އުމަރު ޒާހިރަކީ ޒަމާނީ ދިވެހިރާއްޖޭގެ ހިއްސާދާރެއް: ނަޝީދު
އުމަރު ޒާހިރަކީ ޒަމާނީ ދިވެހިރާއްޖޭގެ ހިއްސާދާރެއް: ނަޝީދު

އުމަރު ޒާހިރަކީ ޒަމާނީ ދިވެހިރާއްޖެ ބިނާކުރެއްވުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވި ހިއްސާދާރެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ އުމަރު ޒާހިރު އުމުރުފުޅުން 85 އަހަރުގައި މިއަދު އަވަހާރަވުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ ކަންކަމުގައި ވެސް އުމަރު ޒާހިރުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

އުމްރާނީ ތަރައްގީގައި އުމަރު ޒާހިރު އަދާކުރައްވާފައިވާ އަގު ނުކުރެވޭ ހިދުމަތްތަކުގެ އިތުރުން އެކި ދުވަސްވަރު އެކި މަގާމުތަކުގައި އެކި ހިދުމަތްތައް ވަނީ ކުރައްވައިފަ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީތައް އުފެއްދެވީ ވެސް ޒާހިރުގެ ހޯމް މިނިސްޓަރުކަމުގަ އެވެ.

އުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން އެކި ބޭފުޅުން ޝުއޫރުތައް ފާޅުކުރައްވަމުން ގެންދަވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިފަކުރެއްވި ގޮތުގައި އުމަރު ޒާހިރަކީ ލެޖެންޑެކެވެ. މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ހިދުމަތްކުރެއްވި އުމަރު ޒާހިރަކީ މައުމޫން ވިދާޅުވި ގޮތުގައި ގައުމީ ހަޒާނާއެކެވެ.

އެކި މިނިސްޓްރީތަކުގައި 1983 އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޒާހިރު މަސައްކަތް ކުރެއްވި އެވެ. މާލޭގެ ތަރައްގީގެ މަޝްރޫއުތަކުން ފެށިގެން ހުޅުމާލެ ހިއްކުމުގެ މަޝްރޫއާއި ތިލަފުށި ހިއްކައި އެތަނުގައި ކުނި އަންދަން ފެށުން ފަދަ އެތައް މަސައްކަތެއް އޭނާ ކުރެއްވި އެވެ.

ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ވަޒީފާ އަދާކުރެއްވުމުގެ އިތުރުން ސަރުކާރަށް ސީދާ ހިދުމަތް ފެއްޓެވުމުގެ ކުރިން އެމަނިކުފާނު ވަނީ ބަނޑޮހުގެ މެނޭޖަރު ކަމާއި މަޖީދިއްޔާ ސްކޫލުގެ ހެޑްމާސްޓަރު ކަން ވެސް ކުރެއްވި އެވެ.