13 ޑިސެމްބަރ 2016 - 10:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން މިއަދު ހެނދުނު ގއ. އަތޮޅަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެންމެ ފުރަތަމަ ރައީސް ވަޑައިގަންނަވާނީ ގއ. ވިލިނގިއްޔަށެވެ. އަދި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު ދެން ވަޑައިގަންނަވާނީ އެ އަތޮޅު ގެމަނަފުއްޓަށް ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސަށް މަރުހަބާ ވިދާޅުވުމަށް ގެމަނަފުށި ވަރަށް ބޮޑަށް ތައްޔާރުވެފައިވާ އިރު، އެ ރަށުގައި އަމިއްލަ މީހަކު އަޅައިދީފައިވާ މިސްކިތެއް އެ މަނިކުފާނު ހުޅުއްވައިދެއްވާނެ އެވެ. އަދި އެ ރަށުގައި އަލަށް ބަހައްޓާ، އައިސް ޕްލާންޓެއް ވެސް އިފްތިތާހު ކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް، މިދިޔަ އާދިއްތަ ދުވަހު ގެމަނަފުށީގައި ފަށާފައިވާއިރު މިރޭ ބާއްވާ، މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ރައީސާ އެކު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރު ވެސް މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.