20 ޑިސެމްބަރ 2021 - 18:11

އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފި އެވެ.
ހުޅުމާލޭ ސަހަރާ މިސްކިތުގައި ކަށުނަމާދު ބޭއްވުމަށް ކުރިން ނިންމި ނަމަވެސް މިހާރު ބަދަލުކޮށްފައި ވަނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަޒުކަޒުގައި ކަށުނަމާދު ބާއްވާ ގޮތަށެވެ.
މައްޔިތާގެ މޫނު ދެއްކުން އޮތީ މަޣްރިބް ނަމާދާ ހަމަޔަށް، ހުޅުމާލޭ ސަރަހަރާގަ އެވެ.
އުމުރުފުޅުން 85 އަހަރުގައި އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ. ހާލުކޮޅު ސީރިއަސް ވެގެން އިއްޔެ ހަވީރު 3:30 ހާއިރުން ފެށިގެން އައިސީޔޫގައި ވެސް ފަރުވާދޭން ޖެހުނެވެ.
ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި، އުމަރު ޒާހިރަށް ވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ވެސް އަރުވައިފަ އެވެ.
ދައުލަތުގެ އިއްޒަތްތެރިން އަވަހާރަވުމުން އާންމުކޮށް ގަލޮޅު ސަހަރާގައި ފަސްދާނުލެއްވި ނަމަވެސް އުމަރު ޒާހިރު ވަނީ "އާންމުން ވަޅުލާ ތަނެއްގައި ވަޅުލަން" ވަސިއްޔަތް ކުރައްވައިފަ އެވެ.
އުމަރު ޒާހިރު ވަނީ 1983 އިން 2008ގެ ނޮވެމްބަރުގެ ނިޔަލަށް އެކި މިނިސްޓްރީތަކުގެ މިިނިސްޓަރުކަން ކުރައްވައިފަ އެވެ. މާލޭގެ މަގުތަކުގައި ގާއެތުރުމުގެ މަޝްރޫއު ފެށުމާއި ހުޅުމާލެ ހިއްކުމުގެ މަޝްރޫއާއި ތިލަފުށި ހިއްކައި އެތަނުގައި ކުނި އަންދަން ފެށުމާއި މާލޭގެ އާޓިފިޝަލް ބީޗް ހެދުން ކަހަލަ ވަރަށް ބޮޑެތި މަޝްރޫއުތައް ހިނގާފައި ވަނީ އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުންނެވެ.