އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މާރޭޒަށް
އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މާރޭޒަށް

ލަންޑަން (ޑިސެމްބަރު 13) – ބީބީސީން ހޮވި އެފްރިކާގެ އަހަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލެސްޓާ ސިޓީގެ އަލްޖީރިއާ މިޑްފީލްޑަރު ރިޔާޒު މާރޭޒް ހޯދައިފި އެވެ.

އޮންލައިން ވޯޓަކުން ހޮވި މި މަގާމް މާރޭޒް ކާމިޔާބުކުރީ ބޮރޫޝިއާ ޑޯޓްމަންޑުގެ ޕިއެރޭ-އެމެރިކް އޯބަމަޔަން އާއި ލިވަޕޫލުގެ ސަޑިއޯ މާނޭ އާއި މެންޗެސްޓާ ސިޓީގެ ޔާޔާ ޓޫރޭ އަދި ވެސްޓް ހޭމް ޔުނައިޓެޑުގެ އަންދްރޭ އަޔޫއާ ވާދަކޮށްގެންނެވެ.

މާރޭޒަކީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އެންމެން ހައިރާންކޮށްލުމަށް ފަހު ލެސްޓާ އިން ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ. ޖުމްލަ 17 ގޯލް ޖަހައި 11 ލަނޑު ޖަހަން މަގުފަހިކޮށްދިން މާރޭޒް ވަނީ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހާސިލްކޮށްފަ އެވެ. އެއާ އެކު އޭނާ އަށް ޔޫރަޕުގެ ބޮޑެތި ކްލަބްތަކުގެ އޮފާތައް ލިބުނެވެ.

"އެވޯޑެއް ލިބުމަކީ އަބަދުވެސް އުފާވާކަމެއް. ހާއްސަކޮށް އެފްރިކާގެ ކުޅުންތެރިންނަށް ހާއްސަ މިފަދަ އެވޯޑެއް. އަހަރެން މި ކާމިޔާބީ ހާއްސަކުރަނީ އަލްޖީރިއާގެ ސަޕޯޓަރުންނާއި އާއިލާ އަށް،" ލީގުގައި މިރޭ ބޯންމައުތުއާ ދެކޮޅަށް ނުކުންނަން ތައްޔާރުވެފައިވާ ލެސްޓާގެ މާރޭޒް ބުންޏެވެ.