20 ޑިސެމްބަރ 2021 - 15:58

ދައުލަތުގެ އިއްޒަތްތެރިން އަވަހާރަވުމުން އާންމުކޮށް ފަސްދާނުލާ ގަލޮޅު ސަހަރާގެ ބަދަލުގައި "އާންމުން ވަޅުލާ ތަނެއްގައި ވަޅުލަން" އުމަރު ޒާހިރު ވަސިއްޔަތް ކުރައްވާފައިވާ ކަމަށް، އެމަނިކުފާނުގެ ގާތް އެކުވެރިޔާ އަބްދުލްހަމީދު އަލީ ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ހަމީދު ވިދާޅުވީ، އުމަރު ޒާހިރު ވަނީ ވަރަށް ބޮޑު ވަސިއްޔަތެއް ކުރައްވާފައި ކަމަށާއި އެކަން އެމަނިކުފާނުގެ އާއިލާ އަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ.
"ވިދާޅުވީ ހަމީދު ދުނިޔޭގައި ހުއްޓާ ތިމަންނަ މަރުވެއްޖިއްޔާ އާންމުން ވަޅުލާ ތަނެއްގައި ވަޅުލާށޭ. އެކަމަކު އެއީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ކަމަށް ނުވާތީ އެ ވާހަކަ އުމަރު ޒާހިރުގެ އާއިލާ އަށް ވާނީ ދަންނަވައިފައި،" އުމަރު ޒާހިރާ އެކު 32 އަހަރު ވަޒީފާ އަދާކުރައްވާފައިވާ، އަދި އަވަހާރަވުމާ ހަމައަށް ވެސް އުމަރު ޒާހިރާ ވަރަށް ގާތުގައި އުޅުއްވި ހަމީދު ވިދާޅުވި އެވެ.
މާލޭގައި މަރުވާ އާންމުން ވަޅުލަމުން ގެންދަނީ އާސަހަރާގަ އެވެ.
އުމަރު ޒާހިރަށް ދައުލަތުގެ މަތީ ޝަރަފު ވަނީ އަރުވައިފަ އެވެ. ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި، އަދި ދައުލަތުގެ ވަރަށް މަތީ މަގާމުތަކެއް ފުރުއްވާފައި އުމަރު ޒާހިރަށް އެރުވީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބެވެ.
އުމުރުފުޅުން 85 އަހަރުފުޅުގައި އުމަރު ޒާހިރު މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި އަވަހާރަވީ، ކޮވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.