21 ޑިސެމްބަރ 2021 - 20:52

އިދިކޮޅުން ހިންގާ އިންޑިޔާއާ ދެކޮޅު ހަރަކާތްތަކުގައި "އިންޑިޔާ އައުޓް" ގޮވާ ނަމަ އެ މީހަކަށް ހަމަލާ ދޭން ޖެހޭ ކަމަށް ވިދާޅުވެ، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހު މިއަދު އިންޒާރު ދެއްވައިފި އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން، އެ ޕާޓީގެ މާލޭގެ މީހުންނަށް ބޭއްވި ބައްދަލުވުމެއްގައި ފަލާހު ވިދާޅުވީ، "އިންޑިޔާ އައުޓް" ނުކިޔޭނެ ކަމަށާއި އެއީ ރާއްޖެ އަށް ގެއްލުމެއް ލިބޭ ކޮންމެ ފަހަރަކު އެހީތެރިވާ ގައުމެއް ކަމަށެވެ.
"އިންޑިޔާ އައުޓް" ގޮވާ ކަމަށް ވާ ނަމަ އެ ދެވެނީ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ކަމަށާއި ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އެކަން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޑިޔާ އައުޓެކޭ ނުގޮވޭނެ. އެ ގޮވާ ކަމަށް ވަންޏާ އަޅުގަނޑުމެން ޖެހޭނެ އެ މީހެއްގެ ކަންފަތް މަތީ ޖަހަން ވެސް. އެ ނޫން ގޮތަކަށް މި ނުހުއްޓުވޭނެ. އެއީ ކުރަން ޖެހޭ ކަމެއް މިހާރު. ނުކުރެވޭނެ [އިންޑިއާ އައުޓް ނުގޮވޭނެ] އެ ކަމެއް،"ސަޕްޓަން ޕާކުގައި އޮތް ބައްދަލުވުމުގައި ފަލާހު ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅު ހަރަކާތުގައި މިހާރު އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަމާޒު ކުރައްވައި ފަލާހު ވިދާޅުވީ، "އިންޑިޔާ އައުޓް" މޭމަތީގައި ޖައްސަވައިގެން އުޅުއްވަނީ ތަހުޒީބު ބޭފުޅެއް ނޫން ކަމަށާއި އެއީ އެ ބަސް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.
ފަލާހު ވިދާޅުވިގޮތުގައި، ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން އުޅުއްވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ކޮމަންވެލްތުން ރާއްޖެ ވަކިވި ކަހަލަ ކަމެއް ކުރެއްވުމަށެވެ. އެހެންވެ، "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވި އެވެެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި، "އިންޑިޔާ އައުޓް" ނުގޮވޭނެ ކަމަށް ފާސް ކުރަން ޖެހޭ ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި އެހެން ގޮވާ މީހުންނަށް ސަރުކާރުން ފިޔަވަޅު އެޅުމަށް އެ މަޖިލީހުން ވެސް ފާސް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ މިއަދުގެ ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދު ވެސް ވަނީ "އިންޑިއާ އައުޓް" ގޮވާ މީހުންނާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، ފުލުހުން ނުކުމެ އެ ހަރަކާތް ހުއްޓުވަން ޖެހޭ ކަމަށެވެ.
"އިންޑިޔާ އައުޓް" އަކީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތެއް ކަމަށް ވާއިރު، ފަލާހުގެ ވާހަކަ ޔާމީނަށް އަމާޒުވީ އެ ބަސް ބޮޑު އަކުރުން ޓީޝާޓުގައި ޖައްސަވައިގެން ޔާމީން އެ ތުރުކުރައްވައިގެން ކެމްޕެއިން ކުރައްވާތީ އެވެ.