21 ޑިސެމްބަރ 2021 - 12:49

ތ. ތިމަރަފުށީގައި މީހުންގެ މުދަލަށް ގެއްލުންދީ ދީނަށް ފުރައްސަކުރަމުންދިޔަ މީހާ އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ތިމަރަފުށީ ފުލުހުން އިއްޔެ އެ އަންހެން މީހާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އެރަށު ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.
އެ މީހާ އާންމު ތަންތަނުގައި ދީނަށް ފުރައްސާރަކޮށް މަގުމަތީގައި އަވަގުރާނަ ގޮވުން އާންމުވެފައިތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.
އޭނާ ތަންތަނަށް ގެއްލުންދީ އުނދަގޫކުރާތަން ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވިޔަސް ފިޔަވަޅު އެޅުން ލަސްވުމުން ރަށު ކައުންސިލުން ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ މީހާ ވަނީ ރަށުގެ ބައެއް މީހުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއްދީފަ އެވެ. ޕާކުކޮށްފައި އޮތް ވޭނެއްގައި ދަގަނޑު ބުރިއަކުން ޖަަހައި އޭގެ ބިއްލޫރިގަނޑު ތަޅާލިއިރު ކެފޭއަކާއި ގެސްޓްހައުސްއަކަށް ގޮސް އެ ތަންތަނުގެ ތަށިތައް އުކައި ގެއްލުންތައް ދީފައި އެބަހުއްޓެވެ.
މިއީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ވެސް ކުރިން ބުނެފައިވެ އެވެ. އެކަމަކު ޖެންޑާ މިނިސްްޓްރީން ބުނި ގޮތުގައި އޭނާއަށް އެޓެންޑްވެ ބެލިބެލުމުން އެއީ ނަފްސާނީ ކަމެއް ހުރި މީހެއް ކަމަށް ނުބެލެވޭ ކަމަށެވެ.