21 ޑިސެމްބަރ 2021 - 15:01

ޗައިނާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު ޒެންގް ގައޮލި އަށް އެ ގައުމުގެ މަޝްހޫރު ޓެނިސް ތަރި ޕެންގް ޝުއައީ ކުރި ޖިންސީ ގޯނާގެ ތުހުމަތު އޭނާ ދޮގުކޮށްފި އެވެ.
ޒެންގް ގަލޮއި އަށް ތުހުމަތުކޮށް ޕެންގް އޮންލައިންކޮށް ޕޯސްޓެއް ހިއްސާ ކުރުމާ އެކު އޭނާ އާންމުންގެ ލޯތަކުން ގެއްލުނެވެ. އަދި އެ މައްސަލަ އަށް މުޅި ދުނިޔެ އިން ކަންބޮޑުވުން ފާޅުކުރި އެވެ. މީގެ އިތުރުން ވިމެންސް ޓެނިސް އެސޯސިއޭޝަން (ޑަބްލިއުޓީއޭ) އިން ވެސް ވަނީ ޗައިނާ ސަރުކާރުން މިކަން ފޮރުވަން އުޅޭކަމަށް ބުނެ ޕެންގް އަށް ވީނުވީއެއް ބަލައި ތަހުގީގު ކޮށްދޭން އެ ގައުމުގެ ސަރުކާރަށް ގޮވާލައިފަ އެވެ.
ޕެންގުގެ މި ތުހުމަތުތައް ދޮގުކުރީ ޗައިނާ ބަހުން ނެރޭ ސިންގަޕޫރުގެ ނޫހެއް ކަމަށްވާ ލިއާންހީ ޒައޮބާއޯ އަށް މި ހަފްތާގެ އާދިއްތަ ދުވަހު ދިން އިންޓަވިއުއެއްގަ އެވެ. މި އިންޓަވިއުގައި އޭނާ ބުނީ، އެއްވެސް އިރެއްގައި އޭނާ ޖިންސީ ގޯނާއެއްގެ ޝިކާރައަކަށްވީ ކަމަށް ބުނެފައި ނުވާނެ ކަމަށެވެ. އަދި އޭނާ ފާހަގަކުރާ އެ ވާހަކައަށް ވަރަށް ރަނގަޅަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ޕެންގް އިތުރަށް ބުނީ، އޭނާ އުޅޭ ނޫޅޭގޮތް ސަރުކާރުން އަދި އެއްވެސް އިދާރާއަކުން ވެސް މޮނިޓާ ނުކުރާ ކަމަށާއި، އޭނާއަކީ އަބަދުވެސް ވަރަށް މިނިވަން ކަމާއެކު އުޅޭ މީހެއް ކަމަށެވެ.
ޗައިނާގެ ސޯޝަލް މީޑީއާ ނެޓްވޯކް، ވެއިބޯގައި މިދިޔަ ނޮވެމްބަރު މަހު ޕެންގް ޕޯސްޓެއް ޝެއާކޮށްފައިވެ އެވެ. ޕެންގްގެ އެކައުންޓުން ޝެއާކުރި އެ ޕޯސްޓުގައި ބުނެފައި ވަނީ ޒެންގްއާ އެކު ލޯބީގެ ގުޅުމެއް އޮތް ކަމަށާއި، އޭނާ ގެއަށް ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގަން މަޖުބޫރު ކުރާ ކަމަށެވެ.
ޕެންގްގެ ޕޯސްޓް ޝެއާ ކުރިތާ މާ ގިނައިރެއް ނުވެ، އެ ޕޯސްޓް ވަނީ ޑިލީޓް ކޮށްލައިފަ އެވެ. އަދި އެއަށް ފަހު އޭނާއަށް ވީނުވީއެއް ނޭނގިގެން، ޑަބްލިއުޓީއޭގެ އިތުރުން މަޝްހޫރު ޓެނިސް ތަރިން ކަމަށްވާ ނައޯމީ އޮސާކާ އާއި ސެރީނާ ވިލިއަމްސް އަދި ކޯވަކް ޖޮކޮވިޗް ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ޑަބްލިއުޓީއޭ އިން ޗައިނާގައި ބާއްވަން ހަމަޖެހިފައިވާ ހުރިހާ މުބާރާތެއް ސަސްޕެންޑް ކުރިއިރު، އެ އެސޯސިއޭޝަނުން ވަނީ ޕެންގްގެ ނަމުގައި ޗައިނާގެ ޓީވީއަކުން އާއްމުކުރި މެއިލް އަކާ މެދު ވެސް ޝައްކު އުފައްދައިފަ އެވެ.
މެއިލްގައި ޕެންގް ހުރީ ސަލާމަތުން ކަމަށާއި ނުގެއްލޭ ކަމަށް ބުނެ، ޒެންގް އަށް ކުރި ތުހުމަތުތަކުގައި ވެސް ހަގީގަތެއް ނެތް ކަމަށް އޭނާ ބުނެފައި ވާއިރު، ޕެންގް ބުނީ އެއީ އޭނާ ޗައިނާ ބަހުން ލިޔުނު މެއިލް އެއް ކަމަށެވެ. އަދި ޗައިނާގެ ސްޓޭޓް މީޑިއާއިން އާއްމުކުރި އެ މެއިލްގެ އިނގިރޭސި ތަރުޖަމާގައި ވެސް މައްސަލައެއް ނޫޅޭ ކަމަށް ޕެންގް ވަނީ ބުނެފަ އެވެ.