23 ޑިސެމްބަރ 2021 - 06:37

ގޮންޖަހާފައި އޭނާ ވިދާޅުވާ އެއް ވާހަކަ އެވެ؛

"ތަނެއް ބިންދައިގެން ދިޔައީމަ މިހާރުގެ ޑޮކްޓަރުން 21 ދުވަހުން ޕްލާސްޓަރު އަޅައިގެން ފަސޭހަކުރާ ކުރުން ތިން ދުވަހުން އަޅުގަނޑުމެން ދިވެހި ބޭހުން ރަނގަޅު ކޮށްދޭނަން."

ނ. ތޮޅެންދު އަށް އުފަން މަޝްހޫރު ދިވެހި ބޭސްވެރިޔާ ހަސަން ގާސިމް އެހެން ވިދާޅުވީ އެންމެ ބޭނުމެއްގަ އެވެ. އޭނާގެ ބޭސްވެރިކަމުގެ 57 އަހަރުގެ ތެރޭގައި ދިވެހި ބޭސްވެރިކަން ކުރިއަރުވަން އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާތީ އެ ކަންބޮޑުވުމާއި ހާސްކަމުގަ އެވެ. އޭނާ ވިދާޅުވަނީ ދިވެހި ބޭސްވެރިކަން މިހާރު މުޅިން ނެތި، އެންމެ ފަހު މީހާ އަށް އޭނާ ވެއްޖެ ކަމަށެވެ. އެކަމަކު، އެހާ ޔަގީން ބޮޑު، އަދި ކުޑަ ހަރަދަކުން ކޮށްލެވޭ ބޭސްވެރިކަމަށް ދިވެހި ދައުލަތުން އަޅާނުލައި ދޫކޮށްލަނީ ކީއްވެގެންތޯ އޭނާ ސުވާލު ކުރައްވަ އެވެ. އެއީ ޝަކުވާއެއް ކަމަށް ވިޔަސް އޭނާ އަށް ހެވެވެ.
"ކުނި ކަހާ މީހުންގެ ވެސް ސެކްޝަނެއް އެބައޮވޭ ނޫންތޯ [ސަރުކާރުން ހަދާފައި]. އެކަމަކު ކޮބައިތޯ ދިވެހި ބޭސްވެރިކަމަށް ސެކްޝަނެއް ޑިވިޝަނެއް ވިޔަސް. ކުލިނިކެއް ހާ މިންވަރު ވެސް ސަރުކާރުން ހަދައިދީފައި،" އުމުރުން 87 އަހަރުގެ، މުޅި ރާއްޖެ ދަންނަ ބޭސްވެރިޔާ، "މިހާރު"ގެ ޕޮޑްކާސްޓަށް ވިދާޅުވި އެވެ.
"ޑޮކްޓަރުން ބޭނުން ވަނީ ދިވެހި ބޭސްވެރިކަމޭ މި ކިޔާ ހަކީމީ ބޭސްވެރިކަން ނެތިކޮށްލަން. ވެދާނެ އެ ބޭފުޅުންގެ ވިޔަފާރި ބަންދުވެދާނެތީ ކަމަށް ވެސް. އެކަމަަކު އެހެނެއް ނުވާނެ. މާތްﷲ ރިޒުގު ދެއްވަނީ އެކަކަށް ދެއްވިޔަސް އަނެކަކަށް ވެސް ދެއްވާ ގޮތަށް."
ރާއްޖޭގެ މަޝްހޫރު އެތައް ބައިވަރު ދިވެހި ބޭސްވެރިން ދުނިޔެ ދޫކުރެއްވި އިރު، އެ ބޭފުޅުން ދުނިޔެމަތީގައި ކަމެއް ކުރެއްވިހެން ވެސް ހީނުވާ ކަމުގެ ކަންބޮޑުވުން ވެސް ހަސަން ގާސިމް ފާޅުކުރެއްވި އެވެ. އެއް މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ނައިފަރު ދޮންކަލޭފާނެވެ.
"އަދި އަޅުގަނޑު މިއީ ކާކުތޯ. އިހަކަށް ދުވަހު ނޫންތޯ ނައިފަރު ދޮންކަލޭފާނު އެ އަވަހާރަވީ. އޭނަގެ މަޝްހޫރު ވާހަކަ، މޮޅު ވާހަކަ ނުދައްކާ ދުލެއް ނޯންނާނެ ރާއްޖޭގައި. އެކަމަކު އެފަކީރު ނިޔާވެގެން ދިޔައިރު ވެސް ނެތޭ ބޭސްވެރިޔަކު އުފެދިފައެއް. ބޭސްފޮތެއް ހާ މިންވަރު ވެސް ނެތް. އެ ބޭފުޅުންނާ އެކު އެ އެއްޗެހި ވަޅުލެވިގެން ދިޔައީއޭ،" ތޮޅެންދޫ ކަތީބުކަމާއި އަތޮޅުވެރިޔާގެ އެހީތެރިކަމާއި ހާއްސަ އެހީތެރިޔާގެ މަގާމް ވެސް އަދާކުރެއްވި ހަސަން ގާސިމް ވިދާޅުވި އެވެ.
ހަމައެގޮތަށް، އޭނާ އަށް ދަސްވެފައި ހުރި އެއްޗެއް ވެސް އުނގަންނައިދޭނެ ގޮތެއް ނެތެވެ. އޭނާގެ އަންހެން ބޭފުޅަކު އޭނާއާ އެކު ކްލިނިކްގައި އުޅުއްވާތާ ތިން އަހަރެއްހާ ދުވަސްވީ އިރު، އޭނާ އަށް ދަސްވި އެއްޗެއް ފިޔަވައި ހަސަން ގާސިމްގެ ބޭސްވެރިކަމުގައި އެނގުނުހާ އެއްޗެއް އޭނާއާ އެކު ފަސްއަޅައި ފޮރުވުމުގެ ބިރު އެބައޮތެވެ.
"ކޮންމެވެސް ވަރަކަށް ހުންނާނެ އަޅުގަނޑު ފޮތް ލިޔެފައި. އެކަމަކު އެ ތަކެތި މިހާރު ޕްރިންޓް ކުރުމުގެ ޝައުގުވެރިކަމެއް ނެތް. އަޅުގަނޑު މަރުވީމަ ދަރިން އެ ގެންގުޅެންޏާ ގެންގުޅެންވީ. އަޅުގަނޑުގެ ޝައުގުވެރިކަމެއް ނެތް އެ އެއްޗިއްސާ މެދު. މި ދެންނެވީ އަޅުގަނޑަށް 86 އަހަރޭ. ދެން ތި އެއްޗެހި ޕްރިންޓް ކޮށްގެން ގެންގުޅޭހާ ދުވަހެއް އަޅުގަނޑުގެ ނެތް،" މިހާރު ހުޅުމާލޭގައި ދިރިއުޅުއްވާ ހަސަން ގާސިމް ވިދާޅުވި އެވެ.
ބޭސްވެރިކަމުގައި ރާއްޖޭގައި ތިން ދައުރެއް ހިނގައްޖެ އެވެ. އޭގެ ތެރެއިން އެއް ދައުރަކީ ފަންޑިތަވެރިކަމުން، ތަވީދާއި ފަންވަތް އައްސައިގެން ނުވަތަ ފެން ކިޔަވައިގެން ފަރުވާ ހޯދައިގެން އުޅުނު ޒަމާނެވެ. އޭގެ ފަހުން ދެން އައީ ފަތްޕިލާވެލީގެ ބޭސްފަރުވާ އެވެ. ޑޮކްޓަރީ ފަރުވާ ފުޅާވީ އޭގެ ފަހުންނެވެ.
ޑޮކްޓަރީ ފަރުވާ ރާއްޖޭގައި ފެށި ބަދަލުވަމުން ދިޔަ ދުވަސްވަރު، 1960ގެ ކުރީކޮޅު ދިވެހި ބޭސްވެރިކަމުގެ ޖާދޫ ދައްކާލެއްވި އެއް ބޭފުޅަކީ ހަސަން ގާސިމެވެ. ދިވެހި ބޭސް ދަސްކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ނަން ރާއްޖޭގެ ހަތަރު ބިތަށް ފެތުރުނެވެ. ހާއްސަކޮށް، އުތުރުގެ އަތޮޅުތަކުގައި ހަސަން ގާސިމަކީ ބޭސްވެރިކަމުގެ ލެޖެންޑެކެވެ. އޭނާގެ ފަރުވާތަކުން ވަރަށް ގިނަ މީހުން ރަނގަޅުވެ، ދަތުރު ހަދައިގެން އެ ރަށަށް މީހުން ޖަމާވަމުން ދިޔަ އެވެ. އެ ދުވަސްވަރު މުޅި އުތުރުގައި ވެސް ހުރިހާ ބޭހަކަށް ހައްލު ދެވެން ހުރި ހަމައެކަނި ބޭފުޅަކީ ހަސަން ގާސިމް އެކަންޏެވެ. އެހެންވެ، ޑިމާންޑް އޮތީ އިންތިހާ އަށް ބޮޑުވެފަ އެވެ.
މިކަމުގެ ތެރެއަށް ވެންނެވުމަށް، ހަސަން ގާސިމަށް ދިމާވީ ވަރަށް ބޮޑު ނަސީބަކާ އެވެ. މަޝްހޫރު ބޭސްވެރިޔާ މާވާ މުހަންމަދު މަނިކު ސިޔާސީ މައްސަލައެއްގައި 60ގެ އަހަރުތަކުގެ ކުރީކޮޅު އެ ރަށަށް އަރުވާލީ އެވެ. ހުންނެވީ އޭރު ކަތީބުކަން ވެސް ކުރައްވާ ހަސަން ގާސިމް ދިރިއުޅުއްވާ ގޭގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހި ބޭސްވެރިކަން ދަސްކުރެއްވުމަކީ ވަރަށް ކުރާ ހިތް ނުވާ ކަމަކަށް ވިޔަސް، ބައްޕަގެ އެދިވަޑައިގަތުމާ އެކު އެކަމަށް ހިތް ލަންބުވާލީ އެވެ. މުހަންމަދު މަނިކު އެ ރަށުގައި ހުންނެވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ހަސަން ގާސިމް ބޭހަށް ފައްކާ ވެއްޖެ އެވެ.
"މުހަންމަދު މަނިކު ކައިރި އަށް މުޅި އުތުރު އެންމެންހެން އައި. ތޮޅެންދޫ ފުރިފައި އޮންނާނީ. މުހަންމަދު މަނިކު ބުނުއްވާނީ އަޅުގަނޑު ގާތުގައި އެ ބަލި މީހާ ބަލަން. އަޅުގަނޑު ބަލައިފައި އަޅުގަނޑަށް ފެންނަ ގޮތެއް ދެންނެވީމަ ދުރަށް ގެންދަވާފައި ވިދާޅުވާނެ މި ނިޝާންތައް މިހެން ހުރެއްޖިއްޔާ ތިޔައީ ތި ބައްޔެއް ނޫނެ. އެއީ މިވެނި ބައްޔެކޭ. އެގޮތަށް އަޅުގަނޑަށް ދަސްވީ،" ބޭސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމް ވެސް ހޯއްދަވާފައިވާ ހަސަން ގާސިމް ވިދާޅުވި އެވެ.
އޭގެ ފަހުން މިވީ ބައި ގަރުނަށް ވުރެ ގިނަ ދުވަހު ހަސަން ގާސިމް ވަނީ ވަރަށް ގިނަ ބަޔަކަށް ފަރުވާ ދެއްވައިފަ އެވެ. މުސްކުޅި އުމުރުގައި، މިހާރު ވެސް، އަދި މި އިންޓަވިއު ދެއްވަނިކޮށް ވެސް އޭނާގެ ފޯނު އިރުއިރުކޮޅާ ރިންގުވަމުން ދިޔަ އެވެ. ވިދާޅުވަމުން ގެންދަވަނީ މިރޭ ވަޑައިގަންނަވާށޭ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހއ. ކެލައިން ފެށިގެން އައްޑުއާ ހަމައަށް، އޭނާގެ ބޭސްވެރިކަމުގެ ނަތީޖާ ފެނިފައި ނުވާ އެއްވެސް ރަށެއް ނޯންނާނެ އެވެ.
ބަޔަކު ސިއްސައިގެންދާ ވަރުގެ ކަންކަން ވެސް ހަސަން ގާސިމް ވަނީ ކުރައްވައިފަ އެވެ. އޭނާގެ ބޭސްވެރިކަމުގައި ގެންގުޅުއްވި އުކުޅަކީ، މުޅި އުތުރުގައި ވެސް ވަރަށް މަޝްހޫރު އުކުޅެކެވެ. ވިސްނުންތެރިކަމާ އެކު އެކަމަކަށް ކުރިމަތިލެއްވުމެވެ. އޭގެ ތެރެއިން އެއް މިސާލަކީ، އަންހެނެއްގެ ބޮލުގެ ހަންގަނޑު ނަގައިގެން އޭނާ އަށް ކުރެއްވި ފަރުވާ އެވެ. މިއީ، ހަސަން ގާސިމްގެ ވެސް މުޅި ހަޔާތުގައި މީހަކަށް ދިން، އެންމެ ހަނދާނުން ފޮހެލަން ދަތި ފަރުވާ އެވެ.
"މާފަރުގައި އުޅޭނެ ހުސްނާ ކިޔާ އަންހެނެއް. އޭނަގެ ބޮލުގައި ނެގީ މާވިހައެއް. މުޅި ހިސާބުގަނޑު ދުޅަކޮށްލައިފައި ރަތްކޮށްލައިފައި އޮތީ. އެ ރަށުގައި ހުރި ބޭސްވެރިޔަކު އެއީ ދުވަންޏެކޭ ކިޔައިފައި ބޭސް އެޅީމަ އޭގެ އުނދަގޫ ބޮޑުވެގެން އަޅުގަނޑުމެން ރަށަށް ގެނައި އިރު އޭނާ އަށް ބޯ ވެސް ނުހިފޭއްޓޭ. ދެ މީހުން ވެގެން ބޮލުގައި ހިފަހައްޓައިގެން އައީ،" އެ ހާދިސާ ހަސަން ގާސިމް ވިދާޅުވެދެއްވި އެވެ.
"އަޅުގަނޑު ރޭޒަރު ތިލައަކުން ބޮލުގެ ހަންގަނޑު ކަފާލައިގެން ނެގީ. އެކަން ކުރި އިރު ވެސް އަޅުގަނޑު ބުނިން އިސްތަށި ފަޅާނެ ކަމުގެ ޔަގީންކަމެއް ނެތޭ. އޭނަ ބުނީ އިސްތަށި ނުފެޅިޔަސް މިކަން ރަނގަޅުވާށޭ ބޭނުން ވަނީ. ހަންގަނޑު ކަފާލައިފައި ދޮސްތައް ނަގައިފައި ދެން ބޭހަކަށް އެޅީ ހިތްތަލަފުށުގެ އޮލަފުށް. އިރާދަކުރެއްވިއްޔާ ހަފުތާއެއްގެ ތެރޭގައި ރަނގަޅުވެގެން ރަށަށް ހިނގައްޖެ."
ހަސަން ގާސިމް ވިދާޅުވާ ގޮތުންް، ދިވެހި ބޭސްވެރިކަމުގައި ފައިދާތަކެއް އެބަހުއްޓެވެ. އެއް ކަމަކީ ހަރަދު ކުޑަވުމެވެ. އަނެއް ކަމަކީ ފަތްޕިލާވެލީގެ ތާސީރުން ދެވޭ ފަރުވާއަކަށް ވުމެވެ. އަނެއް ކަމަކީ އިތުބާރެވެ.
"ފުޓުބޯޅަ ކުޅެގެން ނުވަތަ ތަދުވެގެން ތަދުވާ ފައިގައި، ލޮނުވެލި ފުނޑާފައި މޫދު ލޮނުކޮޅެއް އަޅައިގެން ކައްކާފައި ހޫނުކޮށް ހުއްޓާ ވަށާލީމަ ވާ ގޮތެއް ނިކަން ބަލާލަބަލަ،" ހަސަން ގާސިމް ވިދާޅުވި އެވެ.
"ރަނގަޅުވެގެން ދާނެ ހަމަ ވަގުތުން."
ދިވެހި ބޭސްވެރިކަން މުހިންމުވާ އަނެއް ސަބަބަކީ، އޭނާ ވިދާޅުވާ ގޮތުގައި، އެއީ ސީދާ ހުރިހާ ބައްޔަކަށް ވެސް ފަރުވާއެއް އޮތް ބޭސްވެރިކަމަކަށް ވާތީ އެވެ. އަދި ޒަމާނީ ބައެއް ވަސީލަތްތައް، މިސާލަކަށް އެކްސްރޭ ކަހަލަ އެއްޗެހި ބޭނުންކޮށްގެން ބައެއް ފަރުވާތައް ވަރަށް ބޮޑަށް ރަނގަޅު ކުރެވިދާނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑުމެން މިއީ ދިވެހި ބޭހޭ ކިޔަސް، މިއީ އިބުނުސީނާގެ ބޭސްވެރިކަން ނޫންތޯ. ޗައިނާ ތަންތަނުގައި މިހާރު ވެސް މި ބޭސްވެރިކަން ނޫންތޯ މިއޮތީ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ބިރަކީ، އޭނާ ވިދާޅުވި ގޮތުގައި މިކަން މިހާ ހިސާބުން ނެތި ދިއުމުގެ ބިރެވެ. އެހެން ބައެއް ކަންކަން ރާއްޖެ އިން ނެތިގެންދާ ގޮތަށް، އޭގެ އަސްލު ގެއްލި، ގަޑުބަޑުވެ، ދިވެހި ބޭސްވެރިކަމުގެ ރީތި ސިފަ ވެސް ނެތިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެވެސް ސިފައެއްގައި މިކަން ނޯންނާނެއެކޭ ނޫން މި ދަންނަވަނީ. މިކަން ވެސް ދެން އޮންނާނެތާ ކޮންމެވެސް ގޮތަކަށް. ފަންގި ވިންނަ މީހުން ވެސް އެބައުޅޭ ދެއްތޯ. ރޯނު ވަށާ މީހުން ވެސް އެބަ އުޅޭ ދެއްތޯ. އެކަމަކު އެކަން ވެސް އޮންނަން ވާ ގޮތަކަށް ނޯވޭ. ކުޅުދުއްފުށީ މީހުން ބޮނބި ތަޅާލައިގެން އެ ވަށާލާ ރޯނު ނުވެށޭނެ މިއަދުގެ މީހުންނަކަށް. ބޮޑު ކިފުޅިގަނޑެއްހެން އޮންނާނީ. އެ މީހުން އެ ވަށާ ރޯނު ނަނެކޭ އެއްގޮތްވާނެ،" ހަސަން ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމުގެ ފަގީރު ކަމާއި ރައްޔިތުންގެ ވެސް ފަގީރު ކަމާ އެކު މި ބޭސްވެރިކަން އަލުން ދިރުވައި އާލާ ކުރުން މުހިންމު ކަމަށެވެ.
"މި އަގުބޮޑު ހަޒާނާ ތަޅު ނުލައި ހުޅުވާލައިގެން ގެންގުޅެވޭނެ ގޮތެއް ހެދުން [ސަރުކާރުގެ ކިބައިން އެދެނީ]. މި ކަންކަން ދިރުވައި ދަމަހައްޓާނެ ސަރުކާރުގެ އޮފީހެއް ނުވަތަ ކްލިނިކެއް ވިޔަސް ހަދައިގެން މިކަން ކުރުން. އޭރުން މިކަން ނުހުއްޓި ހިނގާނީ. މިއީ އުވާލާ ވަރުގެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"[މިކަމުގައި] ރާއްޖޭގެ އެންމެ މަޝްހޫރު މީހަކަށް ވެގެން މި އުޅެނީ އަޅުގަނޑު މިއަދު. އަޅުގަނޑު މަރުވީމަ ދެން ނެތޭ މިކަން ކުރާނެ މީހެއް. ކޮންމެ މީހަކު ވިޔަސް މިކަން އެބަ ޖެހޭ ދަމަހައްޓަން."