22 ޑިސެމްބަރ 2021 - 17:04

ޔޫކްރޭންގެ މައްސަލައިގައި އެމެރިކާއާ ދެކޮޅަށް ކުރިމަތިލުމަކަށް ނުގޮސް ފަރުޖެހެން ނެތްހެން ހީވާ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.
ޕުޓިން މި މޭރުމުން އިއްޔެ ވާހަކަ ދެއްކެވީ، ޔުކްރޭނާއި ރަޝިޔާ ގުޅޭ ސަރަހައްދީ ރޮނގު ކައިރި އަށް ރަޝިޔާގެ ސިފައިންނާއި ބަރު ހަތިޔާރުތައް ޖަމާކުރަމުންދާ މައްސަލައިގައި، އެމެރިކާ އިން ތަފާތު ގޮތްގޮތަށް ބަހުގެ ހަމަލާތައް ދޭން ފަށާފައި ވަނިކޮށެވެ.
ޕުޓިން ވިދާޅުވީ ރަޝިޔާއާ މެދު ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ އުދުވާނީ ގޮތްގަނޑު ދޫކޮށްނުލާ ނަމަ، ވަރުގަދަ ރައްދެއް ދޭން ރަޝިޔާ އަށް މަޖުބޫރުވެދާނެ ކަމަށެވެ.
"އެމެރިކާ އިން ޔޫކްރޭންގައި އެ ހިންގާ އަމަލުތަކަކީ، އަހަރެމެންގެ ދޮރު ކުރިމަތީގައި ޖަހާ ސަކަރާތްތަކެއް. އެކަންކަމާ އަޅާނުލައި ރައްދެއް ނުދީ އަހަރެމެން އެނބުރި ފަހަތަށް ޖެހޭނެ ކަމަށް އެމީހުން ދެކިގެން ނުވާނެ. އެމީހުންނަށް ހީވަނީބާ، އެމީހުން ކުރާހާ ކަމެއް ކުރަންދެން، އަހަރެމެން ދެ އަތް އުރާލައިގެން މަންޒަރު ބަލަން ތިބޭނެ ކަމަށް،" ޕުޓިން ވިދާޅުވި އެވެ.
"އަހަރެމެންގެ ބައިވެރިންގެ އުދުވާނީ ގޮތްގަނޑު އެގޮތުގައި ކުރިއަށް ދާނަމަ، އެކަމާ ދެކޮޅަށް އެންމެ އެކަށީގެންވާ ގޮތުގައި އަސްކަރީ އަދި ފަންނީ ގޮތުން ރައްދު ފިޔަވަޅު އަޅަންޖެހޭނެ. އެފަދަ ކޮންމެ އުދުވާނަކަށް ވަރަށް ހަރުކަށި ގޮތެއްގައި، އެއްވެސް ރަހުމެއް ނެތި އަހަރެމެން ރައްދު ދޭނަން."
އެހެން ނަމަވެސް އެ ވިދާޅުވީ ހަރުކަށި ފިޔަވަޅަކީ ކޮބައިކަމެއް ރައީސް ޕުޓިން ވިދާޅެއްނުވެ އެވެ. ރަޝިޔާގެ ހާރިޖީ ވަޒީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރަޝިޔާގެ އަސްކަރީ ދިފާއީ ނިޒާމުގެ ތެރޭގައި ހިމެނޭ މެދު ރާސްތާގެ މިސައިލްތައް، ޔޫކްރޭނާ ކައިރި ސަރަހައްދުގައި އަތުރައިލަން ޖެހިދާނެ އެވެ. އެއީ ނޭޓޯ އިން އެފަދަ އަމަލުތަކެއް ހިންގަމުންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި ރަޝިޔާ ސިފައިން ޔޫކްރޭންގެ އިމާ ގާތުގައި ރުކުރުވާލަމުން ދަނީ، ޔޫކްރޭނަށް އުދުވާނީ ހަމަލާއެއް ދިނުމުގެ ބޭނުމުގަ އެވެ. އަދި ރަޝިޔާ ސިފައިން މިހާރު ތިބީ ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ޔޫކްރޭނަށް ވަރުގަދަ ހަމަލާއެއް ދެވޭ ފެންވަރަށް ތައްޔާރީ ހާލަތުގައި ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.
ނަމަވެސް ރަޝިޔާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ރަޝިޔާ އިން ބުނާ ގޮތުގައި އެ ގައުމުގެ ސިފައިން ޔޫކްރޭންގެ ސަރަހައްދަށް ޖަމާކުރަމުން ދަނީ، ނޭޓޯގެ ހަރަކާތްތައް އިރުމަތީ ޔޫރަޕަށް ފުޅާކުރަމުން އަންނާތީ އެވެ.