21 ޑިސެމްބަރ 2021 - 12:28

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ، ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަލީ އިމްއާން، ގައުމީ ދެ ރެކޯޑެއް މުގުރާލައިފި އެވެ.
އިމްއާން ވަނީ 25 މީޓަރު ޝޯޓް ކޯސް އަށް ހާއްސަކޮށްގެން ކުރިއަށްދާ މުބާރާތުގައި 400 މީޓަރުގެ ފްރީސްޓައިލް އަދި 100 މީޓަރުގެ ބެކްސްޓްރޯކް ރެކޯޑް ހަދައިފަ އެވެ. އަބޫދާބީގައި މިހާރު ކުރިއަށްދާ މުބާރާތުގައި 100 މީޓަރުން އިމްއާން ހެދި ރެކޯޑް ކުރިން ވެސް އޮންނަނީ އޭނާގެ އަތުގަ އެވެ. ޑިސެމްބަރު 2019 ގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިިއަން ގޭމްސްގައި ވާދަކޮށް އިމްއާން ވަނީ، 100 މީޓަރު ބެކްސްޓްރޯކްގެ ރޭސް 1:05.26 (އެއް މިނިޓް 5.26 ސިކުންތު) އިން ފުރިހަމަކޮށްފަ އެވެ. އަބޫދާބީގައި އިމްއާން ރޭސް ނިންމީ 1:03.02 އިންނެވެ.
އޭނާ މުގުރާލި 400 މީޓަރުގެ ރެކޯޑް ކުރިން އޮންނަނީ، މުބާލް އައްޒާމް އަތުގަ އެވެ. ސައުތު އޭޝިއަން ގޭމްސްގައި މުބާލް ވާދަކޮށް 400 މީޓަރު ފްރީ ސްޓައިލްގެ ރޭސް ނިންމާފައި ވަނީ 4:40.28 އިންނެވެ. އިއްޔެ އިމްއާން ރޭސް ނިންމާފައި ވަނީ 4:24.45 އިންނެވެ.
އޮކްޓޯބަރު މަހު ރަޝިއާގައި ބޭއްވި ސްވިމިން ވޯލްޑް ކަޕްގައި ވެސް ގައުމީ ތިން ރެކޯޑެއް އިމްއާން މުގުރައިލި އެވެ. ދުނިޔޭގެ ސްވިމިން ފެޑެރޭޝަން (ފީނާ) ގެ ސްކޮލާޝިޕެއްގެ ދަށުން ރަޝިއާގައި ތަމްރީނު ހަދަމުން އަންނަ އިމްއާން، ސްވިމިން ވޯލްޑް ކަޕްގައި އެންމެ ފުރަތަމަ މުގުރައިލީ މެޑްލޭ ޝޯޓް ކޯސް 100 މީޓަރުގެ ރެކޯޑެވެ. އަދި އޭނާ ވަނީ ޝޯޓް ކޯސް 50 މީޓަރު ބެކްސްޓްރޯކްގެ އިތުރުން 400 މީޓަރު މެޑްލޭގެ ރެކޯޑް މުގުރާލައިފަ އެވެ.
ޝޯޓް ކޯސް 50 މީޓަރު ބެކްސްޓްރޯކް ރެކޯޑް ކުރިން ވެސް މުގުރައިލީ އިމްއާނެވެ. އޭނާގެ އަމިއްލަ ރެކޯޑް އާކުރީ 29.23 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން އެ ރެކޯޑް އިމްއާން ހެދީ ޑިސެމްބަރު 2019 ގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެސްއޭ ގޭމްސްގައި އިމްއާން ރެކޯޑް ހެދީ 29.44 ސިކުންތުންނެވެ.
މެޑްލޭ ޝޯޓް ކޯސް 100 މީޓަރުގެ ގައުމީ ރެކޯޑް ކުރިން އޮތީ މުބާލް އައްޒާމް އިބްރާހިމްގެ އަތުގަ އެވެ. ސެޕްޓެމްބަރު 2017 ގައި ތުރުކްމެނިސްތާނުގައި ބޭއްވި އޭޝިއަން އިންޑޯ އަދި މާޝަލް އާޓްސް ގޭމްސްގައި މުބާލް، އެ ރެކޯޑް ހެދީ 1:10.13 އިން ރޭސް ނިންމައިގެންނެވެ. ފީނާ ސްވިމިން ވޯލްޑް ކަޕްގައި ވާދަކޮށް، އިމްއާން، އެ ރެކޯޑް މުގުރާލީ 1:04.93 އިން ރޭސް ނިންމައިގެންނެވެ. ޝޯޓްކޯސް މެޑްލޭ 400 މީޓަރު ރެކޯޑް ކުރިން އޮންނަނީ އިންޓަނޭޝަނަލް ގޭމްސްގައި އެ އިވެންޓްގައި އެންމެ ފުރަތަމަ ވާދަކުރި ދިވެހި ފެތުންތެރިޔާ މުހައްމަދު އާން ހުސައިން އަތުގަ އެވެ.
ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް އާން، ޝޯޓްކޯސް މެޑްލޭ 400 މީޓަރުގެ ރޭސް ނިންމީ 5:49.08 އިންނެވެ.
ޖަޕާނުގައި މިދިޔަ އޮގަސްޓް މަހު ބޭއްވި އޮލިމްޕިކްސް ގޭމްސްގައި ވާދަކުރުމަށް ސްވިމިން އެސޯސިއޭޝަނުން ބޭއްވި ޓައިމް ޓްރެއަލްގައި ކުރި ހޯދައިގެން އެ ފުރުސަތު އެންމެ ފުރަތަމަ ހޯދި ދެ ފެތުންތެރިންގެ ތެރޭގައި އިމްއާން ހިމެނުނެވެ. އަނެއް ފެތުންތެރިޔަކީ އައިޝަތު ސައުސަން އެވެ.
ނަމަވެސް ފަހު ވަގުތު އެ ދެ ފެތުންތެރިން ބާކީވީ، ފީނާ އިން އުސޫލު ބަދަލު ކުރުމުންނެވެ. ފީނާ އިން އެންގީ އެ ޖަމާއަތުގެ ރޭންކިންގައި އެންމެ ކުރީގައި ތިބި ރޭއްޖޭގެ ދެ ފެތުންތެރިންނަށް ފުރުސަތު ދިނުމަށެވެ. އެ ގޮތަށް ނިންމުމުން ފުރުސަތު ދިނީ މުބްލް އާއި އާމިނަތު ސާޖިނާ އަށެވެ.