20 ޑިސެމްބަރ 2021 - 23:13

މިދިޔަ ބުރާސްފަތި ދުވަހު ފިލިޕިންސްއަށް އެރި ބާރުގަދަ ތޫފާން، "ރައި" ގެ ސަބަބުން ހާލުގައި ޖެހުނު ދިވެހި ދަރިވަރުންނަށް އިތުރަށް އެހީތެރިވުމުގެ މަސައްކަތް ފިލިޕިންސްގެސަފީރާއި، ފިލިޕިންސްގައި ހުންނަ ރާއްޖޭގެ އޮނަރަރީ ކޮންސުލް މެދުވެރިކޮށް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ގަޑިއަކު 121 މޭލު ބާރުމިނުގައި ވައިޖެހުނު ތޫފާނުގައި މަރުވި މީހުންގެ އަދަދު 200 އިން މައްޗަށް އަރަ އެވެ. އެކި އިމާރާތްތައް ބިމާހަމަވި މި ތޫފާނުގައި ސީބޫ ސިޓީއަށް ވެސް ވަރަށް ބޮޑަށް ގެއްލުންވި އެވެ.
އެ ސަރަހައްދުގައި ހުންނަ އެއާވޯކްސް އޭވިއޭޝަން އެކަޑެމީގައި ޕައިލެޓް ޓްރެއިނިން ހަދަމުން އަންނަ ދަރިވަރުން ތިބޭ ތަނަކަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވުމުން ސަރުކާރުން އަންނަނީ މި ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް އެގައުމުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
އެ ގައުމުގެ އެތައް ހާސް ބަޔަކު ވެސް މަގުމަތިވި މި ހާދިސާއަށް ފަހު ދިވެހި ދަރިވަރުންނަށް އެހީ ފޯރުކޮށްދޭން ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ އެ ދަރިވަރުން ކިޔަވާ ސްކޫލަށް ގުޅިފައިވާ ކަމަށާއި އެތަނުގައި 45 ދިވެހި ދަރިވަރުން އެބަ ތިބި ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކާނާ އާއި ބޯފެން އެ ކުދިންނަށް ވަނީ ލިބިފަ އެވެ. އަދި ހުރިހާ ކުދިންގެ ވެސް ހާލަތު އާންމު ގޮތެއްގައި ރަނގަޅެވެ.
ފާއިތުވި ހަތަރު ދުވަހު، އެ ދަރިވަރުން ތިބި ސަރަހައްދަށް ކަރަންޓު ނުލިބޭތީ ފޯނުތައް ޗާޖުކުރުމާއި ކެއްމަށް ވަނީ ދަތިވެފަ އެވެ. އެކުދިންގެ ހާލަތާ މެދު ބެލެނިވެރިން ކަންބޮޑުވެފައި ތިއްބާ މިނިސްޓްރީން ވަނީ އިއްޔެ ބައެއް ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލު ވެސް ކޮށްފަ އެވެ. މިނިސްޓްރީން ބުނީ މިއީ ބެލެނިވެރިންގެ އެދުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
"ތޫފާނުގެ ސަބަބުން އެސަރަހައްދަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕިންސްގެ ކަމާބެހޭ އިދާރާތަކަށް ދަތިތައް ވަނީ ކުރިމަތިވެފައި،" މިނިސްޓްރީން ބުންޏެވެ.
އެތަނުގައި ކިޔަވާ ބައެއް ދަރިވަރުން މިއަދު ހެނދުނު، "މިހާރު" އަށް ބުނީ އެކުދިން ވަރަށް ހާލުގައި އުޅެމުން އަންނަ ކަމަށެވެ. ރަނގަޅަށް ކާން ލިބެނީ ވެސް އެންމެ އިރެއްގައި ކަމަށާއި ދެން މުޅި ދުވަހު ތިބެނީ ލުއިކާނާ ކައިގެން ކަމަށް ބުންޏެވެ. އެކަމަކު ބޯފެނުގެ ދަތިކަން މިވަގުތު ނެތް ނަމަވެސް ފެންވެރުން ފަދަ ކަންކަމަށް ދާން ޖެހެނީ ކައިރި ހިސާބުތަކުގައި ހުންނަ ވަޅުތަކުގެ ކައިރިއަށެވެ.
ދަރިވަރުން އުޅޭ ސަރަހައްދަަށް ފޯނު ރޭންޖް ނުލިބޭތީ އާއިލާގެ މީހުންނާ ވާހަކަ ދައްކަން ވެސް ޖެހެނީ ދުރު ހިސާބުތަކަށް ދާށެވެ. މިއީ އެ ހިސާބުގައި މި ވަގުތު އެންމެންގެ ވެސް ހާލަތެވެ.
ފިލިޕިންސަށް މި އަހަރު އެރި އެންމެ ބާރުގަދަ ތޫފާނު ކަމަށްވާ "ރައި" ގައި 490,000 މީހަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.