14 ޑިސެމްބަރ 2016 - 06:28

ދިލިޕް ކުމާރުގެ 94 ވަނަ އުފަން ދުވަސް މި މަހު 11 ގައި ފާހަގަކުރިއިރު އޭނާއަށް އޮންނަން ޖެހުނީ ހޮސްޕިޓަލުގެ ބަލި އެނދުގަ އެވެ. ހޮސްޕިޓަލުގައި އޮވެ އުފަން ދުވަހުގެ ކޭކު ފެޅުމަށް ފަހު އޭނާ ދެކެ ލޯބިވާ އަދި އޭނާއަށް ތާއީދުކުރާ އެންމެންނަށް ދިލިޕް ކުމާރު ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ދިލިޕްގެ އުފަން ދުވަހާ ދިމާކޮށް އޭނާގެ އަންހެނުން އަދި ކުރީގެ މަޝްހޫރު ފިލްމީ ބަތަލާ ސާއިރާ ބާނޫ ވަނީ އިންޑިޔާގެ ނޫސްވެރިއަކަށް އިންޓަވިއުއެއް ދީފަ އެވެ. އެ އިންޓަވިއުގައި މި ދެ އެކްޓަރުންގެ ޒަމާންވީ ކައިވެނީގެ ހަޔާތާ ގުޅޭ މުހިއްމު ވާހަކަތަކެއް ހާމަކުރި އެވެ.
ދިލިޕް ކުމާރާއި ސާއިރާ ބާނޫ އަކީ ކުރީ ޒަމާނުގައި ހިންދީ ސިނަމާގައި އެންމެ ވިދާލި ދެ ތަރިންނެވެ. ވަރަށް ގިނަ ބަޔަކަށް މިއީ ނަމޫނާ ދެމަފިރިންނެވެ. މި ދެމަފިރިންގެ އާއިލީ ރައްޓެއްސެއް ކަމަށްވާ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް ބުނެފައިވާ ގޮތުގައި ސާއިރާ ކޮންމެ ނޭވާއެއް ލަނީ ވެސް ދިލިޕް ކުމާރަށް ޓަކަ އެވެ. ސާއިރާއަށް ވުރެ ފިރިމީހާއަށް ހެޔޮ އަންހެނަކު މުޅި ހަޔާތުގައި ވެސް ނުދެކޭ ކަމަށް ލަތާ ބުނެ އެވެ.
މި ދެމަފިރިންގެ ކައިވެންޏަށް 50 އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު ވަގުތު ދިޔަ ގޮތް ވެސް އެނގޭ ކަމަށް ސާއިރާ ބުންޏެވެ.
ދިލިޕް ކުމާރަށް ވުރެ ސާއިރާ 22 އަހަރު ހަގެވެ. އޮގަސްޓް 23 ގައި ސާއިރާއަށް ފުރުނީ 72 އަހަރެވެ.
ނަމަވެސް އުމުރުން ދުވަސްވުމުން ގިނަ އަންހެނުންގެ ހަށިގަނޑަށް އަންނަ ވަރުބަލިކަމާއި ބަލިމަޑުކަން އަދިވެސް ސާއިރާގެ ކިބަޔަކުން ނުފެނެ އެވެ. އެއަށް ވުރެ ބޮޑަށް އޭނާ ސަމާލުކަން ދެނީ ފިރިމީހާ އަށް އަޅާލާށެވެ.
"ސާހަބް އާއި ސާހަބްގެ ގެ ބެލެހެއްޓުމަކީ އަހަރެން ކުރާޙިތުން ކުރާ ކަމެއް. ކައިވެންޏަށް ފަހު ފިލްމީ ކެރިއަރު ދޫކޮށްލާކަށް ސާހަބް ދުވަހަކު ވެސް އަހަރެންގެ ކިބަޔަކުން ނޭދޭ. އޭގެ ބަދަލުގައި ފިލްމީ ރޮނގުން ކުރިއަށް ދާން ދިނީ ހިތްވަރު. ނަމަވެސް ކައިވެނި ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އަހަރެން ކެރިއަރު މަތިން މުޅިން ފޫހިވި. އަހަރެން ބޭނުންވީ ސާހަބްގެ ޚިދުމަތުގައި ހުންނަން،" ސާއިރާ ބުންޏެވެ.
ކައިވެންޏަށް އެހާ ދުވަސް ވީ ނަމަވެސް ސާއިރާ އާއި ދިލިޕް ކުމާރަށް ދަރިއަކު ނުލިބެ އެވެ. ސާއިރާ ބުނާ ގޮތުގައި ދަރިން ނެތަކަސް އޭނާ ހިތާމައެއް ނުކުރެ އެވެ. އެއަށް ވުރެ ކައިވެނީގެ މުހިއްމުކަން އޭނާއަށް މާ ބޮޑެވެ.
"ޔޫސުފް ސާހަބް [ދިލިޕްކުރާމަށް ސާއިރާ ކިޔާ ނަން) ގެ ހިތް ހަމަ ކުޑަކުއްޖެއް ފަދަ. އެހެންވީމާ ދަރިން ނެތުމުގެ އުނިކަމެއް އިހްސާސެއް ނުވޭ،" ސާއިރާ ބުންޏެވެ.
ރީތީގެ ރާނީއެއްގެ ލަގަބު ހޯދާފައިވާ ސާއިރާ އާއި ދިލިޕް ކުމާރުގެ ކައިވެނީގައި ދިލިޕް ވަނީ އެއް ފަހަރު މަގުން ކައްސާލައިފަ އެވެ. އެއީ 1980 ގެ އަހަރުތަކުގެ ތެރޭގަ އެވެ.
ސާއިރާއާ ކައިވެނި ކުރުމުގެ ކުރިން އޭރުގެ އެންމެ ރީތި ގިނަ ބަތަލާއިންނާ ދިލިޕް ރައްޓެހިވި އެވެ. އޭގެ ތެރޭގައި މަދުބާލާ އާއި ވަހީދާ ރަހްމާން އަދި ވިޖަޔަންތިމާލާ ހިމެނުނެވެ. ނަމަވެސް އެ ޒަމާނުގައި އެންމެ ހައިބަތު ހުރި އެންމެ ގިނަ އަންހެންކުދިންގެ ހިތް އެމީހަކަށް ތެޅެމުން ދިޔަ ދިލިޕް ކުމާރާ ކައިވެނިކުރުމުގެ ޝަރަފު ލިބުނީ ސާއިރާ އަށެވެ.
މި ދެ މީހުންގެ އުފާވެރި އަދި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނެތް ކައިވެނީގައި މައްސަލަ ޖެހުނީ އެންމެ ފަހަރަކު އެވެ. އަސްމާ ނަމަކަށް ކިޔާ ފޭނެއްގެ އަވާގައި ދިލިޕް ކުމާރު ޖެހުނީ އެވެ. ސާއިރާ އަށް ވަގަށް އަސްމާއާ ދިލިޕް ކައިވެނި ވެސް ކުރި އެވެ. ނަމަވެސް ސާއިރާ ޔަގީންކުރި ގޮތުގައި އޭނާގެ "ޔޫސުފް ސާހަބް" ކޮންމެވެސް ދުވަހަކުން އޭނާގެ ކައިރިއަށް އެނބުރި އަންނާނެ އެވެ. ކަން ވީ ވެސް އެހެންނެވެ. މާ ގިނަ ދުވަހެއް ނުވެ އަސްމާ ވަރިކުރުމަށް ފަހު ދިލިޕް ކުމާރު އަލުން ސާއިރާ ކައިރިއަށް ދިޔަ އެވެ.
"އަހަރެންގެ ހަޔާތުގައި ސާހަބް ނޫން އެހެން މީހަކަށް ޖާގައެއް ނެތް. އަހަންނަކީ އަބަދުވެސް އޭނާގެ ފޭނެއް. ޓީންއޭޖް ދުވަސްވަރު ވެސް އަހަރެން ސާހަބްގެ އަންހެނުންނަށް ވާން ބޭނުންވި،" ސާއިރާ ބުންޏެވެ.
"އަހަރެން ވަރަށް ބޯހަރުވާނެ. އެއް ފަހަރު ވެސް ކުރަން ނިންމައިފި ކަމެއް ވިއްޔާ ނުކޮށް ހުއްޓައެއް ނުލަން. އަހަންނަށް އެނގޭ ވަރަށް ގިނަ ރީތި އަންހެނުން ސާހަބް އަށް ކަޅި އަޅައަޅާ ތިބިކަން. ނަމަވެސް އޭނާ ޚިޔާރުކުރީ އަހަރެން. އަހަރެންގެ ހުވަފެން ހަގީގަތަކަށް ވި. އެއީ މި ކައިވެނި އަހަރެން ސިފަކުރާ ގޮތަކީ. ހުރިހާ ކަމެއް ފުރާ ފުރިހަމަވެފައިވާ ހުވަފެނެއް ގޮތަށް،" ސާއިރާ ބުންޏެވެ.