ކަފުން
ކަފުން

ދަރިން ތަރުބިއްޔަތުކުރަން ޖެހޭނެއެވެ. އަޅުވެތިކޮށްގެން ނުވާނެއެވެ. އިތުބާރުކުރަން ޖެހޭނެއެވެ. އަނިޔާކޮށްގެން ނުވާނެއެވެ. ސުދާ ގަބޫލުކުރާ ގޮތަކީ އެއީއެވެ. އަށާރަ އަހަރުގެ ކުދިން އަށާޅީސް އަހަރުގެ މީހުން އުޅޭހެނެއް ނޫޅޭނެއެވެ. ހުރިހައި ޒަމާނެއްގައި ވެސް އެ ކަން އޮތީ އެހެންނެވެ. އެހެނަސް ސުދާގެ ބައްޕަ މުހުސިނަކަށް އެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ. މަންމަ ނާދިޔާއަށް ގަބޫލުކުރެވެއެވެ. އެހެނަސް ހިތުގެއަޑިންނެވެ. ދުލުކުރިން ނާދިޔާ ވެސް ތާއީދުކުރީ ފިރިމީހާއަށެވެ. ސުދާގެ މިނިވަންކަމަށް ހުރަސްއެޅި ވަރަކީ، ކޮޓަރިއަށް ނިދަން ވަނުމުން ދޮރު ބޭރުން ހުންނަނީ ތަންޑުއަޅައިފައެވެ. ކޮޓަރީގައި ފާހާނައެއް ނުހުރެއެވެ. ސުދާ އަތަކު ފޯނެއް ނޯވެއެވެ. އޭނައަށް އޮތް ހަމަ އެކަނި ހައްލަކީ، ރޭގަނޑު ފެން ނުބުއިމެވެ. ނުވަތަ އިރުއަރަންދެން ކެތްކޮށްލުމެވެ. އަށާރަ އަހަރުގެ ޒުވާން އަންހެންކުއްޖެކެވެ. ކޮންމެ މަހަކު ވެސް ރޭގަނޑު ފާހާނައަށް ދާން މަޖުބޫރުވާ ދުވަސްވަރެއް އާދެއެވެ. އެކަމަކު ނުދެވޭނެއެވެ. އެނދު ހަޑިވިޔަސް، ހެނދުން ހަޑިވިޔަސް ވެހެވެ. ސުދާގެ ރުޅި ކޮންޓުރޯލުން ނެއްޓީ ސަބަބެއް ނެތިއެއް ނޫނެވެ.  

ކިޔެވުމަކީ ސުދާ އެންމެ ކުރާ ހިތްވާ ކަންތަކެއް ނޫނެވެ. ފޮތްބޮނޑި ހިފައިގެން އިސްކޫލަށް ދެއެވެ. ގެއިން ބޭރަށް ނުކުތުމުގެ މިނިވަންކަން ހާސިލުކުރުމަށް ޓަކައެވެ. އެކަމަކު ދަނޑިމާރުއަޅައިގެން ދަރިފުޅު ނުހިފޭއްޓޭނެކަން މައިންބަފައިންނަށް ސާބިތުކޮށްދޭން ސުދާ ހުރީ ކެތްމަދުވެފައެވެ. ފާސްވަމުން ނުވަމުން، ބައެއް ގުރޭޑުގައި ތަކުރާރުވަމުން ގޮސް އަށަކާ ހަމައަށް ކިޔެވުނެވެ. ދެން ހަމަ އެއްގޮތަކަށް ވެސް ކިޔަވާ ހިތްނުވީއެވެ. އެ ހިސާބުން ހަޔާތުގެ އެންމެ ނާޒުކު ބާބު ފެށުނެވެ. ހިތްކިޔާ ފިރިހެނަކު ފެނިގެން، ލޯބީގެ މަސްތުގައި ސުދާ ހައްޔަރުވިއެވެ. އޭރު އެންމެ މަޝްހޫރީ ނޯކިޔާ "ފްލިޕް" ފޯނެވެ. ރޮއިއާދޭސްކޮށްގެން މަންމަ ގަނެދިން ފޯނުން ލޯބިވެރިޔާއާ ވާހަކަދެއްކުން ނޫންކަމެއް ސުދާ ކުރާ ހިތެއް ނުވިއެވެ. ފޯނުގެ ބިލާ އެއްވަރަށް ބައްޕަގެ ފިކުރު ވެސް ދިޔައީ، މަހަކަށް ވުރެ މަހެއް ބޮޑުވަމުންނެވެ. ސުދާއަށް ނަސޭހަތްދިނެވެ. އިންޒާރުދިނެވެ. ފޯނު އަތުލިއެވެ. އެހެނަސް، ލޯބިން ގުޅިފައިވާ ދެ ހިތެއް ވަތްކެއް ނުކުރެވުނެވެ. ހަތަރުދަމު މައިންބަފައިން ފޯރިއަށް ތިބޭ އިރު ވެސް، ވަލުދޮރޯށިން ސުދާ ފިލައެވެ.

ސުދާގެ އާއިލީ ކޯޓުން ވަރުގަދަ ހުކުމެއް ސުދާއަށް އިއްވިއެވެ. ހުކުމުގައި އޮތީ ހަފުތާއެއް ތެރޭގައި ކައިވެނިކުރާށެވެ. މީހާއާއި ދުވަސް ނިންމީ ބައްޕައެވެ. ދަންނަ ހުރިހައި ބަހަކުންނާއި، އަތުންފައިން އިންކާރުކޮށްކޮށް ހުއްޓައި، ކައިވެނީގެ ކަންތައް ނިމި، ސުދާ އަންބަކަށް ވެއްޖެއެވެ. ފިރިޔަކަށް ރާމިޒު ހަދައި، ލިޔުމުގައި ތައްގަނޑު ޖެހިއްޖެއެވެ. ރާމިޒަކީ ސުދާއަށް ވުރެ ތިން އަހަރު ދޮށި މީހެކެވެ. ސުދާއަށް މައްސަލައެއް ނެތެވެ. ރީތި މީހެކެވެ. މުއްސަނދި މީހެކެވެ. ކުރިން މީހަކާ އިނދެ، އެ މީހާއަށް ފިރިހެން ދަރިޔަކު ވެސް ލިބިފައި ހުއްޓެވެ. އެ ކަމާ ވެސް ސުދާގެ ޝަކުވާއެއް ނެތެވެ. ބައްޕަގެ އެ ނިންމުން ރަނގަޅުވެގެނެއް ނޫނެވެ. ލޯބިވެރިޔާ އަނިލް ބޭރަށް ކިޔަވަންދާން ޖެހުނީއެވެ. އެ ކަން ހުއްޓުވުމުގެ ބާރެއް އަނިލްއަކަށް ނެތެވެ. ސުދާއަކަށް ވެސް ނެތެވެ.   

ސުދާގެ ކައިވެންޏަށް ދިހަ މަސް ފުރުނު ދުވަހަކީ، މައިހާ އުފަންވި ދުވަހެވެ. ވަރަށް ރީތި، ދޮންދޮން ބަށްޓެއް ކަހަލަ ކުއްޖެކެވެ. އާންމު ކުދިންނަށް ވުރެ މައިހާގެ އިސްތަށިކޮޅު ދިގުވެފައި، ކަޅެވެ. ތުންފަތް ހީވަނީ ރަތްކޮށްފައި ހުރިހެންނެވެ. ގޭތެރެއަށް ދެ އީދު އެއްފަހަރާ އައި ކަހަލައެވެ. އެންމެ ބޮޑު ސަބަބަކީ، ފިރިމީހާ އާއިލާގައި އަންހެންކުއްޖަކު ނެތްކަމެވެ. ހަތަރު ފަރާތުން ލޯތްބާއި، ހަދިޔާތައް އޮހިގަތެވެ. ބަފައިބެ ދަރިފުޅަށް ނަން ދިނެވެ. މައިދައިތަ ދަރިފުޅަށް ރަން ދިނެވެ. ތަންދޮރު ރަނގަޅަށް ވަކިވުމުގެ ކުރިން، މައިހާ ރާނީއަކަށް ހަދައި ތަހުތުގައި ވެޑުވިއެވެ. ބޭނުންވި ހުރިހައި އެއްޗެއް ސުދާގެ ފައިތިލައިގައި ބޮސްދިނެވެ. އެންމެ އެއްޗެއް ފިޔަވައެވެ. އެއީ ފިރިމީހާގެ ލޯތްބެވެ.  

މައިންބަފައިން ބޭނުންވެގެން ކުރުވި ކައިވެންޏަށް ތިން އަހަރު ފުރުނު އިރު ސުދާ އެނބުރި ގެއަށް އަތުވެއްޖެއެވެ. ކައިވެނި ރޫޅިއްޖެއެވެ. ޝަކުވާކުރަން ސުދާއަށް ލިބުނު ފުރުސަތުގެ ބޭނުން ސުދާއެއް ނުހިފިއެވެ. މައިންބަފައިންނަށް ޓަކައި ހިތުގައި މާ ބޮޑު ލޯތްބެއް އޮވެގެނެއް ނޫނެވެ. ކިޔަވައި ނިމިގެން އަނިލް މާލެއައީއެވެ. ސުދާ ވިސްނާނެ އެހެން ކަމެއް ލިބުނީއެވެ. އަނިލް މީހަކާ ނީނދެއެވެ. ދެން ވެސް އަނިލް އިންނަން ބޭނުންވި މީހަކީ ސުދާއެވެ. ސުދާ ކުރިން ކައިވެންޏެއްކޮށް، ކުއްޖަކު ލިބިފައި ވިޔަސް ވެހެވެ. އެ ކައިވެންޏަށް ހުރަސްއަޅަން ދެއްކޭނެ އެއްވެސް ބަހަނާއެއް ސުދާގެ މައިންބަފައިންނަކަށް ނެތެވެ. އަނިލްގެ މައިންބަފައިން ދޫކޮށްލީ އަނިލްއަށެވެ.

ދެވަނަ ދިރިއުޅުމަށް ސުދާ މަރުހަބާކިޔައި، އާ ފެށުމަކުން ފެށިއެވެ. ނުލިބިލިބުނު ލޯބިވެރިޔާއާ އެކުގައި، ބާއްޖަވެރި ހަޔާތަކާ ކުރިމަތިލިއެވެ. ދަރިއެއް ފަދައިން މައިހާ ދެކެ އަނިލް ލޯބިވިއެވެ. ކުރިޔަށް ވުރެ ވެސް ބޮޑަށް ސުދާ ދެކެ ލޯބިވިއެވެ. ދުވަސްކޮޅަކުން ސުދާއަށް ދެވަނަ ދަރިޔަކު ލިބުނެވެ. ހަމަ އަންހެންކުއްޖެކެވެ. ދޮށީ ދަރިފުޅަށް މައިހާ ކިޔައިފައި ވީތީ، ހަގު ދަރިފުޅަށް ކިއީ މަހާއެވެ. ސުދާ ހިތަށްއެރިއެވެ. އިނގެރޭސި ޕަރީވާހަކަތަކުގައި ބުނެއެވެ. ދެން އެ މީހުން އުފަލާއި އަރާމުގައި އުޅުނީއެވެ. ވާހަކަ ނިމުނީއެވެ. އެކަމަކު، ކުންނާއި ނުލައި ވާހަކަ ނުނިމޭނެކަމެއް ސުދާއަކަށް ނޭނގެއެވެ.  

ބޮޑުވަމުންއައި އިރު ދެބެންގެ މޫނުގައި ވެސް އެއްގޮތް ސިފަތަކެއް ހުއްޓެވެ. ސުދާގެ ދަރިންކަން، ލޮލާއި ތުންފަތުން ހެކިދިނެވެ. ބައެއް މީހުންނަށް ރާމިޒުގެ މާމަޔާ ވެސް މައިހާ ވައްތަރު ގޮތެއް ހުރެއެވެ. އެހެން ވެގެން ވެސް ކަންނޭނގެއެވެ. މައިހާއާ ހެދި ރާމިޒު ވަރަށް ވަރު ހުރެއެވެ. އެ އާއިލާއިން ވެސް މައިހާޔާ ވަރަށް ގާތް ގުޅުމެއް ބާއްވައެވެ. ޗުއްޓީގައި ރާއްޖެެއިން ބޭރަށް ގޮސް، އަގުބޮޑު ހަދިޔާ ގަނެދީ، އެކި މުނާސަބަތުތައް ފާހަގަކޮށްދީ ހަދައެވެ. ރާމިޒުގެ ކުރީ ބަނޑުގެ ފިރިހެން ދަރިފުޅު ދެކެނީ މައިހާއަކީ އެއްބަނޑުއެއްބަފާ ކޮއްކޮއެއް ކަމުގައެވެ.

ފުރާވަރުގެ އުމުރަށް އައި އިރު، ދޮންބައްޕަގެ ތަފާތުކުރުން ހައްދުން ނެއްޓިހެން މައިހާއަށް ހީވިއެވެ. ކޮއްކޮއަށް ލިބޭ މިނިވަންކަމާއި، ކުރާ އިތުބާރާއި، ލިބޭ ލުއިތައް މައިހާއަކަށް ނުލިބެއެވެ. ދޮންދަރިއަކަށްވުމުން ކޮންމެވެސް ވަރެއްގެ ތަފާތުކުރުމެއް ބަލައިގަންނަން މައިހާ ތައްޔާރެވެ. އެކަމަކު އެ ތަފާތު މާ ބޮޑީއެވެ. ރައްޓެހިންނާ އެކުގައި ކޮއްކޮއަށް ދަތުރުދެވެއެވެ. ރޭގަނޑު ލަހުން ގެއަށް އައުން ހުއްދައެވެ. އުޅޭ ތަނާއި، ކުރާ ކަންތައް ބަލާކަށް އެކަކު ވެސް ނުގުޅައެވެ. މައިހާއަށް އެއިން އެއްވެސް ފުރުސަތެއް ނެތެވެ.

ގޭތެރޭގައި މައްސަލަޖެހި، ދެބަސްވުން އުފެދެން ފެށިއެވެ. ނުދައްކަން މައިހާ ނިންމައިގެން ހުރި ވާހަކަތައް، މަޑުމަޑުން ފެނުން މައްޗަށް ހިކެންފެށިއެވެ. މައިހާއަކީ، ފިކުރުބޮޑުވުމުން ފޮނި އެއްޗެހި ކެވޭ ކުއްޖެކެވެ. އެ ކަން ވެސް ދިޔައީ ކޮންޓުރޯލުން ނެއްޓެމުންނެވެ. ސުދާ ހުންނަނީ އަނގައިގައި ޒިބުއަޅުވައިގެންނެވެ. އެއްޗެއް ބުނެވިދާނެތީއެވެ.

"ދެން ތި ވަރަށް އަހަންނަށް ޓްރަސްޓު ނުކުރެވެންޏާ، އަހަރެން ޑެޑް ގެއަށް ފޮނުވާލަންވީނު!" ބޮޑު އައިސްކިރިމު ތަށްޓެއް ކައިރިކޮށްލައިގެން އިން މައިހާއަށް ބުންޏެވެ. "އަހަރެންގެ ރޫމް އެބަ ހުރި ހުސްކޮށް. ޑެޑް ވެސް ބުނެފި އަންނާށޭ!"

ތަފާތުކުރެވޭކަމަށް ސުދާއަށް ގަބޫލުކުރެވެއެވެ. އެކަމަކު އެއީ ރަނގަޅު ތަފާތެކެވެ. މައިހާ ދެކެ ލޯބިވާލެއް ބޮޑުކަމުން ކުރެވޭ ތަފާތެކެވެ. ސުދާ ދެކޭ ގޮތުގައި މައްސަލައަކީ، މައިހާއަށް އެ ކަން ނުވިސްނުމެވެ.

"ދެން ތި ވަރަށް ފޮނި އެއްޗެހި ނުކައިބަލަ ދަރިފުޅާ!" ނުބުނަން ހުއްޓައި ސުދާއަށް ބުނެވުނެވެ. "ކަސްރަތެއް ކުރެވެނީކީ ނޫން."

"މި ކަން ވެސް މަނާވީ!" ރުޅިއައިސްފައި މައިހާ ބުންޏެވެ. "އެކައްޗެއް ނުކެޔަސް އަހަރެން ފަލަވާނޭ މަންމާ! ނޭނގޭތަ އެ ކަމެއް؟ ޑެޑްގެ ފެމެލީގެ އެންމެން ވެސް ތިބެނީ ޗަބީކޮށޭ! މަހާ އެހެރީނު މަންމަ ބޭނުންވާ ގޮތަށް."

ރުޅިއައިސްގެން މައިހާ އައިސްކިރިމު ތަށި ދުރައްޖައްސައިލިއެވެ. ވައްޓައި ތަޅައިލާކަށް ނޫނެވެ. އެކަމަކު ކޮއްޕައިލެވުނުލެއް ބާރުކަމުން ތަށި ވެއްޓި ތެޅުނެވެ. ސުދާއަށް ހަޅޭއްލަވައިގަނެވުނެވެ. ވަގުތުން ބޭބެއަށް ގުޅައިފައި، ބޭބެޔާ އެކުގައި މައިހާ ނުކުމެގެން ދިޔައީއެވެ. އެ ވެސް އާންމު ކަމެކެވެ. ނޭވަޔަކު ދެ ކޮޅު އެ ކަމެއް ވެސް ހިނގައެވެ. ކޮންމެ ވަގުތު ގުޅައިލިޔަސް ވަގުތުން ބޭބެ އައިސް މައިހާ ގެންދެއެވެ. އެ މަންޒަރު ބަލާކަށް ސުދާއަކަށް އެހާ ފަސޭހައެެއް ނޫނެވެ.

އަނިލް ގެއަށް އައި އިރު ގޭތެރެ އޮތީ، ދެ ހަޅަޖަހައި ހަޅަ މަޑުވެފައެވެ. އެއީ އަނިލްއަށް ފެނި ފަރިތަވެފައިވާ މަންޒަރެކެވެ. އެކަމަކު ސުދާ އުޅެނީ ލޮލުން ކަރުނަ ނުހިކިގެންނެވެ. އެ ކަމާ އަނިލް ހައިރާންވިއެވެ. ސުވާލުކުރިއެވެ. ކަމެއްވިކަމަކަށް ސުދާ ނުހެދުނެވެ. އެތައް ފަހަރަކު އެތައް ގޮތަކަށް އަހައިގެން ވެސް، އާ ޖަވާބެއް ސުދާ ނުދިނެވެ. އެ ވާހަކަ ސުދާއަށް ދެއްކެން ނެތީއެވެ. އެހެނަސް އަނިލް ނިދުމުން އެކަނި އޮވެގެން ސުދާ ވިސްނިއެވެ. ކުށްވެރިޔަކީ ސުދާ ހެއްޔެވެ؟ ނޫނެކެވެ. ހިތާހިތުން ސުދާއަށް ބުނެވުނެވެ. މައިހާއަކީ ރާމިޒުގެ ދަރިޔެކޭ، އެންމެ ފަހަރަކު ވެސް ސުދާ ނުބުނެއެވެ. ބަނޑުބޮޑު ވާހަކަ ސުދާ ބުނުމުން ރާމިޒު އިސްނަގައި ދަރިފުޅު ގަބޫލުކުރީއެވެ. އެކަމަކު މައިހާއާއި ރާމިޒާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

މައިންބަފައިން ހަރުކަށިކަން އިސްކުރީތީ، ސުދާ އޭގެ ބަދަލުހިފީއެވެ. ސުދާ ހީކުރީ އެއީ ކާމިޔާބެއްކަމަށެވެ. ނޫނެކެވެ. އެއީ މައިހާއަށް ދެވުނު އަނިޔާއެކެވެ. ދޮންބައްޕަކަމަށް މައިހާ ހީކުރަނީ ބައްޕައަށެވެ. ބައްޕަކަމަށް ހީކުރަނީ ދޮންބައްޕައަށެވެ. އެއްބަފާ ބޭބެކަމަށް ހީކުރަނީ ދުރުހިލޭ ފިރިހެނެކަށެވެ. އެކަމަކު އެ ވާހަކަ ސުދާ ބުނާ ދުވަހު، ދަރިފުޅު ކުރިމަތީގައި ސުދާގެ އެއްވެސް އަގެއް އޮންނާނެ ހެއްޔެވެ؟ މައިހާއަށް އަނިލް މަރުހަބާ ކިޔާނެ ހެއްޔެވެ؟ ރާމިޒާއި ރާމިޒުގެ އާއިލާ ސުދާއަށް މާފުކުރާނެ ހެއްޔެވެ؟ ނޫނެކެވެ. ސުދާއަށް އޮތީ އެންމެ ގޮތެކެވެ. ސިއްރުކުރުމެވެ. ކިތަންމެ ހިތްދަތި ވިޔަސް ވެހެވެ. ދަންވަރު ދޭއްޖެހި އިރު ވެސް ސުދާ އޮތީ ވިސްނާށެވެ. ހިތާހިތުން ބުނެލިއެވެ. އެއީ ސިއްރެއް ނޫނެވެ. އަހަރެންގެ ކަފުނެވެ. ދާއިމީ ޖާގައަކަށް ވާނީ ސަންދޯކެވެ. ބިމުގެ އަޑިއެވެ. މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.   

ނިމުނީ