ރާއްޖެއިން "ވަން ޗައިނާ" އުސޫލުގައި ހިފަހައްޓާނެ: ނައިބު ރައީސް
ރާއްޖެއިން "ވަން ޗައިނާ" އުސޫލުގައި ހިފަހައްޓާނެ: ނައިބު ރައީސް

ރާއްޖެއިން "ވަން ޗައިނާ" އުސޫލުގައި ހިފަހައްޓާނެކަމުގެ ޔަގީންކަން ނައިބް ރައީސް ފައިސަލް ނަސީމް އެ ގައުމަށް ދެއްވައިފި އެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން، މިއަދު ނައިބު ރައީސް ފައިސަލްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރާތުގައި ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާކުރައްވައިފަ އެވެ.

‎ފައިސަލް ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ވަރަށް ޒަމާންވީ ގާތް ގުޅުމެއް ގާއިމުވެފައިވާ ކަމަށާއި ތަރައްގީގެ ދާއިރާއިންނާއި ޓޫރިޒަމާއި ތައުލީމީ ދާއިރާއިންނާއި ކޮވިޑްގެ ހާލަތުގައި އެ ގައުމުން ދިން އެހީ ފާހަގަކުރައްވައިފަ އެވެ.

ފައިސަލްގެ ވާހަކަފުޅުގައި ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަންގައި ރާއްޖެއިން ބައިވެރިވުމަށް ކުރި މަސައްކަތަށް ޗައިނާ ސަރުކާރުން ދެއްވި އެއްބާރުލުމަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ. ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަންގައި ރާއްޖެއަށް ބައިވެރިވެވުމުގެ ސަބަބުން ކޮވިޑް-19 އަށް ފަހު ގައުމުގެ އިގްތިސާދު އަލުން ފަށައިގަތުމަށް ވަރަށް ބޮޑު އެހީއަކަށްވި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ޗައިނާ ސަފީރު ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގައި ދިވެހި ސަރުކާރުން މުހިއްމު ސިޔާސަތުތަކެއް ތަންފީޒުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ބޯޑަރުތައް ހުޅުވާލައި ކާމިޔާބުކަމާ އެކު ފަތުރުވެރިކަން ކުރިއަށް ގެންދާތީ ތައުރީފް ކުރައްވައިފަ އެވެ.

އަންނަ އަހަރަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރުފުރޭ ރަންޔޫބީލް އަހަރުކަން ފާހަގަކުރައްވާ އެ މުނާސަބަތު ފާހަގަކުރުމަށް އެކި ހަރަކާތްތައް ހިންގުމަށް ރާވަމުނ އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

‎އޭނާ ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. މެޑިކަލް ޓީމުތައް ފޮނުވުމާއި ދެ ގައުމު ދޭތެރޭ އޮތް އިޖްތިމާއީ އަދި ޒަމާންވީ ސަގާފީ ގުޅުންތައް ހަރުދަނާ ކުރުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވި އެވެ.