13 ޑިސެމްބަރ 2016 - 11:27

ލިވަޕޫލް (ޑިސެމްބަރު 13) - އެހެން އަހަރުތަކަށް ވުރެ އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރު މާ ވާދަވެރި ކަމަށާއި ކޮންމެ ޕޮއިންޓެއް ވެސް މުހިއްމު ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ލީގުގެ އެއް ވަނައިގައި 15 މެޗުން 37 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު، ދެ ވަނައިގައި އާސެނަލް އޮތީ 15 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ރަށުން ބޭރުގައި އެވަޓަން އަތުން އާސެނަލް މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ އެއް ވަނަ ލިބޭނެ އެވެ. އެއީ ޗެލްސީ ކުޅޭ މެޗު އޮތީ މާދަމާރޭ ކަމަށް ވުމުންނެވެ.
ވެންގާ ބުނީ ޗެލްސީ މި ވަގުތު ލީގުގެ ކުރީގައި އޮތް ނަމަވެސް އާސެނަލަށް އެ ޓީމާ ހަމަކުރެވޭނެ ކަމަށެވެ.
"މި ސީޒަނުގައި ހަ ވަރަކަށް މެޗު ގޮސްފި އާސެނަލް 1-0 އިން ފަހަތުގައި އޮވެފައި ފަހަތުން އަރައި މޮޅުވި. މީގެއިން އެބަ އެނގޭ މި ޓީމުގެ ރޫހު ރަނގަޅުކަން. ޗެލްސީ މި ވަގުތު ކުރީގައި އޮތަސް އެއީ އެއް މެޗެއް ނޫނީ ދެ މެޗަކުން ބަދަލުވެދާނެ ކަމެއް،" ވެންގާ ބުންޏެވެ.
ލީގުގައި އެންމެ ފަހުން ސްޓޯކް ސިޓީ އަތުން 3-1 އިން މޮޅުވި މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން އާސެނަލްގެ ޖަރުމަނު ޑިފެންޑަރު ޝްކޮޑްރަން މުސްތާފީ ވަނީ ދެ ހަފްތާ އަށް ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ. ވެންގާ ބުނީ މުސްތާފީ ނެތްތަން ފޫބެއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އާސެނަލް ޓީމުގައި އެބަތިބި ތަފާތު މަގާމުތަކަށް ކުޅެވޭފަދަ ހުނަރުހުރި ކުޅުންތެރިން. މުސްތާފީ ނެތްތަން ފޫބެއްދޭނެ ފެންވަރު އެބަހުރި،" ވެލެންސިއާ ދޫކޮށް މި ފަހަރު އާސެނަލަށް ބަދަލުވި މުސްތާފީއާ ބެހޭގޮތުން ވެންގާ ބުންޏެވެ.
ލީގުގައި އެންމެ ފަހުން އާސެނަލާއި ދެކޮޅަށް ކުޅުނު 18 މެޗުގެ ތެރެއިން އެވަޓަން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ 2014 ވަނަ އަހަރު އެވަޓަން ދަނޑުގައި 3-0 އިން މޮޅުވި މެޗެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުން އެވަޓަނަށް ހޯދުނީ އެންމެ މޮޅެކެވެ. އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ މިއީ އެވަޓަންގެ ސީޒަން ސަލާމަތްކުރަން މޮޅެއް ހޯދުން މުހިއްމު މެޗެއް ކަމަށެވެ.
"މޮޅެއް ނުހޯދި ގިނަ މެޗުތަކެއް ދިއުމަކީ ކުޅުންތެރިންގެ ކޮންފިޑެންސް ދަށްވާ ކަމެއް. ލީގުގައި ކުރިއަށްދާން ބަލާއިރު މިއީ މޮޅެއް ހޯދުން ވަރަށް މުހިއްމު މެޗެއް،" ކުރިން ސައުތެމްޓަނަށް ކޯޗުކޮށްދިން ކޫމަން ބުންޏެވެ.
އާސެނަލާއި އެވަޓަން ކުޅޭ މެޗު ފަަށާނީ ރާއްޖެ ގަޑިން މިރޭ 00:45 ގަ އެވެ.