ސީއެޗްއެސްއީ އާއި އަރަބިއްޔާ ހިންގާ ބިން ހުސް ޖާގައެއްގެ ގޮތުގައި
ސީއެޗްއެސްއީ އާއި އަރަބިއްޔާ ހިންގާ ބިން ހުސް ޖާގައެއްގެ ގޮތުގައި

ސީއެޗްއެސްއީ އާއި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް އެހެން ދެ ސަރަހައްދަކުން ބިން ހަމަޖެއްސުމުން، އެ ދެ ސްކޫލް މިހާރު ހިންގާ އިމާރާތް ތަޅާލައި ކުޑަ ޕާކިން ޒޯނަކާއެކު ހުސް ޖާގައެއްގެ ގޮތުގައި ބޭއްވުމަށް މަޝްވަރާކުރަމުން އަންނަ ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

މަތީ ސާނަވީ އަށް ކިޔަވައިދިނުމަށް ސަރުކާރުން މާލޭގައި ހިންގާ ހަމައެކަނި ސްކޫލް، ސީއެޗްއެސްއީ ކުޑަވުމާއި އެ އިމާރާތް ބާވަމުންދާތީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ތަނުގެ އާ އިމާރާތް ހުޅުމާލޭގައި އަޅަން ނިންމައިފަ އެވެ.

އެ އިމާރާތް އަޅަން މިދިޔަ އަހަރު ހަވާލުކޮށްފައިވަނީ 33 މިލިއަން ރުފިޔާއަށް، އާރުސީސީއާ އެވެ.

ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލްގެ އިމާރާތުގައި ވަރަށް ބޮޑު ރެނދުލައި، ހަލާކުވަމުންދާތީ އެ ދަރިވަރުން ވަގުތީގޮތުން އެމްޓީސީސީ ސޯމިލް އިމާރާތަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ. އެއާއެކު، އެ ސްކޫލްގެ އާ އިމާރާތް އަޅަން ބާޖަމާލުއްދީން ބިން ހަމަޖައްސައިދީފައިވެ އެވެ.

އެ ދެ ސްކޫލަށް އެހެން ދެ ތަނަކުން ބިން ދީފައިވާތީ، ޕްލޭނިން މިނިސްޓްރީން މިހާރު ދަނީ އެ ދެ ބިމަށް ހަދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ.

ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ތޮއްޖެހުން ބޮޑު ހިސާބަކަށް ވާތީ، ކުޑަ ޕާކިން ޒޯނަކާ އެކު ހުސް ޖާގައިގެ ގޮތުގައި ބޭއްވުމުގެ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި އެއްވެސް ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާޖަމާލުއްދީންގައި މިހާރު ހިންގަމުން އަންނަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައި މަރުކަޒެވެ. އެ ތަން ހުސްކުރާނެ ދުވަހަކާ ގުޅޭގޮތުން ވެސް އަންނަނީ މަޝްވަރާކުރަމުންނެވެ.