މިލާން ބަލިކޮށް ރޯމާ އަށް ތިން ޕޮއިންޓުގެ ލީޑެއް
މިލާން ބަލިކޮށް ރޯމާ އަށް ތިން ޕޮއިންޓުގެ ލީޑެއް

ރޯމް (ޑިސެމްބަރު 13) – ވާދަވެރި އޭސީ މިލާން އަތުން 1-0 އިން މޮޅުވެ، އިޓާލިއަން ލީގުގެ ދެ ވަނައިގައި އޭއެސް ރޯމާ އިން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

ރޯމާގެ މޮޅާ އެކު އެއް ވަނައިގައި 39 ޕޮއިންޓާ އެކު އޮތް ޔުވެންޓަސްގެ ލީޑު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ.

ކުރިން ރޯމާ އާއި މިލާނަށް އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ރޯމާ މިހާރު ވަނީ ދެ ވަނައިގައި 35 ޕޮއިންޓާ އެކު ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިލާން ތިން ވަނައިގައި އޮތީ 32 ޕޮއިންޓާ އެކު އެވެ.

ރޯމާގެ އޮލިމްޕިކް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފް މިލާނުން ކޮންޓްރޯލްކުރި އިރު ލީޑު ނަގަން އެ ޓީމަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު ފްރާންސް ފޯވާޑް އެމްބަޔޭ ނިއަންގެ ޖެހި ޕެނަލްޓީ ރޯމާގެ ގޯލްކީޕަރު ވޮސިއެކް ސެޒެސްނީ މަތަކުރި އެވެ. ދެ ވަނަ ހާފުގައި ރޯމާ އިން ރަނގަޅަށް ކުޅުނުއިރު އެ ޓީމުގެ ހަމައެކަނި ލަނޑު 62 ވަނަ މިނެޓުގައި ޖެހީ ރަޖާ ނައިންގޫލަން އެވެ. އޭނާ އަށް ހާފުގެ މެދުތެރެއިން ލިބުނު ބޯޅަ ހިފައިގެން ވަދެ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ވައްދާލީ ގޯލުގެ މަތީ ކަނަށެވެ.

ލީގުގައި އަންނަ ހަފުތާގައި ރޯމާ އާއި ޔުވެންޓަސް ކުޅޭއިރު އެ މެޗުން މޮޅުވެ ޔުވެންޓަސްއާ އެއް ޕޮއިންޓަށް ގާތްކުރުމުގެ ފުރުސަތު ރޯމާ އަށް އެބައޮތެވެ.