21 ޑިސެމްބަރ 2021 - 14:54

ކޮވިޑް-19 ގެ ޑައިރެކްޓް ކޮންޓެކްޓްވި ބަޔަކު ގައުމީ ވޮލީ ޓީމުގައި ތިބުމުން ސެންޓްރަލް ޒޯން މުބާރާތަށް ބަންގަލަދޭޝް އަށް ދާން ހަމަޖެހިފައި އޮތް ގައުމީ ވޮލީ ޓީމަށް ނުފުރި ޓީމު އެނބުރި މާލެ އަތުވެއްޖެ އެވެ.

ޓީމަށް ނުފުރޭނެކަން އެނގުނީ ބަންގްލަދޭޝްގައި ބާއްވާ މުބާރާތަށް ފުރަން މިއަދު އެއާޕޯޓަށް ދިޔަ ފަހުންނެވެ. ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް މިއަދުން ފެށިގެން މިމަހު 29 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ފިރިހެން ޓީމަށް ބަންގްލަދޭޝް އަށް ނުފުރުނަސް، ގައުމީ އަންހެން ޓީމު ވަނީ ބަންގްލަދޭޝް އަށް ފުރައިފަ އެވެ. ސެންޓްރަލް ޒޯން އަންހެން މުބާރާތް ވެސް ބަންގްްލަދޭޝްގައި އޮންނާނެ އެވެ.
ދެހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ސެންޓްރަލް ޒޯން މުބާރާތައް ތައްޔާރުވުމުގެ ގޮތުން ގައުމީ ވޮލީ ޓީމުން ވަނީ ވަރުގަދަ އަށް ތައްޔާރު ވެފަ އެވެ. އެކުވެރި ކަމުގެ ވޮލީ މެޗު ސީރީޒްގައި ލަންކާގެ ގައުމީ ވޮލީ ޓީމާ ދެކޮޅަށް، މާލޭގައި ތިން މެޗު ކުޅުނެވެ. އެއއިން އެއްވެސް މެޗަކުން މޮޅު ނުވިނަމަވެސް މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމަށް ރަނގަޅު ވޯމްއަޕެއް އެ މެޗުތަކުން ލިބުނު ކަމަށް ގައުމީ ޓީމުގެ ކޯޗް މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ ބުނެފަ އެވެ.
ވީއޭއެމުން ފުރަތަމަ މަސައްކަތް ކުރީ ލަންކާގެ މެޗުތަކަށް ފަހު، ބަންގްލަދޭޝް އަށް ދިއުމުގެ ކުރިން ޓްރޭނިން ކޭމްޕެއްގައި އިންޑިއާ އަށް ދިއުމަށެވެ. ނަމަވެސް އިިންޑިއާ ޓްރޭނިން ކޭމްޕަށް ނުދިޔައީ، އެގައުމުގެ ބެންގަލޫރަށް ނިސްބަތްވާ ވޮލީ ޓީމަކުން މާލެ އައިސް ގައުމީ ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅޭ ގޮތަށް ހަމަޖެހުމުންނެވެ. ބެންގަލޫރުގެ ކްލަބުން މާލެ އައިސް ގައުމީ ވޮލީ ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅުނެވެ.
ސެންޓަރަލް ޒޯންގައި ރާއްޖެ ހިމެނޭ ފަޅީގައި މުޅިން އަލަށް ވާދަކުރަނީ ލަންކާ އާއި އުޒްބެކިސްތާނެވެ. ދެން އޮތް ދެ ގައުމު، ނޭޕާލާއި ބަންގްލަދޭޝް އަކީ ސެންޓްރަލް ޒޯން މުބާރާތުގައި މީގެ ކުރިން ރާއްޖެ ކުޅެފައިވާ ދެ ގައުމެވެ.