23 ޑިސެމްބަރ 2021 - 09:23

އަލަށް އިއުލާން ކުރި އެއާޕޯޓްތަކުގެ އަގު ކަނޑައަޅާފައި ވަނީ ރަށް ހިއްކުމާއި އެތަނަށް ބޭނުންވާ މެޝިނަރީ އާއި އިކުއިޕްމަންޓްތަކުގެ އަގު ވެސް ހިމަނައިގެން ކަމަށާއި އާ އެއާޕޯޓުތައް އަޅަން ނިންމި އަގުތައް ބޮޑު ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ، ރާއްޖޭގެ ހަ ރަށަކުން އެއާޕޯޓް އަޅަން ކަނޑައަޅާފައިވާ އަގުތަކަކީ މީގެ ކުރިން ވެސް އެއާޕޯޓު ހަދަން ދޫކޮށްފައިވާ ރަށްތަކާ ދާދި އެއްވަރެއްގައި ހުރި އަގުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ، އަގުތައް ހިސާބު ކުރުމުގައި ހިއްކާ ބިމުގެ ބޮޑުމިނާއި އެއާޕޯޓަށް ބޭނުންވާ އިކުއިޕްމެންޓްތައް ވެސް ހިމެނޭނެ ކަމަށެވެ. ނަމަވެސް އެއާޕޯޓު އަޅާ ރަށްތަކުގެ ހިއްކަނީ ކިހާ ހެކްޓަރެއްގެ ބިމެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
• ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
• ފ. ބިލެއްފަހި - 23.6 މިލިއަން ޑޮލަރު
• ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
• ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
• ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
• ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް - 23.6 މިލިއަން ޑޮލަރު
އަލަށް އެއާޕޯޓު އަޅަން ހުޅުވާލި އެއާޕޯޓުތަކުގެ އަގުތައް ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ހއ. ހޯރަފުއްޓަކީ ވެސް ބިން ހިއްކައިގެން ތަރައްގީ ކުރި އެއާޕޯޓެއް ކަމަށްވާ އިރު އެ ރަށުގައި އެއާޕޯޓު އަޅަން ހޭދަކުރީ 198 މިލިއަން ރުފިޔާ އެވެ. މިހާރު ގދ. ގައި ތަރައްގީ ކުރަމުން އަންނަ ފަރެސްމާތޮޑާގެ ބިން ހިއްކުމާއި އެއާޕޯޓް އެޅުމަށް 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ފަރެސްމާތޮޑާގެ އެއާޕޯޓު އަޅަން 20 ހެކްޓަރުގެ ބިން ހިއްކި އިރު ހޯރަފުށި އެއާޕޯޓު އަޅަން 35 ހެކްޓަރުގެ ބިން ހިއްކި އެވެ.
މީގެ އިތުރުން އަލިފުށީގައި އެއާޕޯޓު އެޅުމަށް 50 ހެކްޓަރު ހިންގަން ނިންމާފައިވާ އިރު އެ ރަށަށް 451 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. މިއީ ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އެއާޕޯޓެކެވެ. އަލިފުށީގެ އިތުރުން މ. މުލިގައި ވެސް އެއާޕޯޓެއް އެޅުމުގައި ބަޖެޓުގައި ހިމަނާފައިވެ އެވެ.
ސަރުކާރުން އެއާޕޯޓު ހަދަން ހުޅުވާލި ހަ ރަށް ދޫކުރަނީ އިންވެސްޓަރުންނަށް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އެންމެ މަދުވެގެން އިންވެސްޓް ކުރެވޭ ގޮތަށެވެ. އެހެންކަމުން މި ރަށްތަކުގައި އެއާޕޯޓު ހަދަން އެއް ޕާޓީ އަށް ވުރެ ގިނަ ޕާޓީތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. މިއީ އެއާޕޯޓު ތަރައްގީ ކުރަން މި ކޮންސެޕްޓަށް ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ.
އެ ރަށްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު އިއުލާނުގައި، ޕްރޮޕޯސަލްތައް ހުށަހަޅާނެ މުއްދަތެއް ކަނޑައަޅައިފައެއް ނުވެ އެވެ.