21 ޑިސެމްބަރ 2021 - 14:51

ޖޯޒީ އުފައްދާ ރާއްޖޭގެ އެންމެ ބޮޑު ބްރޭންޑް "ޖާޒިއާ"ގެ ފިހާރައެއް މާލޭގައި ރޭ ހުޅުވައިފި އެވެ.

މާފަންނު މުނިޔާ މަގުގައި އެ ފިހާރަ ރޭ ހުޅުވައިދިނީ ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް އާއި "ޒުވާން މަސްވެރިޔާ" ހަސަން ސާޖިން އެވެ. އަދި ރޭގެ ރަސްމިއްޔާތުގައި ޖާޒިއާގެ ލޯޔަލިޓީ ކާޑް ތައާރަފްކޮށް، ސާޖިން އާއި ފައިސަލް އަށް ވަނީ ކާޑު ދީފަ އެވެ. ރޭގެ ރަސްމިއްޔާތު ތައާރަފްކޮށް ދިނީ، ކޮމޭޑިއަން ނާޒިރު ޝިހާމް (ކާއްޓޭ) އެވެ.

ޖާޒިއާގެ ޕްރޮޑެކްޓްތަކާއި ލޯޔަލިޓީ ކާޑަށް، އެ ބްރޭންޑްގެ ވެބްޒައިޓް [www.jerzia.com] އިން އޯޑަރު ކުރެވޭނެ އެވެ.

ޖާޒިއާގެ ސީއީއޯ ޝާހިދު އަހުމަދު ވަހީދު ވިދާޅުވި ގޮތުގައި، އެ ކުންފުނި ލޯންޗު ކުރިތާ ދެ އަހަރު ފަހުން ފިހާރަ ހުޅުވިގެން ދަނީ ދިވެހިންގެ އިތުބާރު ލިބިފައިވާ ބްރޭންޑެއްގެ ގޮތުގަ އެވެ. އޭނާ އިތުރަށް ވިދާޅުވީ ޖާޒިއާއިން އަބަދުވެސް މަސައްކަތް ކުރަނީ ކޮލިޓީ ޕްރޮޑެކްޓްތަކެއް ނެރުމަށް ކަމަށެވެ. އަދި ކިތަންމެ ގިނަ ޕްރޮޑެކްޓްތަކެއް ނެރުނަސް ކޮލިޓީ ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި މި ސީޒަންގައި، ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބުން ބޭނުން ކުރާނީ ޖާޒިއާއިން ތައްޔާރު ކުރާ ޖޯޒީ އެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ވާދަކުރި ކްލަބް އީގަލްސްއިން ވެސް ވަނީ ޖާޒިއާ ކިޓް ބޭނުން ކޮށްފަ އެވެ.
އޮކްޓޯބަރު މަހު ރާއްޖޭގައި ބޭއްވި ސާފް ޗެޕްމިއަންޝިޕްގައި ޖާޒިއާ އާއި "މިހާރު" ގުޅިގެން ވަނީ ސަޕޯޓަރުންގެ ޖޯޒީއެއް ލޯންޗުކޮށްފަ އެވެ. އެ ޖޯޒީ ގިނަ އަދަދަކަށް ވަނީ ވިކިފަ އެވެ. ފައިސަލް އާއި ސާޖިންގެ އިތުރުން ޖާޒިއާގެ އެމްބަސެޑަރުންނަކީ ފުޓްސަލް ތަރި، އަލީ ހާފިޒު (ހާއްޕެ) އާއި ފްރީ ސްޓައިލް އެތުލީޓް މުހައްމަދުު ސައިފް ޒާހިރު އެވެ.