"މަނިކެ މަގޭ ހިތޭ" އިން ވިދި ޔޮހާނީއަށް ސަރުކާރުން ހަދިޔާއަކަށް ބިމެއް ދެނީ
"މަނިކެ މަގޭ ހިތޭ" އިން ވިދި ޔޮހާނީއަށް ސަރުކާރުން ހަދިޔާއަކަށް ބިމެއް ދެނީ

ދާދި ފަހުން މުޅި ދުނިޔޭގައި ވެސް ބޮޑު މަޝްހޫރު ކަމެއް ހޯދި ލަވަ ސްރީލަންކާގެ ލަވަ "މަނިކެ މަގޭ ހިތޭ" ގެ އަޑުގެ ވެރިޔާ ޔޮހާނީ ދިލޯކާ ޑި ސިލްވާ މިއުޒިކް ދާއިރާ އިން ހޯދަމުން އަންނަ ކާމީޔާބީއަށްޓަކައި ސަރުކާރުން އޭނާ އަށް ހަދިޔާއެއްގެ ގޮތުގައި ބިމެއް ދޭން ކެބިނެޓަށް ހުށަހަޅައިފި އެވެ.

މިއުޒިކުން ބައިނަލްއަގްވާމީ މައިދާނުގައި ގައުމުގެ ނަން ވިދާލާފައިވާތީ 28 އަހަރުގެ ފަންނާނަށް ހަދިޔާއަކަށް ބިމެއް ދޭން ކެބިނެޓަށް ހޯމަ ދުވަހު ހުށަހަޅާފައިވާތީ އެކަމާ ވަޒީރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު، ބޮޑުވަޒީރު މަހިންދުރަ ރާޖްޕަކްސާ ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ލަންކާގެ މީޑިއާތަކުން ބުންޏެވެ.

އޭނާ އަށް ބިމެއް ދޭން ނިންމާފައި ވަނީ ސްރީލަންކާގައި މިހާރު އާބަން އޭރިއާއެއްގެ ގޮތުގައި ކުރިއަރަމުން އަންނަ ބައްޓަރަމުއްލާ ސިޓީގެ ރޮބަޓް ގުނަވަރުދެނާ މަވާތާއިންނެވެ. އަދި އެ ބިމަކީ އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބެލުމުގެ ދަށުގައި އޮތް ބިމެކެވެ.

ޔޮހާނީގެ "މަނިކެ މަގޭ ހިތޭ" އަށް ލިބުނު މަޝްހޫރު ކަމާއި މަގުބޫލުކަމާ އެކު، އެ ލަވައިގެ އެތައް ވާޝަނެއް އެކި ގައުމުތަކުން އެ ގައުމުތަކުގެ ބަހުރުވަތަކުން ލަވަކިޔުންތެރިން ކަވަކޮށްގެން ނެރެފައިވެ އެވެ. އެގޮތުން އަންނަ އަހަރުގެ ޖުލައި 29 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ތޭންކް ގޯޑް" ގައި "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަނެއް އައިޓަމް ލަވައެއްގެ ގޮތުގައި ހިމަނަން ވެސް ނިންމާފައިވެ އެވެ.

އިންދަރު ކުމާރު ޑައިރެކްޓްކޮށް ގެނެސްދޭ އެ ފިލްމުގެ ތަރިންނަކީ އަޖޭ ދޭވްގަނާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ސިދާތު މަލްއުތުރާ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި "ތޭންކް ގޯޑް" ގެ އައިޓަމް ލަވަ ފިލްމުގައި ހިމަނާނީ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތުހީގެ ނެށުންތަކާ އެކީގަ އެވެ.