22 ޑިސެމްބަރ 2021 - 14:37

ނިއުކާސަލް (ޑިސެމްބަރު 22) - ޕްރިމިއާ ލީގުގައި ނިއުކާސަލް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރެފްރީން އެ ޓީމާ ދެކޮޅަށް ނިންމި ގިނަ ނިންމުންތަކަކާ މެދު ހިތްހަމަ ނުޖެހި، އެ ނިންމުންތަކާ ގުޅޭ ތަފްސީލު ހޯދަން ޕްރިމިއާ ލީގުގައި އެދިއްޖެ އެވެ.

ޕްރިމިއާ ލީގުގެ ފަހަތުން ދެ ވަނައިގައި އޮތް ނިއުކާސަލް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ރެފްރީން އާދަޔާ ހިލާފު ނިންމުންތަކެއް ނިންމާފައިވާއިރު، ލިބުނު ނާކާމިޔާބީގައި ޓީމުގެ ކޯޗު އެޑީ ހޯވް ވަނީ އެ ނިންމުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެޑީ ހޯވް ނިއުކާސަލް އާ ހަވާލުވީ، މިދިޔަ މަހުގެ 8 ވަނަ ދުވަހު އެވެ. ލީގުގައި މެޗަކުން މޮޅެއް ނުހޯދި އޮތް ނިއުކާސަލް ވަނީ ހޯވްއާ އެކު ޓީމުގެ ކުޅުން ރަނގަޅުކޮށް، މި މަހު ބާންލީއާ ދެކޮޅަށް ނުކުމެ އެ ޓީމުގެ އާ ވެރިންގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފަ އެވެ. އެއަށް ފަހު ނިއުކާސަލް ކުޅުނު ތިން މެޗުގައި ވެސް ޓީމު ބަލިވީ ރެފްރީންގެ ގޯސް ނިންމުންތަކާ އެކު ކަމަށް އެ ޓީމުން ގަބޫލު ކުރެ އެވެ.
ލީގުގައި ނިއުކާސަލް ހޯދި ފުރަތަމަ މޮޅަށް ފަހު އެ ޓީމު ނުކުތީ ފޯމު ދަށްވެފައިވާ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. ލެސްޓާ އަތުން 4-0 އިން ބަލިވި މެޗުގައި ލެސްޓާގެ ފުރަތަމަ ލަނޑު ޖެހީ ރެފްރީ ދިން ޕެނަލްޓީއަކުންނެވެ. ހޯވް ބުނީ ރެފްރީ ޕީޓާ ބެންކެސް ލެސްޓާއަށް ޕެނަލްޓީއެއް ދިން ގޮތް އޭނާއަށް ނުވިސްނޭ ކަމަށެވެ
އޭގެ ތިން ދުވަސް ފަހުން ނިއުކާސަލް ނުކުތީ ރަށުން ބޭރުގައި ލިވަޕޫލާ ދެކޮޅަށެވެ. ނިއުކާސަލް ބަލިކޮށް އެ ޓީމުން އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި 2،000 ވަނަ މޮޅު ހޯދި މެޗުގައި ފުރަތަމަ ލީޑު ނެގީ ނިއުކާސަލް އިންނެވެ. އެ ޓީމުން ލީޑު ނަގާފައި ވަނިކޮށް ލިވަޕޫލުން އެއްވަރު ކުރީ ނިއުކާސަލްގެ އައިޒެކް ހޭޑެންގެ ބޮލަށް އަނިޔާވެ ސިކްސް ޔާޑް ލައިން މަތީ އޭނާ ބޮލުގައި އަތް އަޅައިގެން އޮއްވައި އުފެއްދި ހަމަލާއަކުންނެވެ. ނަމަވެސް ލިވަޕޫލުން 3-1 އިން ކާމިޔާބު ކުރި މެޗުގައި ހޭޑެން އަށް އަނިޔާވެފައި އޮތް އިރު، ރެފްރީ މައިކް ޑީން ކުޅުން ހުއްޓާ ނުލައި ލިވަޕޫލަށް ގޯލު ޖަހަން ފުރުސަތު ދިނުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު އަނިޔާއެއް ގޮތުގައި ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ސިފަކުރި އެވެ.
މައްސަލަ ހޫނުވީ ލީގު އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަތުން 4-0 އިން އާދިއްތަ ދުވަހުގެ ރޭ ބަލިވި މެޗުގައި ސިޓީގެ ގޯލްކީޕަރު ރަޔާން ފްރޭޒާ ފައުލް ކުރުމުން ވެސް ޕެނަލްޓީ ދޭން ރެފްރީ މާޓިން އެޓްކިންސަން ދެކޮޅު ހެދުމުންނެވެ.
އާދިއްތަ ދުވަހުގެ ރޭ ޓޮޓެންހަމްއާ ދެކޮޅަށް ލިވަޕޫލް އެއްވަރުވި މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ކްލޮޕް ވެސް ވަނީ ލީގު ރެފްރީންގެ ފެންވަރާ މެދު ސުވާލު އުފައްދައިފަ އެވެ. ހެރީ ކޭން ލިވަޕޫލްގެ އެންޑީ ރޮބަޓްސަން އަށް ކުރި ނުރައްކާތެރި ސްޓަޑް އަޕް ޓެކުލަށް ރެފްރީ ޕޯލް ޓިއާނީ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް ރޮބާޓްސަން އަށް ފަހުން ވަނީ ޓޮޓެންހަމްގެ އެމަސަން ރޯޔަލް އަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރް ރިވިއު އަށް ފަހު ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ކުރީގެ ރެފްރީ މާކް ކްލެޓަންބާގް ވެސް ވަނީ އެ މެޗުގައި ރެފްރީގެ ނިންމުންތަކަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނި ގޮތުގައި ހެރީ ކޭންގެ ވަރުގަދަ ޓެކުލަށް ފަހު ރޮބަޓްސަން އަށް ހިނގާބިނގާވެ އުޅެވުމަކީ ނަސީބެއް ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި ރޮބާޓްސަން އަށް ވުރެ ކޭންގެ ޓެކްލް ގޯސް،" ކްލެޓެންބާގް ބުންޏެވެ.
"ވީއޭއާރަށް މި ގޯސް ނުހެދޭނެ. އެކަމަކު ރެފްރީންނަށް ގޯހެއް ހެދިދާނެ، ސަބަބަކީ އެ މީހުންނަށް (ރެފްރީންނަށް) ގޮތް ނިންމަން ލިބޭނީ ފަޅި ސިކުންތު ކޮޅެއް. ވީއޭއާރްގައި ހުރިހާ އޭންގަލަކުން ބަލައިލެވޭނެ. ސްލޯމޯޝަންގައި ސާފުކޮށް ފެންނާނެ."