14 ޑިސެމްބަރ 2016 - 06:27

"އާޝިގީ 2" ބެލުމަށް ފަހު ޝްރައްދާ ކަޕޫރާއި އަދިތުޔާ ރޯއީ ކަޕޫރުގެ ލޯބީގެ ޖާދޫގައި ޖެހިފައިވާ އެތައް މިލިއަން ބަޔަކަށް މި ދެ ތަރިންގެ މުޅިން އާ ފިލްމެއް ބަލާލުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބޭނެ އެވެ.
ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ތައްޔާރުކުރި އަދި ޝާދް އަލީ ޑައިރެކްޓްކޮށްފައިވާ "އޯކޭ ޖާނޫ" އަންނަ ޖެނުއަރީ 13 ގައި ރިލީޒްކުރަން ވަނީ ހަމަޖައްސައިފަ އެވެ.
"އޯކޭ ޖާނޫ" އަކީ މަނީ ރަތުނަމް ޑައިރެކްޓްކޮށްފައިވާ ތަމަޅަ ފިލްމެއް ކަމަށްވާ "އޯކޭ ކަންމަނީ"ގެ ހިންދީ ވާޝަން އެވެ. މި ފިލްމު އުފެއްދުމުގައި ވެސް މަނީ ރަތުނަމް އަމަލީ ގޮތުން ބައިވެރިވެ އެވެ. އަދި ކަރަންއާ އެކު ފިލްމު ޕްރޮޑިއުސްކުރުމުގައި ވެސް މަނީގެ ހިއްސާ އެބަ އޮތެވެ.
ފިލްމުގެ ފުރަތަމަ ޓްރެއިލާ އިއްޔެ ދައްކަން ފެށުމާ އެކު "އާޝިގީ 2" ބެލި ގިނަ އަދަދެއްގެ ޒުވާނުން ހީވީ އުތުރިގަތް ހެންނެވެ. ޔޫޓިއުބުގައި ޓްރެއިލާ ރިލީޒްކުރިތާ އެއް ދުވަހުގެ ތެރޭގައި ފަސް މިލިއަނަށް ވުރެ ގިނަ މީހުން ބެލުމުން އެނގެނީ އެކަހަލަ ލޯބީގެ ފިލްމަކަށް ލޯބިކުރާ މީހުން ގިނަ ކަމެވެ.
މި ފިލްމަށް އޭ.އާރް. ރަހްމާން ތައްޔާރުކޮށްދިން މިއުޒިކް ވެސް ވަރަށް ރީއްޗެވެ. އަދި ފިލްމުގައި ދައްކަނީ ވަރަށް ޒަމާނީ ދެ ލޯބިވެރިން ކަމަށް ވާތީ މިއީ ވަރަށް ގިނަ ޒުވާން ކުދިންނަށް ކަމުދާނެ މައުލޫއެކެވެ.