18 އަހަރު ފަހުން އާމިރު އަނެއްކާވެސް ލަވައެއް ކިޔައިފި
18 އަހަރު ފަހުން އާމިރު އަނެއްކާވެސް ލަވައެއް ކިޔައިފި

ބޮލީވުޑް މަޝްހޫރު ތަރި އާމިރު ޚާންގެ ހުރި ލަވަ ކިޔުމުގެ ހުނަރު އޭނާ ވަނީ 1998 ގައި ނުކުތް "ޣުލާމް"ގެ "އާތީ ކިޔަ ކަންޑާލާ" ލަވައިން ސާބިތުކޮށްދީފަ އެވެ. އޭގެ 18 އަހަރު ފަހުން އަނެއްކާވެސް ލަވަކިޔުންތެރިއެއްގެ ގޮތުގައި އޭނާގެ އަޑު އިވޭނީ ޑިސެމްބަރު 23 ގައި ރިލީޒްކުރާ "ޑަންގަލް"ގަ އެވެ.

މި ލަވައަށް އާމިރު ވަނީ ވީޑިއޯއެއް ވެސް ކުޅެފަ އެވެ. މި ވީޑިއޯ ނެރޭނީ މި މަހުގެ 18 ވަނަ ދުވަހު ޒީ ޓީވީން ދައްކާ ލަކްސް ގޯލްޑަން ރޯސް އެވޯޑުގަ އެވެ. މި ވީޑިއޯ ތައާރަފްކޮށްދޭނީ ޝޯގެ ހޯސްޓުން ކަމަށްވާ އަރްޖުން ކަޕޫރާއި ޝާހްރުކް ޚާން އަދި ޑައިރެކްޓަރު ކަރަން ޖޯހަރް އެވެ.

ރެޕް ލަވަކިޔުންތެރިން ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން ހުރެ އާމިރު މި ލަވައިގައި ކިޔަނީ އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަ އެވެ. އަދި މި ލަވައިގައި "ޑަންގަލް"ގައި އާމިރުގެ ދެ ދަރިންގެ ރޯލު ކުޅޭ ދެ އަންހެން ކުދިން ކަމަށްވާ ފާތިމާ ސަނާ ޝޭޚް އާއި ސަންޔާ މަލްހޯތުރާ ތައާރަފްކޮށްދޭނެ އެވެ.
"ދާކަޅް" ނަމަކަށް ކިޔާ މި ލަވަ އަސްލު ކިޔައިދީފައިވަނީ ލަވަކިޔުންތެރިޔާ ރަފްތާރެވެ.

"ޑަންގަލް" ޑައިރެކްޓްކުރީ ނިތޭޝް ތިވާރީ އެވެ. ފިލްމުގައި އާމިރުގެ އިތުރުން ޓީވީ ބަތަލާ ސާކްޝީ ތާންވަރް މުހިއްމު ރޯލަކުން ފެންނާނެ އެވެ.

"ޑަންގަލް" އަކީ ރެސްލިންތަޅާ މީހެއްގެ ހަޔާތުގައި ދިމާވި ހަގީގީ ހާދިސާތަކެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.