ފްލޯޓިން ގެތަކުގެ ތަޖުރިބާ މާޗްގައި ކޮށްލެވޭނެ
ފްލޯޓިން ގެތަކުގެ ތަޖުރިބާ މާޗްގައި ކޮށްލެވޭނެ

މާލޭގެ އުތުރުގައި ފަޅެއްގައި ތަރައްގީކުރާ ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ތަޖުރިބާކުރުމަށް އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ޒިޔާރަތްކުރެވޭނެ ކަމަށް، އެތަން ހަދަން ހަވާލުކޮށްފައިވާ ކުންފުނިން މިއަދު ބުނެފި އެވެ.

ފްލޯޓިން ގެތަކުގެ ތަޖުރިބާ މާޗްގައި ކޮށްލެވޭނެ
ފްލޯޓިން ގެތަކުގެ ތަޖުރިބާ މާޗްގައި ކޮށްލެވޭނެ

ރާއްޖޭގައި ފްލޯޓިން ސިޓީ ހެދުމަށް ނެދަލޭންޑްސް ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށް، މަޝްރޫއު ރަސްމީކޮށް އިއުލާނުކުރީ ކުރީ މިދިޔަ މާޗު މަހު އެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ" މަޝްރޫއުގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް "މިހާރު" އަށް ވިދާޅުވީ އެ ތަނުގެ މަސައްކަތްތައް އެކި މަރުހަލާގައި ކުރިއަށްގެންދާ ކަމަށެވެ. ފަޅުގައި އެސެމްބްލް ކުރާ މޮކަޕް އައިލެންޑަށް އަންނަ މާޗު މަހު ޒިޔާރަތްކުރެވޭ ވަރަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭނުމަކީ ފްލޯޓިން އައިލެންޑުގެ މާހައުލު އިހްސާސްކޮށްދިނުން،" ރިޔާޒު ވިދާޅުވި އެވެ.

ނެދަލޭންޑްސްގައި މިހާރު އަންނަނީ ފްލޯޓިން ލޯންޖެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ނިންމުމަށްފަހު އަންނަ މަހުގެ ތެރޭގައި ރާއްޖެ އަށް ލޯންޖު ގެނެވޭނެ ކަމަށް ލަފާކުރެ އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ލޯންޖް ބޭނުންކުރާނީ މޮކަޕް އައިލެންޑަށް ދައުވަތު ދޭ މީހުން ބޯޓުގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިބޭ ތަނަކަށެވެ. ބްރީފިން ދޭނެ އިންތިޒާމާއި ރިފްރެޝްމަންޓް ލިބޭނެ އިންތިޒާމު އެ ތަނުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މޮކަޕް އައިލެންޑުގެ އެހެން ބައިތަކުގެ މަސައްކަތްތައް ނެދަލޭންޑްގައި ކުރިއަށްދޭ. ޓާގެޓަކީ ފްލޯޓިން ސިޓީ ތަޖުރިބާކޮށްލުމަށް މޮކަޕް އައިލެންޑަށް އަންނަ މާޗުގައި އާއްމުންނަށް ޒިޔާރަތްކުރެވުން،" ރިޔާޒު ވިދާޅުވި އެވެ.

މޮކަޕް އައިލެންޑުގެ މަސައްކަތް ރާއްޖޭގެ ދެ ފަރާތަކާ އެކު ޓެކްނިކަލް ބްރީފިން ވަނީ ނިންމައިފަ އެވެ. ރާއްޖޭގައި އުފައްދާ ބައިތައް ހެދުމާއި ސައިޓުގެ މަސައްކަތްތައް ކުރުމަށް ހަފްތާއެއްގެ ތެރޭގައި ހަވާލުކުރާނެ އެވެ.

ފްލޯޓިން ސިޓީއަކީ އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން ތަރައްގީކުރާ މަޝްރޫއެކެވެ. އެހެންވެ، އެކަންކަމަށް ބޭނުންވާ ސަރުކާރުގެ ހުއްދަތައް ނެގުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މި ހަފްތާގެ ތެރޭގައި ކޮންޑިޝަނަލް އެޕްރޫވަލް ލިބިފައިވާއިރު، އެކަން ފުރިހަމަކުރުމަށް ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ޑޮލަރު އަންނަ ހަފުތާގައި ދައްކާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މާސްޓަ ޕްލޭން އެޕްރޫވަލްއާ އީއައިއޭ ހުއްދައާއެކު ފްލޯޓިން ލެގޫން ސައިޓުގައި މޮކަޕް އައިލެންޑް އެސެމްބްލް ކުރުމުގެ މަސައްކަތް ފެށޭނެ."

މާލެ އަށް 10 މިނެޓުގެ ތެރޭގައި ދަތުރު ކުރެވޭ މި ފްލޯޓިން ސިޓީގައި 5،000 ގެ ހަދަން އޮތީ ރާވައިފަ އެވެ. ތަފާތު ކޮންސެޕްޓަކަށް ހަދާ ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލާއި މޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހަދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ތިން އަހަރުގެ ތެރޭގައި މީހުން ދިރިއުޅެން ފެށޭވަރުވާއިރު، މަސައްކަތް އެއްކޮށް ނިންމާލެވޭނީ ފަސް އަހަރުގެ ތެރޭގައި ކަމަށް ރިޔާޒު ވިދާޅުވި އެވެ.