22 ޑިސެމްބަރ 2021 - 14:29

ޓިއުރިން (ޑިސެމްބަރު 22) - އިޓާލިއަން ސެރީ އާގައި ޔުވެންޓަސް އިން ކަލިއަރީއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށް ޓޭބަލްގެ ފަސްވަނަ އަށް ޖެހިލައިފި އެވެ.
ޔުވެންޓަސް އިން ރޭ ކުޅުނު މެޗަކީ އެ ޓީމު މި އަހަރު ކުޅޭނެ އެންމެ ފަހު މެޗެވެ. ރޭގެ މޮޅާ އެކު އެ ޓީމު ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް، އެއްމެޗު އެއްވަރު ކޮށްފަ އެވެ.
ރޭގެ މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ލަނޑު ޖަހައިދިނީ މޮއީސް ކީން އެވެ. އޭނާ ވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށްވެފައި ވަނިކޮށް ފެޑެރީކޯ ބާނަޑޭޝްކީ ހުރަސް ކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.
ޔުވެންޓަސްގެ ދެވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި ޖަހައިދިނީ ބާނަޑޭޝްކީ އެވެ. މިއީ އޭނާ މިދިޔަ އަހަރު ޖުލައި މަހަށް ފަހު ޔުވެންޓަސް އަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
މި ނަތީޖާއާ އެކު ކަލިއަރީ އޮތީ 10 ޕޮއިންޓާ އެކު ޓޭބަލްގެ 19 ވަނައިގަ އެވެ. އެ ޓީމު ލީގުގައި މިހާތަނަށް އެއް މެޗުން މޮޅުވެފައިވާއިރު، ރޭގެ މެޗުގެ ކުރިން އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވީ 4-0 އިންނެވެ.
ޔުވެންޓަސް އަށް ދެން ލީގުގައި މެޗެއް އޮންނާނީ ޖެނުއަރީ 6 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށެވެ.