21 ޑިސެމްބަރ 2021 - 12:31

ރަޝިޔާއާ އެކުގައި ޑިޕްލޮމެޓިކް ގޮތްތަކުން މުއާމަލާތުކުރަން ތައްޔާރަށް އޮތް ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލިވާން އިއްޔެ ވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ހާރިޖީ ސިޔާސަތާ ބެހޭ މުޝީރު ޔޫރީ ޔުޝަކޯވްއާ ބައްދަލުކުރައްވައިފަ އެވެ. ސުލިވާން ވިދާޅުވި ގޮތުގައި އެމެރިކާ އޮތީ ރަޝިޔާއާ އެކުގައި ދެގައުމުގެ މަންދޫބުންގެ ސީދާ ބައްދަލުވުންތައް ވެސް ބާއްވާން ތައްޔާރަށެވެ.
ސުލިވާން ވިދާޅުވި ގޮތުގައި ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ދާއިރާ އިން މުއާމަލާތުކުރާ އިރު، ދެ ފަރާތުގެ މެދުގައި ދެކެވޭ ވާހަކަތައް ބިނާވާންޖެހޭނީ، އެއް ފަރާތުން އަނެއް ފަރާތުގެ ވާހަކަތަކަށް އިޖާބަދެވޭ ފަދަ ވާހަކަތަކަކަށެވެ. އޭގެ އިތުރުން ރަޝިޔާގެ އަމަލުތަކާ މެދު އެމެރިކާގައި ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވެންވާނެ އެވެ.
ރަޝިޔާ އާއި ޔޫކްރޭން ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް ރަޝިޔާގެ ސިފައިންނާއި ބަރު ހަތިޔާރުތައް ޖަމާކޮށްފައިވާ މައްސަލައިގައި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އެމެރިކާ އާއި ރަޝިޔާއާ ދެމެދު މަސްރަހު ގޯސްވެފައިވާ މިދަނޑިވަޅުގައި ދެ ގައުމުން ޑިޕްލޮމެޓިކް ދާއިރާއިން މުއާމަލާތުކުރަން އެމެރިކާ އެއްބަސްވުމަކީ، ރަޝިޔާއަށް ލިބުނު ކުރިއެރުމެއް ކަމަށް ބެލެވެ އެވެ.
މީގެ ކުރިން، ޔުކްރޭން މައްސަލައިގައި އެމެރިކާ އިން މުޅިން ވެސް ވާހަކަ ދައްކަމުން އައީ، ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާއެއް ދީފި ނަމަ، ޔޫކްރޭންގެ މިނިވަންކަމުގެ ދިފާއުގައި އެމެރިކާ އިން ބާރުގެ ބޭނުންކުރާނެ ފަދަ މޭރުމަކުންނެވެ. އޭގެ އިތުރުން އިގްތިސާދީ ގޮތުން ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް އެމެރިކާ އިން ވަނީ އިންޒާރުކޮށްފަ އެވެ.
ނަމަވެސް ޔޫކްރޭންގެ މައްސަލަ ހައްލުކުރުމަށް ދެ ފަރާތުގެ މެދުގައި މަޝްވަރާ ކުރުމަށް ރަޝިޔާއިން ހުށަހަޅާ ކަންތައްތަކެއް ވިލާތުގެ ގައުމުތަކާ މިހާރު ވަނީ ރަޝިޔާ އިން ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި އިރުމަތީ ޔޫރަޕްގަ އާއި ޔޫކްރޭންގައި ނޭޓޯގެ ފަރާތުން އަސްކަރީ އެއްވެސް ހަރަކާތެއް ނުހިންގުމަށް ނޭޓޯ އިން ވައުދުވުން ހިމެނެ އެވެ.
ނަމަވެސް އެމެރިކާ އިން ބުނާ ގޮތުގައި ރަޝިޔާއިން ހުށަހަޅާ ބައެއް ކަންކަމަކީ ގަބޫލުކުރެވޭނެ ފަދަ ކަންކަމެއް ނޫނެވެ. އެހެން ނަމަވެސް، ދެފަރާތުގެ މެދުގައި މަޝްވަރާ ކުރެވިދާނެ ގޮތުގެ ހުށަހެޅުމެއް މި ހަފުތާގައި ރަޝިޔާއާ ހިއްސާކުރާނެ ކަމަށް އެމެރިކާ އިން ބުނެ އެވެ.
އޮސްޓްރިއާގެ ވިއެނާގައި ހުންނަވާ ރަޝިޔާގެ ޑިޕްލޮމޭޓް ކޮންސްޓަންޓިން ގަވްރިލޯވް ވިދާޅުވި ގޮތުގައި ރަޝިޔާ އާއި ނޭޓޯއާ ދެމެދު އޮތް ގުޅުން މިހާރު މިވަނީ ތެދު ހާމަކުރުމުގެ ވަގުތަކާ އަރައި ހަމަކޮށްފަ އެވެ.
"ދެ ފަރާތުގެ މެދުގައި ދައްކާ ވާހަކަތައް މިހާރަށް ވުރެ ސީރިއަސްވާންޖެހޭ. ނޭޓޯގައި ކިތަންމެ ބާރަކާއި ފަންވަރު ހުއްޓަސް، މިހާރު މިއީ ހަރުދަނާ ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅަންވީ ވަގުތުކަމަށް ނޭޓޯ ގަބޫލުކުރޭ. އެހެން ނޫން ނަމަ އޭގެ ބަދަލުގައި ދެން ކުރިމަތިވާނީ ރަޝިޔާގެ އަސްކަރީ-ޓެކްނިކަލް އަދި އަސްކަރީ ރައްދަކާ ކަން ވެސް ނޭޓޯއަށް މިހާރު ގަބޫލުކުރެވޭނެ،" ކޮންސްޓަންޓިން ގަވްރިލޯވް ވިދާޅުވި އެވެ.
އެމެރިކާ އާއި ޔޫކްރޭނުން ދެކޭ ގޮތުގައި ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ރަޝިޔާގެ ސިފައިން ޖަމާކުރަމުން ދަނީ، ޔޫކްރޭނަށް ހަމަލާއެއް ދިނުމުގެ ބޭނުމުގަ އެވެ. ނަމަވެސް ރަޝިޔާއިން ބުނާ ގޮތުގައި އެގައުމުން ދިފާއީ ފިޔަވަޅުތައް އަޅަމުން ދަނީ، އިރުމަތީ އޭޝިޔާގައި ނޭޓޯގެ އަސްކަރީ ހަރަކާތްތައް އިތުރުކުރާތީ އެވެ.