ކޯޓުން ޗިޓު ފޮނުވިކަން ވެން ބިސާކާ އަށް ނޭނގުނު
ކޯޓުން ޗިޓު ފޮނުވިކަން ވެން ބިސާކާ އަށް ނޭނގުނު

މެންޗެސްޓާ (ޑިސެމްބަރު 21) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ފުލްބެކް އާރޮން ވެން ބިސާކާ ބާރަށް ކާރު ދުއްވައިގެން ބްރެންޓްފޯޑުގެ ޓްރެފިކް ޕޮލިހުން އޭނާ ހުއްޓުވައި، ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވިކަން ނޭނގޭ ކަމަށް އޭނާގެ ވަކީލު ބުނެފި އެވެ.

ވެން ބިސާކާ، 24، ކޯޓަށް ހާޒިރު ނުވުމުން މި އަހަރުގެ ޖޫން 18 ވަނަ ދުވަހު ލީޑްސްގެ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ގައިރު ހާޒިރުގައި އަޑުއެހުން ކުރިޔަށް ގެންގޮސް، ހަ މަހަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފަ އެވެ. އަދި ކޯޓުން މިގޮތަށް ނިންމިތާ ފަސް ދުވަސް ފަހުން ވެން ބިސާކާ ވަނީ މެންޗެސްޓާގައި، ވެހިކަލްގެ އިންޝުއަރެންސް ނުލައި ދުއްވައިގެން ޕޮލިހުން ހުއްޓުވައިފަ އެވެ.

ވެން ބިސާކާ ވަނީ ކޯޓުގައި މި ކުށްތަކަށް އިއުތިރާފް ވެސްވެފަ އެވެ. އަދި މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އޭނާ ހިފެހެއްޓުމުން އޭނާގެ މައުލޫމާތު ޕޮލިހުންނަށް ދޭން ދޮކޮޅު ހެދި ކަމަށް ވެސް އޭނާ އެއްބަސްވި އެވެ.

ނަމަވެސް ވެން ބިސާކާގެ ވަކީލު ޝޯން ޑްރޭކޯޓް ކޯޓުގައި ބުނީ، ކޯޓަށް ހާޒިރުވާން ނޯޓިސް ލިބިފައިނުވީ، ކްރޮއިޑަންގައި ވެން ބިސާކާ ކުރިން ދިރިއުޅުނު ގެއަށް ޗިޓްތައް ފޮނުވުމުން ކަމަށެވެ.

ވަކީލް ބުނީ ވެން ބިސާކާގެ ފުރަތަމަ ކްލަބް ކްރިސްޓަލް ޕެލަސްއާ އެކު އުމުރުން 11 އަހަރުން ފެށިގެން އުޅުނީ ކްރޮއިޑަންގައި ކަމަށާއި، 2019 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ފަހުން އޭނާގެ އެޖެންޓާ އެކު އޮންނަ ބައްދަލުވުންތައް ކުރިޔަށް ގެންދަނީ އެ ގޭގައި ކަމަށެވެ. އަދި ކޯޓުން ނޯޓިސް ފޮނުވި ކަމަށް ބުނާ ދުވަސްވަރު އެ ގޭގެ މަރާމާތުގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިޔަ ކަމަށް ވެސް ވަކީލު ވަނީ ކޯޓުގައި ބުނެފަ އެވެ.

ވެން ބިސާކާ ވަނީ ހަ މަސް ދުވަސް ވަންދެން އެއްގަމު އުޅަނދު ދުއްވުން މަނާކޮށް، 31،500 ޕައުންޑުން ޖޫރިމަނާކޮށްފި އެވެ

ކްރިސްޓަލް ޕެލަސް ދޫކޮށް ވެން ބިސާކާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ ޖޫން 2019 ގައި 50 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށެވެ.