22 ޑިސެމްބަރ 2021 - 11:40

ލަންޑަން (ޑިސެމަބަރު 22) - އިނގިރޭސި ތިންވަނަ ޑިވިޝަނުގެ ކްލަބު ސަންޑަލެންޑާ ވާދަކޮށް އާސެނަލް 5-1 އިން މޮޅުވެ، ލީގު ކަޕް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އާސެނަލް އެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނިޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ އެޑީ ކެޓިއާ އެވެ. އޭނާ ވަނީ މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ކެޓިއާގެ ފުރަތަމަ ލަނޑުން އާސެނަލް ކުރި ހޯދައިފައި ވަނިކޮށް އޭގެ 14 މިނިޓު ފަހުން ސަންޑަލެންޑުން ނަތީޖާ އެއްވަރުކުރި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިކޮލަސް ޕެޕޭ ވަނީ އިތުރު ލަނޑެއް ޖަހައި ހާފު ނިމުމުގެ ކުރިން އާސެނަލް އަށް އަލުން ލީޑު ނަގައިދީފަ އެވެ.
ފޯވަޑް ކެޓިއާގެ ދެވަނަ ލަނޑު ފަހު ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި ޖެހިއިރު، އޭގެ ނުވަ މިނިޓު ފަހުން ވަނީ ޕެޕޭގެ އެހީތެރިކަމާ އެކު އޭނާގެ ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ.
އާސެނަލްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ފަހު 10 މިނިޓަށް ކުޅެން އެރި އުމުރުން 18 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ޗާލީ ޕަޓީނޯ އެވެ. މިއީ އޭނާ އާސެނަލްގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.
އާސެނަލްގެ އަލްބާޓް ސަމްބީ ލޮކޮންގާ އާއި ޕަބްލޯ މާރީ އަދި ކެލަމް ޗެމްބާސް ކޮވިޑަށް ޕޮޒިޓިވުމުން ޓީމުގައި ނުހިމަނަ އެވެ. ނަތީޖާއެއްގެ ގޮތުން ކޯޗު މިކެލް އާޓެޓާ ވަނީ އެ އާސެނަލް ލީގުގައި އެންމެ ފަހުން ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ބޭނުންކުރި ފުރަތަމަ 11 އަށް ނުވަ ބަދަލެއް ގެނެސްފަ އެވެ.
ކުއާޓާ ފައިނަލުން އާސެނަލް ޖާގަ ހޯދީ ވެސް ލީގު ކަޕުގެ ހަތަރުވަނަ ބުރުގައި މިދިޔަ އޮކްޓޯމަރު މަހު އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ.
ސެމީ ފައިނަލުގައި ވާދަކުރާ ބާކީ ތިން ޓީމު ޔަގީން ވާނީ މިރޭ ކުޅޭ ކުއާޓާ ފައިނަލުގެ ތިން މެޗަށް ފަހު އެވެ. އެއީ ބްރެންޓްފޯޑާއި ޗެލްސީ ބައްދަލުކުރާ މެޗާއި، ލިވަޕޫލާއި ލެސްޓާ ސިޓީ ބައްދަލުކުރާ މެޗުގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާ އާއި ވެސްޓް ހޭމް ޔުނައިޓެޑުގެ މެޗެވެ. މި ތިން މެޗު ވެސް ފަށާނީ މިރޭ ރާއްޖެ ގަޑިން 12:45 ގަ އެވެ.