސައްކަތް ކުރަން ނިންމައި ދެ ނެޓްވޯކް ގުޅާަލަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ ޖަޕާނުގެ މަޝްހޫރު ކުންފުނި ،ސޮނީގެ އިންޑިއާގެ ގޮފި، އެސްޕީއެގެ ދަށަށް ޒީ ނެޓްވޯކް ބުދަ ދުވަހު ރަސްމީކޮށް ގެންދިޔައީ 82 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
މި ދެ ނެޓްވޯކް ގުޅުމާ އެކު ސޮނީ އާއި ޒީގެ ދަށުން ހިންގާ ޗެނެލްތަކުގެ އަދަދު 75 އަށް އަރާނެ އެވެ. ކޮންޓެންޓްގެ ގޮތުން މުއްސަނދި ދެ ނެޓްވޯކަކީ މިހާރު އެތަންތަނުގެ އަމިއްލަ ސްޓްރީމިން ޕްލެޓްފޯމްތަކެއް ވެސް ހުރި ކުންފުނިތަކެވެ. އެއީ ސޮނީގެ "ސޮނީ ލިވް އެޕް" އާއި ޒީގެ "ޒީ5" އެވެ.
ސޮނީގެ ދަށުން ހިންގާ އިންޑިއާގެ މަޝްހޫރު ޗެނެލްތަކުގެ ތެރޭގައި ސޮނީ މެކްސް ފާހަގަކޮށްލެވެ އެވެ. ޒީ ނެޓްވޯކްގެ އެންމެ މަޝްހޫރި ޗެނެލްތަކުގެ ޒީ ޓީވީ އާއި ޒީ ސިނަމާ ހިމެނެ އެވެ.
ސޮނީ އާއި ޒީ ޓީވީ އަކީ ޓީވީ ސިލްސިލާތަލާއި ރިއަލީޓޯ ޝޯތަކުގައި ވެސް ވާދަވެރިކަން ބޮޑު ދެ ޗެނެލެވެ.
ޒީ އާއި ސޮނީ އެއްކޮށްލި އިރު ސޮނީގެ ހިއްސާ އަކީ 50.86 ޕަސަންޓެވެ. އަދި ޒީގެ ސީދާ ހިއްސާ އަކީ 45.15 ޕަސަންޓެވެ. އަދި އެ ކުންފުނީގެ ހިއްސާދާރުންގެ ޕަސެންޓަކީ 3.99 ޕަސެންޓެވެ.
ދެ ނެޓްވޯކް މިހާރު އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ގޮތަށް ނިންމިއިރު ކުންފުނީގެ އިސްވެރިއަކަަށް ހަމަޖެއްސީ ޒީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޕުނިތު ގޮއެންކާ އެވެ. ސޮނީގެ ފަރާތުން ކުންފުނީގެ ބޯޑްގައި އިސް ރޯލެއް އަދާކުރައްވާނީ އެސްޕީއެންއައިގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު އެންޕީ ސިންގް އެވެ.
ގޮއެންކާ ވިދާޅުވި ގޮތުގައި ޒީ އާއި ސޮނީ އެކީގައި އޮޕަރޭޓްކުރުމަކީ އިންޑިއާގެ ޓީވީ އިންޑަސްޓްރީ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. އަދި މިކަމުން ޒީ އަށް ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ކުރިއާ ހިލާފަށް އިންޓަނޭޝަނަލް މާކެޓަށް މިހާރަށް ވުރެ ބޮޑަށް ހުޅުވި، އޯޑިއަންސް އިތުރުވުމެވެ.
"މީގެ ސަަބަބުން ޓީވީ އިންޑަސްޓްރީގެ މަސައްކަތްތައް ފުޅާވެ، ވާދަވެރިކަން ބޮޑުވާނެ." އޭނާ ވިދާޅުވި އެވެ.